އަންނަ އަހަރުގެ އޯލެވެލް އިމްތިހާނަށް ގުރުއާން މާއްދާ އިތުރުކޮށް، އިސްލާމް އަދި ދިވެހި މާއްދާގެ އިމްތިހާނަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް، ޑީޕީއީ އިން ބުނެފިއެވެ.
ޑީޕީއީގެ އިންފޮމޭޝަން އޮފިސަރު ޝާހިދު އަބްދުﷲ "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުރިން ދިވެހި އަދި އިސްލާމް މާއްދާއިން އެކަނި އެސްއެސްސީ އިމްތިހާނު ބޭއްވި ނަމަވެސް އަންނަ އަހަރުން ފެށިގެން ގުރުއާން މާއްދާއިން ވެސް އެސްއެސްސީ އިމްތިހާނު ހަދާނެ ކަމަށެވެ.
ޝާހިދު ވިދާޅުވީ 2020 ގައި އޯލެވެލް ހަދާ ދަރިވަރުން ގްރޭޑް އަށަކަށް ބަދަލުވި އިރުން ފެށިގެން އޯލެވެލްގައި ގުރުއާން މާއްދާގެ އިމްތިހާނު ހެދުމަށް ތައްޔާރު ކުރަމުން އަންނަ ކަމަށެވެ. އެކުދިން އެސްއެސްސީ އިމްތިހާނަށް ހަދަން ޖެހޭ އެސައިންމަންޓް ހަވާލު ކުރެވިފައިވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ގްރޭޑް ނުވައެއްގައި އެއް އެސައިންމަންޓް އަދި 10ގައި އެއް އެސައިންމަންޓް ހަދަން ޖެހޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މިއަހަރު އެކި ކަންކަން ފައިނަލް ވުމުގައި ލަސްތަކެއް ދިމާވުމުން ގްރޭޑް ނުވައެއްގައި ދަރިވަރުން ނިންމަން ޖެހޭ އެސައިންމަންޓް ވަގުތަށް ދަރިވަރުންނަށް ނުދެވޭކަން ޝާހިދު ފާހަގަ ކުރެއްވިއެވެ. އަދި އެ އެސައިންމަންޓް ދަރިވަރުންނާ މިހާރު ހަވާލު ކުރެވިފައިވާނެ ކަމަށާއި، އަންނަ އަހަރު ފެބްރުއަރީ މަހަށް އެސައިންމަންޓް ނިންމުމުން ގްރޭޑް 10ގައި ހަދަން ޖެހޭ އެސައިންމަންޓް ދަރިވަރުންނާ ހަވާލު ކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. މިއަހަރު މިހެން ދިމާވި ނަމަވެސް، އަންނަ އަހަރުން ފެށިގެން ގްރޭޑް ނުވައެއްގައި ދަރިވަރުން ނިންމަން ޖެހޭ އެސައިންމަންޓް ނިންމުމަށް ދެވަނަ ޓާމް ފެށުމާއެކު ހަވާލު ކުރާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ބަލައިގެން އަދި ނުބަލައި ގުރުއާން ކިޔެވުމުން ދަރިވަރުން އިމްތިހާނު ކުރެވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ދަރިވަރުން ކިޔަވާ އިރު ވީޑިއޯ ކުރާނެ ކަމަށާއި، ދަރިވަރުންގެ ކިޔެވުން މާކު ކުރުމަށް ވީޑިއޯތައް ޑީޕީއީ އަށް ފޮނުވުމަށް ހަމަޖައްސާފައިވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
"އިމްތިހާނުގައި ހިމެނޭނީ ދެ އެސައިންމަންޓާއި ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުން. ތަޖުވީދުގެ ބައި ޓެސްޓު ކުރެވޭނީ ކިޔެވުމުގެ ތެރެއިން. އުސޫލުގައިވެސް އޮންނާނެ ކުއްޖާގެ ކިޔެވުމުގެ ތެރެއިންކަން ތަޖުވީދަށް ބަލާނީ. ކުއްޖާ ކިޔަވަމުން ދާއިރު އެކަން އެސެސް ކުރެވެމުންދާނީ."
