މާލެ ސިޓީ ކައުންސިލުން މާލޭގައި ތަރައްގީކޮށްފައިވާ މަސްވެރިންގެ ޕާކު ސަރަހައްދު ހުކުރު ދުވަހުން ފެށިގެން ފަތުރުވެރިން ބޭނުން ކުރުމަށް ހުޅުވާލާނެ ކަމަށް އެކައުންސިލުން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު އާންމު ކުރި އިއުލާނެއްގައި 20 ޑިސެމްބަރުން ފެށިގެން މާލެ ސިޓީގެ މަސްވެރިންގެ ޕާކު ސަރަހައްދުގެ ޖެޓީ ފަތުރުވެރިން ބޭނުން ކުރުމަށް ހުޅުވާލާނެ ކަމަށް ބުނެފައިވެއެވެ. އަދި މާލެއަށް އަންނަ ކުރޫޒް ލައިނާ ތަކުން މާލެ އަންނަ ފަތުރުވެރިންނާއި އެކި އެޖެންޓުން ގެންނަ ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގެ އިންތިޒާމު އެ ސަރަހައްދުގައި ހަމަޖައްސާފައިވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.
އެގޮތުން މަސްވެރިންގެ ޕާކު ސަރަހައްދުގައި ހަދާފައިވާ އިމާރާތުގައި ފަތުރުވެރިންނަށް މަރުހަބާ ދެންނެވުމަށް ތިބޭ ގެސްޓް ރިލޭޝަން އޮފިސަރުންގެ އޮފީސް ގާއިމުކޮށްފައިވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ. އަދި ފަތުރުވެރިންނަށް ހާއްސަ ފާހަނާ ތަކާއި ފަތުރުވެރިން މަޑުކޮށްލައިގެން ތިބޭނެ ވަކި ހާއްސަ ސަރަހައްދެއް ވެސް އެ އިމާރާތުގައި ހުންނާނެ ކަމަށް ކައުންސިލުން ބުނެއެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ އެ ކައުންސިލާ ގުޅިގެން މަސްވެރިންގެ ޕާކު ސަރަހައްދު ބޭނުން ކުރަން ޝައުގުވެރިވާ މާލެ ސިޓީ ޓުއަ އޮޕަރޭޓަރުންނަށް ހުކުރު ދުވަހުގެ ކުރިން އެކަން މެއިލްގެ ޒަރިއްޔާއިން އެންގުމަށް އެދިފައެވެ.