ކޮލަމް

ކެޔޮނިރު ކޮލަމް: "ހަރުކަށި" ފިކުރަކީ ކޮބައިހޭ؟

މުހައްމަދު ބުޝްރީ

6

ސައުދިއަރަބިއާ އަކީ "ހަރުކަށި" ފިކުރު އާލާ ކުރާ ގަމެއް ކަމަށާއި ސައުދީ ޔުނިވަސިޓީތަކަކީ ހަރުކަށި ފިކުރު އާލާކޮށްދޭ ތަންތަން ކަމުގައި މަޖުލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅު ވިއެވެ. ނަމަވެސް ހަމަ މި ޑިސެމްބަރު މަހު މެދުއިރުމައްޗަށް ކުރެއްވި ދަތުރުފުޅުގައި ރައިސް ނަޝީދު ވަނީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދާލައްވައިގެން، ވަރަށް ބޮޑަށް ހިނިތުންވެ ހުންނަވައި ފޮޓޯނަންގަވައި ޓުވީޓު ކުރައްވާފައެވެ. ހަރުކަށި ފިކުރު އާލާ ކުރާ ހަރުކަށި ގައުމެއްގެ ވެރިޔަކާއެކު އެކަހަލަ ފޮޓޯއެއް ނެންގެވީ ކީއްކުރައްވަންތޯއެވެ؟ މުސްލިމުންގެ އެންމެ މާތް ދެބިން ކަމުގައިވާ މައްކާ އާއި މަދީނާގައި ހުންނަ ދެ ޔުނިވަސިޓީން ކިޔަވައިގެން އައިސް ރާއްޖެއަށް ހިދުމަތް ކުރައްވާ ނުހަނު ގިނަ ދީނީ އިލްމުވެރިން ތިއްބެވި އިރު މިފަދަ "ހަރުކަށި" ފިކުރުގެ ބަޔަކު އޭގެ ތެރެޔަކުން ނުފެނެއެވެ. ކޯޓުން ބޭރުން ކައިވެނިކޮށް، އަމިއްލައަށް ކޯޓު ހަދައިގެން މީހުންނަށް މަރުގެ ހުކުމް އިއްވަމުން އުޅޭ މީހުންނަށް ބަލާއިރު އެފަދަ ގިނަ މީހުންނަކީ ސައުދީ ކީއްކުރަން، އެއްވެސް ޔުނިވަރސިޓީ އަކުން ދީން ކިޔެވި ބައެއް ނޫންކަން ފާހަގަ ކުރެވެއެވެ. ވީއިރު ނަޝީދު އެވިދާޅުވާ ހަރުކަށި ފިކުރަށް އަމާޒުކުރައްވައި ދައްކަވާ ވާހަކަތަކުގައި ސީދާ ވަކި ގައުމެއްގެ ނަން ކިޔައި، އެފަދަ ގައުމުތަކާ ރާއްޖެއާ ޖެހޭ ގޮތަށް ވާހަކަ ދެއްކެވުމަކީ ރާއްޖޭގެ ހާރިޖީ މަސައްކަތަށް ހުރަސް އެޅޭނެ، ޒާތީ ވާހަކަ ތަކެއް ކަމަށް ބެލެވިދާނެއެވެ.

ހަރުކަށި ފިކުރު އާލާ ކުރާ ގައުމެއްގެ ގޮތުގައި ސައުދީގެ ނަން ނަޝީދު ވިދާޅުވިއިރު ދާދި ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ނަޝީދު ވިދާޅުވެފައި ވަނީ އިންޑިއާއަކީ މުސްލިމުންނަށް އަމާން ގައުމެއް ކަމަށާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ހުރިހާ ގޮތަކުން ނަޝީދާ ހިޔާލު އެއްގޮތް ކަމަށާއި 'ލޮލާ ލޯ ދިމާވާ" ކަމަށެވެ. ނަމަވެސް މޯދީ އަކީ ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ކުރީން، ގުޖުރާތު ސްޓޭޓްގެ ޗީފް މިނިސްޓަރަކަށް ހުންނެވި އިރު އެތައްހާސް މުސްލިމުންނެއް މަރަން ހިތްވަރާއި ބާރު ދެއްވި ވެރިއެއްގެ ގޮތުގައި ސިފަކުރެވިފައިވާ؛ އަދި "ބުޗަރ އޮފް ގުޖްރާތު" ގެ ނަން ދީފައިވާ ފަރާތެކެވެ. މިހާރުވެސް އިންޑިއާގެ މުސްލިމުންނަށް ރައްޔިތުކަން ގެއްލޭ ގޮތަށް ހެދިފައިވާ ގާނޫނާއި، ކަޝްމީރުގައި އިންޑިއާ ސިފައިން އަމަލު ކުރަމުންދާ ލާއިންސާނީ ގޮތުގެ ސަބަބުން އިންޑިޔާގައާއި ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި މުޒާހަރާކޮށް މޯދީގެ ސަރުކާރަށް ފާޑު ކިޔަމުން އެބަ ދެއެވެ. ނަމަވެސް ނަޝީދުގެ ނަޒަރުގައި އިންޑިއާއާއި މޯދީގެ އެއްވެސް މައްސަލައެއް ނެތެވެ. މަޑުކައްޓެވެ. ލޮލާލޯ ދިމާވެއެވެ.