ޝާހިދު ވިދާޅުވީ ކިޔެވުމުގެ ބައި ޓެސްޓު ކުރާނީ ސްކޫލުން ކިޔަވައިދޭ ޓިޗަރު ކަމަށެވެ. ސްކޫލްތަކަށް މިހާރު އުސޫލު ފޮނުވާފައިވާނެ ކަމަށާއި، ޓެސްޓު ކުރެވޭނީ މި އުސޫލާއި އެއްގޮތަށް ކަމަށް ޝަހިދު ވިދާޅުވިއެވެ. އަދި ދެވަނަ މާކިންގެ މަސައްކަތް ކުރިއަށް ގެންދާނީ ސްކޫލުން ބޭރު މީހެއް ކަމަށާއި، އެކަން ނިންމުމަށްފަހު ޑީޕީއަށް މާކްސް އާއެކު ކުދިންގެ ކިޔެވުމުގެ ވީޑިއޯ ފޮނުވުމުން ޑީޕީއީ އިން އެ ޗެކު ކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ޑީޕީއީ އިން ދެން އެންމެ ބޮޑު ބަދަލެއް ގެނެސްފައިވަނީ އެސްއެސްސީގެ ދިވެހި އިމްތިހާނަށެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން ދިވެހި އަދަބިއްޔާތު، ރައިވަރު މާނަ ކުރުން، ޅެން މާނަ ކުރުން އަދި ވާހަކަ ލިޔުމުގެ ބައި ދިވެހި ޕޭޕަރުގައި ނުހިމެނޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޕޭޕަރުގައި ހިމެނޭނީ ދޭހައާއި ލިޔުންތެރިކަމުގެ ބައިތައްކަމަށް ޝާހިދު ވިދާޅުވިއެވެ.
"މިހާރު އެއްޕޭޕަރުގަ ލިޔުންތެރިކަން އޮންނަނީ. މި އަންނަ އަހަރުން ފެށިގެން ދެ ޕޭޕަރުގަވެސް ހިމެނޭނީ ދޭހައާއި ލިޔުންތެރިކަން. ލިޔުންތެރިކަން އިތުރުކޮށްފަ އެބައި ކަނޑާލީ. އެކަމަކު ދިވެހީގަވެސް އެސައިންމަންޓް ހިމެނޭނެ. ޕޯޓްފޯލިއޯއެއް ގޮތަށް. އޭގެ ތެރެއިން އަންނާނެ ޕްރެޒެންޓޭޝަނެއްވެސް. ޕްރެޒެންޓޭޝަނަށް ކުއްޖާއަށް އަދަބިއްޔާތުގެ ބައިވެސް ނެގިދާނެ".
ޝާހިދު ވިދާޅުވީ ޕްރެޒެންޓޭޝަންގެ ބައި ފުރިހަމަ ކުރުމަށް ދެވިފައިވާ ވަކި ބައިތަކަކުން ކުއްޖާ ބޭނުން ބަޔަކަށް ޕްރެޒެންޓޭޝަން ހުށަހެޅޭނެ ކަމަށެވެ.
އެސްއެސްސީ އިމްތިހާނުތަކުން އެންމެ ކުޑަ ބަދަލެއް އައިސްފައިވަނީ އިސްލާމް މާއްދާއަށެވެ. އެގޮތުން އިސްލާމް މާއްދާގެ ފުރަތަމަ ޕޭޕަރު ހާއްސަ ވާނީ މަލްޓިޕަލް ޗޮއިސް އަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ޕޭޕަރު ދޭއް ހާއްސަވާނީ ޝޯޓް އަދި ލޯންގް އާންސާ ސުވާލުތަކަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.
މިއީ އަލަށް ފަަށައިގަންނަ ކަމަކަށް ވާތީ ބެލެނިވެރިންނާއި ސްކޫލްތަކުގެ ކަންބޮޑުވުންތައް މިކަމާމެދު ހުރުން އެކަށީގެންވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކުން އެސައިންމަންޓްގެ ކަންކަން ފިޔަވައި އިތުރު ކަމަކާމެދު ކަންބޮޑުވުން ހިއްސާކޮށްފައި ނެތް ކަމަށް ޝާހިދު ވިދާޅުވިއެވެ.