އިލެކްޝަންސް ކޮމިޝަން

"ދިވެހި އުއްމީދީ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ހުއްދަދީފި

އިބްރާހިމް ޒަކީ

"ދިވެހި އުއްމީދީ ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

އެ ހުއްދަ މިއަދު އިލެކްޝަންސް ކޮމިޝަނުން ދިނީ މ. ރީފްފިޝް މުހައްމަދު ސައީދު އަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ "ދިވެހި އުއްމީދީ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ މުހައްމަދު ސައީދަށް މިއަދު ދީފައިވާ ކަމަށެވެ.

"ދިވެހި އެންމެންގެ ޕާޓީ"ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ވެސް މިދިޔަ ނޮވެމްބަރު މަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފަ އެވެ. ނަމަވެސް މޯލްޑިވްސް ޖަސްޓިސް ޕާޓީ (އެމްޖޭޕީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މިމަހު އެ ކޮމިޝަނަށް ހުށަހެޅުމުން އެހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ (އެމްޖޭޕީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނުދެން ނިންމީ އެ ނަމަކީ މިހާރު ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީއަކާ އެއްގޮތް ނަމެއް ކަމަށް ބެލެވޭތީ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އަދާލަތު ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް ރެޖިސްޓްރީ ކޮށްފައި ވާއިރު، އަދާލަތު މިބަސް އިނގިރޭސި ބަހަށް ތަރުޖަމާ ކުރުމުން ދޭހަވަނީ "ޖަސްޓިސް" މި ބަހަށެވެ.

ރާއްޖޭގައި މިހާރު ރަޖިސްޓްރީކޮށްގެން ހިންގާ ނުވަ ސިޔާސީ ޕާޓީ އެބައޮތެވެ. މީގެ ތެރެއިން 10،000 މީހުން ހަމަވަނީ އެންމެ ތިން ޕާޓީގައެވެ.

ސިޔާސީ ޕާޓީ ހަދަން ހުއްދަ ދިނުމުން، ޕާޓީ އުފައްދާ ފަރާތުން ކުރަންޖެހޭނެ ކަމަކީ 3000 މީހުންގެ ސޮއި ހަމަކުރުމެވެ. އެ އަދަދަށް ސޮއި ހަމަ ކުރުމުން، ޕާޓީގެ ފުރަތަމަ އާންމު ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ދެއެވެ.

އެ ޖަލްސާގައި ނިންމާ ކަންތައްތައް އީސީއަށް ހުށަހެޅުމުން، މައްސަލައެއް އޮތްތޯ ބެލުމަށްފަހު އިލެކްޝަންސް ކޮމިޝަނުން ޕާޓީ ރަޖިސްޓްރީކޮށްދެއެވެ.