ކްރޮސް ރޯޑްގައި ބޭއްވި "ވިޔަވަތި ރާއްޖެ" މަހާސިންތާގައި ވާހަކަ ދައްކަވަމުން މިފަދަ ތަފާތު އެތައް ވާހަކައެއް ރައީސް ނަޝީދު ދެއްކެވިއެވެ. އައިއެސްއާ ގުޅިގެން ހަރަކާތްތެރިވާ ކިތައް "ސެލް" ރާއްޖޭގައި އެބަހުރިތޯ އާއި އެފަދަ ސެލްތަކަށް ނިސްބަތްވާ މީހުން ހައްޔަރު ނުކޮށް ތިބެނީ ކީއްވެގެންތޯ ނަޝީދު ސުވާލު ކުރެއްވި އެވެ. އަދި ނަޝީދު އާދަވެގެން ސިފައިންނާއި ފުލުހުންގެ ބޮލުގައި އަޅުވާ އިލްޒާމް ތަކުރާރު ކުރެއްވިއެވެ. ސިފައިންނާއި ފުލުހުންގެ ތެރޭގައި އައިއެސް އާ ގުޅުންހުރި ހަރުކަށި ފިކުރުގެ ކިތައް މީހުން ތިބިތޯ ސުވާލު ކުރެއްވިއެވެ. އެފަދަ ބަޔަކު ސިފައިންނާއި ފުލުހުންގެ ތެރޭގައި ނެތްކަމަށް ޑިފެންސް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރު މީގެ ކުރިން ވިދާޅުވެފައިވާއިރު ވެސް ނަޝީދު މިގޮތަށް މި އިލްޒާމް ސިފައިންނާއި ފުލުހުންގެ މުއައްސަސާގައި އެޅުވުމުން ދިވެހިރާއްޖޭގެ ސިޔާސީ މަލަމަތި ހުތުރުވެ ގައުމަށް ނޭދެވޭ އަސަރު ކުރިޔަސް ނަޝީދުގެ ފަރުވާލެއް ހުރިކަމަކަށް ނުބެލެވެއެވެ.

މިފަދަ އެހެން ވާހަކަ އެކެވެ. ހަރުކަށި ފިކުރުތައް ފެތުރުމަށް ރާއްޖޭގައި އުފައްދާފައިވާ މަދަރުސާ ތަކާއި މަރުކަޒުތައް ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރަންތޯ ނަޝީދު ސުވާލު ކުރެއްވިއެވެ. ނަމަވެސް ހަރުކަށި ފިކުރު ފަތުރާކަމަށް ބުނެ މިހާތަނަށް ރާއްޖޭގެ އެއްވެސް "މަދުރަސާ" އެއް އެއްވެސް މުއައްސަސާ އަކުން ފާހަގަ ކޮށްފައެއް ނެތެވެ. ނަމަވެސް ނަޝީދުގެ ސުވާލު ހުރިގޮތުން ހީވަނީ އެފަދަ އެތަކެއް "މަދުރަސާ"އެއް ރާއްޖޭގައި އެބަހުރި ހެނެވެ. މިއީ ވެސް ގައުމުގެ އަގު ވެއްޓި އިގްތިސޯދަށް ބޮޑެތި ނޭދެވޭ އަސަރު ކުރުވަފާނެ ފަދަ ވާހަކަ ތަކެކެވެ. އެންމެ ދިވެހި ފަރުދަކު ދައްކާ ވާހަކަ އަކުން ވެސް ބޭރުގެ ބަޔަކު ގައުމު ހިފައިފާނެ ކަމަށް ހޯމް މިނިސްޓަރު ހަމަ އެ ޖަލްސާގައި ވިދާޅުވި އިރު، ނަޝީދުގެ މިފަދަ ޒިއްމާދާރުކަން ކުޑަ ވާހަކަތަކަށް ހޯމް މިނިސްޓަރު ވެސް އެއްވެސް ރައްދެއް ދެއްވިތަނެއް ނުފެނެއެވެ.

