ބޮލީވުޑް

އަހަރެން ސިންގަލް، ބޭނުންވަނީ އަހަރެން ދެކެ ވަރަށް ބޮޑަށް ލޯބިވާނެ މީހެއް: ކިއާރާ އަދްވާނީ

ބަތަލާ ކިއާރާ އަދްވާނީ ހުރީ ސިންގަލްކޮށްކަމަށް އޭނާ ބުނެފިއެވެ.

މީޑިއާތަކަށް ދިން އިންޓަވިއެއްގައި ކިއާރާ ވަނީ ހަޔާތުގެ ބައިވެރިއަކަށް އޭނާ ބޭނުންވާ ކަހަލަ މީހެއްގެ ޝަރުތުތައްވެސް ބުނެފައެވެ.

"އަހަރެން މިހާރު ސިންގަލް. ބޭނުންވަނީ އަހަރެން ދެކެ ލޯބިވާނެ މީހެއް. އަހަރެން މިހުރި ގޮތަށް ބަލައިގަންނާނެ މީހެއް. ދެމީހުންގެ މެދުގައިވެސް އިމޯޝަނަލް ގުޅުން ވަރަށް ބޮޑަށް ބަދަހި ވާން ޖެހޭނެ." ކިއާރާ ބުންޏެވެ.

"އަހަރެންނަށް ފެނިފައި އެބަހުރި ސްކޫލު ދުވަސްވަރުން ފެށިގެން އެކުގައި އުޅޭ މީހުންވެސް. އެއީ ވަރަށް ނަސީބު ގަދަ މީހުން. އެމީހުންގެ ގުޅުން އެހާ ދުވަހު ދެމިއޮންނާތީ. އަހަރެންގެ ގުޅުމެއް އެގޮތަށް ދެމިގެނެއް ނުދިޔަ. މިދަނީ މިހާރު މީހަކު ހޯދަމުން. ބޭނުން ވަނީ ވަރަށް ބޮޑަށް އަހަރެން ދެކެ ލޯބިވާނެ މީހެއް" ކިއާރާ އިތުރަށް ބުންޏެވެ.

ކިއާރާ ބުނީ ޑޭޓިން އެޕްސް ބޭނުން ނުކުރާ ކަމަށެވެ. ޑޭޓިން އެޕް ބޭނުން ކުރުމަކީ ބްލައިންޑް ޑޭޓަށް ދިއުން ކަހަލަ ކަމެއް ކަމަށާއި އެއީ އޭނާ ކުރާ ހިތްވާ ކަމެއް ނޫންކަމަށް ކިއާރާ ބުންޏެވެ.

މިއަހަރަކީ ކިއާރާއަށް ވަރަށް ކާމިޔާބު އަހަރެކެވެ. ހާއްސަކޮށް ފިލްމު "ކަބީރު ސިންގް" އިން ކިއާރާ ވަނީ ވިދާލާފައެވެ. މިވަގުތު އޭނަ އަންނަނީ މިމަހު ރިލީސްކުރާ ފިލްމު "ގުޑް ނިއުޒް"ގެ ޕްރޮމޯޝަން ތަކުގައި އަވަދިނެތި ހަރަކާތްތެރިވަމުންނެވެ.

އަންނަ އަހަރުވެސް ކިއާރާގެ ގިނަ ފިލްމުތަކެއް ރިލީސްވާނެއެވެ. އޭގެ ތެރޭގައި "ލާކްސްމީ ބޮމް"، "އިންދޫ ކި ޖަވާނީ"، "ބޫލް ބުލައްޔާ 2" އަދި "ޝޭޝާހް" ހިމެނެއެވެ.