ވިޔަފާރި

އިންޝުއަރެންސާއި ރީބްރޯޑްކާސްޓިން އިތުރުކޮށް، އުރީދޫގެ އަސާސީ އަދި ހިންގާ ގަވައިދަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

އުރީދޫގެ ފުރަތަމަ ހާއްސަ އާއްމު ޖަލްސާގައި އެ ކުންފުނީގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދަށް މުހިއްމު އިސްލާހުތަކެއް ގެނެސްފިއެވެ.

އަސާސީ ގަވައިދަށް މި އިސްލާހުތައް ގެނައީ، ރޭ ހޮޓެލް ޖެންގައި ބޭއްވި ހާއްސަ އާންމު ޖަލްސާގައެވެ.

ކުންފުނީގެ އަސާސީ ގަވައިދަށް ގެނައީ މައިގަނޑު ތިން އިސްލާހެކެވެ. އެއީ އިންޝުއަރެންސާއި ރީބްރޯޑްކާސްޓިން ވެސް އުރީދޫން ދޭ ޚިދުމަތްތަކުގެ ލިސްޓަށް އިތުރުކުރުމާއި މޯބައިލް މަނީ ހިދުމަތާ އެކު މާލީ ދާއިރާ އަށް އެ ކުންފުނި ހުޅުވައިލުން އަސާސީ ގަވައިދަށް އިތުރުކުރުމެވެ.

ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 92.38 ޕަސެންޓުން އަސާސީ ގަވައިދަށް ގެނައި އިސްލާހުތައް ވަނީ ފާސްކޮށްފަ އެވެ.

އުރީދޫގެ ހިންގާ ގަވައިދުގެ 10 މާއްދާ އަކަށް އިސްލާހު ގެނައެވެ. އެގޮތުން، ކުންފުނީގެ ހިއްސާދާރުންނާ ގުޅޭ މާއްދާތަކާއި ބޯޑު މީޓިންތައް ބޭއްވުމުގައި އަމަލު ކުރާ އުސޫލުތަކަށް ވަނީ ބަދަލު ގެނެސްފައިވެއެވެ. އަދި އާންމު ހިއްސާދާރުން ކަނޑައަޅާ ބޯޑު މެންބަރުންގެ މުއްދަތު ހިންގާ ގަވައިދުގައި ހިމެނުމަށް ވަނީ ނިންމާފައެވެ. މި އިސްލާހުތައް ފާސްކުރީ ވޯޓުގައި ބައިވެރިވި ހިއްސާދާރުންގެ 92 ޕަސެންޓު ވޯޓުންނެވެ.

ރޭގެ އާންމު ޖަލްސާގައި އުރީދޫގެ ޖުމުލަ 59 ހިއްސާދާރަކު ބައިވެރިވި އެވެ. އަދި ޕްރޮކްސީ ހޯލްޑަރުންގެ ގޮތުގައި 32 މީހުން ބައިވެރިވެފައިވެއެވެ. އެއީ ހިއްސާދަރުންގެ 75 އިންސައްތައެވެ.

އުރީދޫގެ ދެން އޮންނަ އަހަރީ ޖަލްސާ އަންނަ އަހަރުގެ މާޗް މަހު ބާއްވާނެކަން ބޯޑުން ރޭ ވަނީ އިއުލާން ކޮށްފައެވެ. އުރީދޫގެ އަހަރީ އާންމު ޖަލްސާ ބާއްވާފައި ވަނީ މި އަހަރުގެ މާޗު މަހު އެވެ. އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 544 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ހިއްސާއަކަށް 3.22ރ. ގެ މަގުން ފައިދާ ބަހަން ވެސް ވަނީ ނިންމާފައެވެ.