އަދިވެސް ނަޝީދު ސުވާލު ކުރެއްވި އެވެ. މަދަރުސާތަކުގެ މަންހަޖު ބަދަލުކުރުމަށް މަސައްކަތް ފައްޓަވަނީ ކޮން އިރަކުންތޯ އެވެ. ރާއްޖޭގެ ސްކޫލްތަކުގެ މަންހަޖު ބަދަލުކުރާ ވާހަކަ އަކީ އެމް.ޑީ.އެން ގެ ލާދީނީ ރިޕޯޓްގައި އޮތް ވާހަކަ ތަކެކެވެ. ސަރުކާރުން އެއްވެސް އިރަކު ދައްކާފަ އޮތް ވާހަކައެއްވެސް ނޫނެވެ. މިގޮތަށް ނަޝީދު ސުވާލު ކުރުމުން ހީވަނީ އެ މަންހަޖު ތަކުގައި ހަރުކަށި ފިކުރު ހިމެނޭތީ ސްކޫލްތަކުގެ މަންހަޖު ބަދަލު ކުރުމަކީ ސަރުކާރުން ނިންމާފަ އޮތް ކަމެއް ހެނެވެ. އަދި މިޔުޒިކާއި މުނިފޫހި ފިލުވުން ކުރިއެރުވުމަށް ސަރުކާރުން ކުރަނީ ކޮންކަމެއްތޯ ސުވާލު ކުރައްވައި ރާބޯ މީހުން ހައްޔަރު ކުރަން ހޭދަކުރާ ފައިސާ އަކީ ބޭކާރު ހޭދައެއް ކަމަށް ދޭހަވާ ގޮތަށް ވެސް ނަޝީދު ސުވާލު ކުރެއްވިއެވެ. އަދި ކޮންމެ ރަމަޟާންމަހަކާއި ދިމާކޮށް މުއައްޒަފުންނަށް އިނާޔަތް ދިނުމާއި ބޭރު ގައުމުތަކުން ހާފިޒުން ރާއްޖެ ގެނައުމަށް ކުރާ ހަރަދަކީ ބޭކާރު ހަރަދުތަކެއް ކަމަށް ވެސް މި ބައްދަލުވުމުގައި ނަޝީދު ވިދާޅުވިއެވެ.

"ތިޔަބޭފުޅުން ކައުންސިލުގެ ބޮޑު ބަޖެޓުން ހޭދަކުރާއިރު އެބަކުރޭ، ކަރަންޓް ހިލޭ ކޮށްލަން ރޯދަ މަހަށް. އެ ކާކަށް ކޮންފައިދާއެއް ވާނެ ކަމެއް. އެއަށްވުރެ ބޮޑަށް ރައްޔިތުންގެ ލާރި އުކާލެވޭނެ ގޮތެއް އެބައޮތްތޯ. އަނެއްކާ ހަމަ ހަރަދުކުރޭ ވައުލު ބުނާ މީހުން ރޯދަމަހު ބޭރު ގައުމުތަކުން ގެނެސް އެކަންކުރަން.'' ނަޝީދު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ހަރުކަށި ފިކުރުގެ އެއްވެސް މީހަކު ކައުންސިލުތަކަށް އިންތިހާބު ނުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ރާބޯ މީހުން ހައްޔަރު ކުރުމާއި، ރޯދަމަހުގެ އިނާޔަތް ދިނުމާއި، ރޯދަމަހު ތަރާވީސް ނަމާދު ކުރަން ބޭރުން ހާފިޒުން ގެނައުމާއި، މައްކާ މަދީނާއިން ކިޔެވުމަކީ ރައީސް ނަޝީދުގެ ނަޒަރުގައި ހަރުކަށި ކަންތައްތޯ ސުވާލު އުފެދެއެވެ. ކްރޮސްރޯޑްސްގައި ދެ ދުވަހަށް ކުރިއަށްދިޔަ "ވިޔަވަތި ރާއްޖެ" މަހާސިންތާގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މަރީޔާ ދީދީ ވެސް ވަނީ "ހަރުކަށި" ފިކުރަށް ރައްދު ދެއްވައި، ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރަން ސަރުކާރުން ނުކުމެ ތިބީ ވަރަށް ކެރިގެން ކަމަށް ވިދާޅުވެފައެވެ. ހަމަ މި މަހާސިންތާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހުވެސް ވަނީ ހަރުކަށި ފިކުރުގެ ސަަބަބުން ރާއްޖެ އަށް ނުރައްކާތެރި ދަތި ހާލަތެއް ކުރިމަތިވެފައި ކަމަށާއި އެކަންކަމަށް ކުރިމަތިލައިގެން ގައުމު އެ ދަތި އުނދަގުލުން ސަލާމަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ، މަޖުލިސް ރައީސް، ޑިފެންސް މިނިސްޓަރު އަދި ހޯމް މިނިސްޓަރުވެސް މި "ހަރުކަށި" ފިކުރުގެ ވާހަކަ މިވަރަށް ދައްކަވާ އިރު؛ އަދި ވަކީން ހާއްސަކޮށް ރައީސް ނަޝީދު މިވާހަކަތައް ދައްކަވާ އިރު، މި ހަރުކަށި ފިކުރަކީ ކޮބައިތޯ ވެސް ކޮންމެވެސް ބަޔަކު ސާފުކޮށް ބަޔާން ކޮށްދޭން އެބަޖެހެއެވެ. ފަރުޟު ފަސް ނަމާދު ގަވާއިދުން ކޮށް، ސުންނަތާ އެއްގޮތަށް ތުބުޅި ބަހައްޓައި، އަންހެނަކު ނަމަ ބުރުގާ އަޅައި، ރިބާ ހަރާމް ކަމަށް ބުނެ، ރަލުގެ ވިޔަފާރި ހަރާމް ކަމަށް ބުނެ، މިޔުޒިކް ހަރާމް ކަމަށް ބުނުމަކީ "ހަރުކަށި" ފިކުރު ތޯއެވެ. އެހެން ކަމަށްވާނަމަ ގިނަ މުސްލިމުންނަކީ ހަރުކަށި ފިކުރުގެ މީހުނެވެ!

