ރައްޔިތުންގެ މަޖިލިސް ހުޅުވުމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅުއްވާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ސީއެންއެމްގެ "އިތުރު ކާފު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ރައީސް ނަޝީދާ ދިމާއަށް އެއްޗެކޭ ވިދާޅުވާން ޖެހުނީ އެމަނިކުފާނު ކަންތައް ކުރެއްވި ހުތުރު ގޮތުން ކަމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޖާބިރުގެ އަނބިކަނބަލުން ފާތިމަތު ދިޔާނާ ސައީދު، ނުނެންގުވުމުން އޭނާ ވަނީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ.
"މެޑަމް ދިޔާނާ ސައީދު އެއްވެސް މީހަކަށް ނުވި. ރައީސް ނަޝީދު ޕިއޯނަކަށް ވެސް ދެން ނުހޮވޭނެ. މިއަދު ރައީސް ނަޝީދާ ދިމާއަށް އެއްޗެއް ބުނަން ޖެހުނީ ކީއްވެގެންތޯ. މަގޭ އަންހެނުންގެ ގައިގައި ޖެހީމަ. ތަދުވެއްޖެ މަށަށް ވެސް. ކީއްވެގެންތޯ ރައީސް ނަޝީދު މަށާ ދޭތެރޭ އެހާ ހުތުރުކޮށް ކަންތައް ކުރެއްވީ. ރައީސް ނަޝީދު ދުވަހަކު ވެސް ރާއްޖޭގެ ވެރިކަމަކަށް ނާންނާނެ. ރާއްޖޭގެ ރައްޔިތުންނޭ ހަނދާން ކުރައްޗޭ އޭނާ ނުގެންނައްޗޭ. ހާދަ ހެޔޮކޮށޭ ނަޝީދާ ދޭތެރޭ ދިޔާނާ އުޅުނީ. މަޖިލިސް ހުޅުވުމުން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާނަން. އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ވައްދާނަން،" އޭނާ ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ރައީސް ސޯލިހަކީ ފެއިލިއާއެއް ކަމަށާއި އެމަނިކުފާނަކީ ދިޔާނާ ނިކަމެތިކޮށްލި ބޭފުޅެއް ކަމަށެވެ. އަދި ރައީސް ނަޝީދަކީ މަކަރުވެރިއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ރައީސް ޔާމީން ވެސް އެ ހުރީ ޖަލުގައި. ރައީސް ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހު ވެސް ޖަލަށް ލާނަން. އެ ދެމީހުންވެސް މަށަށް ވަރަށް އަނިޔާކޮށްފި. ރާއްޖޭގެ ރައްޔިތުންނޭ، އެމީހުންނަށް އިތުބާރު ނުކުރައްޗޭ،" އޭނާ ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ އެމްޑީޕީއަކީ ރައީސް ނަޝީދުގެ އަމިއްލަ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީއާއެކު ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށެވެ. އަދި ޖާބިރު ވަނީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި ޕީއެންސީއަށް ވެސް ފާޑުވިދާޅުވެފައެވެ.
"އެމްޑީޕީއަކީ ރައީސް ނަޝީދެއް ނޫން. އެމްޑީޕީ ދުލެއް ނުކުރާނަން. އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން އެބަހުރި. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އެމްޑީޕީއާ ބެހޭ ވެސް މީހެއް ނޫން. އޭނާއަކީ އަދާލަތު ޕާޓީގެ ކުއްޖެއް. ތިޔަބުނާ ޕީޕީއެމާއި ޕީއެންސީއަކީ ވަގު ގްރޫޕެއް. ތިޔަ މީހުން ދައްކާ ވާހަކަ ކާކު އަޑުއަހާނީ. ޕީޕީއެމާއި ޕީއެންސީއަކީ އޮންނަ އެއްޗެއް ނޫން. ޑީއާރުޕީ އާއި އެމްޑީޕީއާ އޮންނަނީ،" އޭނާ ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ އަންނަ އަހަރުގެ އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރުޕީން ހުރިހާ ގޮނޑިއެއް ކާމިޔާބުކުރާނެ ކަމަށާއި އެ އިންތިހާބުގައި ރައީސް ނަޝީދަށް "ސައިޒު" ދައްކާލާނެ ކަމަށެވެ.