ސަރުކާރު ހިންގާ ކޯލިޝަންގެ ތެރެއިން މިހާރު ވެސް ކަންތައް ހިނގަމުންދަނީ އެންމެ ރުހެވޭ ގޮތަކަށް ނޫން ކަމަށް ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމު ނިސްބަތްވާ އދ. މާމިގިލީގައި ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ގާސިމު ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވެސް ވެރިކަމަށް އައީ ޖުމްހޫރީ ޕާޓީގެ ބައިވެރިވުމާއެކު ހެދި ކޯލިޝަނާއެކު ކަމަށެވެ.
ނަމަވެސް އެ ކޯލިޝަންތަކުން ޖޭޕީއަށް ލިބުނީ ހިތި ތަޖުރިބާއެއް ކަމަށާއި ކޯލިޝަނުން ލިބުނު ނަތީޖާއިން އެކަން ފެނިވަޑައިގަންނަވާނެ ކަމަށެވެ. އަދި މިހާރު ވެސް ކޯލިޝަންގެ ކަންކަން ކުރިއަށްދަނީ ޖޭޕީން އެންމެ ރުހެވޭ ގޮތަށް ނޫން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ވަރަށް ހިތި ތަޖުރިބާތައް ލިބިއްޖެ. ކުރީގެ އިސްވެދިޔަ ދެ ފަހަރު. އެއީ އެމްޑީޕީއާއެކު ކުރީގައި ހެދި ކޯލިޝަން އާއި އަދި ޕީޕީއެމްއާއެކު އަޅުގަނޑުމެން ހެދި ކޯލިޝަނުން ވެސް ލިބުނު ނަތީޖާ ފެނިވަޑައިގަންނަވާނެ. ދެން މިހާރު ވެސް އަޅުގަނޑުމެންނަށް އެންމެ ރުހެވޭ ގޮތަކަށް ނޫންކަން ނޭނގެ މިއޮތީކީ، އެހެންނަމަވެސް މިއަދުގެ ސަރުކާރުގައި އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެބަ ގެންދަވާ އަޅުގަނޑުމެންގެ ޕާޓީއަށް ސަރުކާރުން ދެއްވަން ވިދާޅުވި ސްލޮޓްތަކަށް ޕާޓީގެ މެންބަރުން ވައްދަވައިގެން،" ގާސިމު ވިދާޅުވިއެވެ.
ގާސިމު އެހެން ވިދާޅުވެފައިވާއިރު، ފެހި ގާނޫނުއަސާސީއަށްފަހު ބޭއްވި ގިނަ ޕާޓީތަކުން ބައިވެރިވާ ރިޔާސީ އިންތިހާބުތަކުގައި ވެރިކަން ހޯދާފައިވަނީ ޖޭޕީ ހިމެނޭ ކޯލިޝަނުންނެވެ. އެގޮތުން 2008 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް އައީ ވެސް އަދި 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވެސް ވެރިކަން ލިބުނީ ޖޭޕީއާއެކު ހެދި ކޯލިޝަނުންނެވެ.
ގާސިމު ވިދާޅުވީ، އެހެން އެކަން ވަނީ އެންމެ ޕާޓީއަކަށް ގައުމުގެ ވެރިކަން ދޭން ރައްޔިތުން ބޭނުން ނުވާތީ ކަމަށާއި އެކަން އެގޮތަށް އޮތުން ވެސް ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، ޖޭޕީއަކީ ގޮތް ނިންމާ ޕާޓީ ކަމަށް ބުނަމުންދިޔަ ނަމަވެސް އެއީ ފަހުރުވެރިވެ ބޮޑާވާ ކަމެއް ނޫން ކަމަށެވެ.