ކޯޓުން ބޭރުގައި ކައިވެނި ކޮށް، އަމިއްލައަށް ކޯޓު ހަދައިގެން މީސް މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވައި، ކާފަރުންގެ މުދަލޭ ކިޔާފައި ރިސޯޓް ތަކުން ވައްކަން ކުރުން ހުއްދަ ކޮށް، ޖާނުންފިދާވެގެން އަމިއްލައަށް މަރުވުން ހުއްދަ ކޮށް ހެދުމަކީ ހަރުކަށި ފިކުރު ކަމުގައި ވަނީ ނަމަ އެފަދަ ދިވެހީންގެ އަދަދު 1400 އަށް އަރާފާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ. އެއީ ހަމަ ގައިމުވެސް ހަރުކަށި ފިކުރެވެ. ނަމަވެސް އެ ހަރުކަށި ފިކުރަކީ ދިވެހީންގެ ތެރޭގައި އާއްމު އެއްޗެއް ނޫނެވެ. އެފަދަ ހަގީގީ ހަރުކަށި ފިކުރު ރާއްޖެއިން ނައްތާލެވޭނީ ހެޔޮލަފާ ސޯލިހު މުސްލމުންނަށް ރައްދުވާ ގޮތަށް ބަދު ބަސް ނުބުނެ، އަހުލާގީ ގޮތުން ރަނގަޅު ބަސްމަގު ބޭނުންކޮށްގެންނެވެ.

މަޖުލިސް ރައީސް ފަދަ އިސް ފަރާތްތަކުން މިފަދަ ވާހަކަ ދައްކަވާ އިރު މިއަށް ވުރެ ޒިއްމާދާރު ވާން ޖެހެއެވެ. މަޑުމައިތިރި، ރަނގަޅު މުސްލިމް ދިވެހީންނަކީ ވެސް ހަރުކަށި ފިކުރުގެ މީހުން ކަމަށް ދޭހަވާ ގޮތަށް، އަދި ރޯދަމަހުގެ ހާއްސަކަން ފާހަގަ ކުރުމަކީ ވެސް ހަރުކަށި ކަމެއް ކަމަށް ހަދާފައި، މައްކާ މަދީނާ އަށް ކިޔަވަން ދިޔުމަކީ ވެސް އެފަދަ ކަމަކަށް ހަދާފައި ވާހަކަ ދެއްކުމުން ރައްޔިތުންގެ މެދުގައި އޮޅުން ބޮޅުން އުފެދި، ގައުމުގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި އިސްލާމް ދީން ބަލިކަށިވެ، މުޖުތަމައުގައި ފިތުނަ އާއި ދެކޮޅުވެރިކަން އުފެދިގެން ދާނެއެވެ. އެއިރުން ހަރުކަށި ފިކުރު ނައްތާލެވުމުގެ ބަދަލުގައި އެފިކުރު އިތުރަށް އާލާވުމުގެ ފުރުސަތު ބޮޑެވެ. ހަރުކަށި ފިކުރަކީ ހަމައެކަނި އިސްލާމް ދީނާ ގުޅުވަން އޮތް އެއްޗެއް ނޫނެވެ. ލާދީނީ ވެގެން ގޮސްވެސް ހަރުކަށި ފިކުރު އުފެދެއެވެ. ވާހަކަ ދައްކަން ޖެހެނީ ހުރިހާ ކޮޅަކަށް ވިސްނާފައެވެ. އަނގައެއް އޮތީތީ، ނުވަތަ މަގާމެއް ލިބިފައި ވީތީ، ނުވަތަ ޕްލެޓްފޯމެއް ލިބިފައިވީތީ ހިތަށް އެރިހާ ވާހަކައެއް ދެއްކުމަކީ ވެސް ހަރުކަށި ކަމެވެ.