ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)ގެ ރައީސްކަމުގެ މަގާމަށް އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަހްމަދު އަފްރާހު އިންތިހާބުކޮށްފިއެވެ.
އެންބީއޭއެމްގެ ރައީސްކަމުގެ މަގާމަށް ކެނޮޕަސް މޯލްޑިވްސްގެ އަފްރާހު އިންތިހާބުކޮށްފައިވަނީ މިއަދު އުނިމާ ގްރޭންޑް ހޮޓެލުގައި ބޭއްވި އެންބީއޭއެމްގެ އަހަރީ އާންމު ޖަލްސާގައެވެ. މިއީ 2018 ވަނަ އަހަރު ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަން، ނޭޝަނަލް ބޯޓިން އެސޯސިއޭޝަންގެ ނަމަށް ބަދަލު ކުރި ފަހުން ބޭއްވި ފުރަތަމަ އަހަރީ އާންމު ޖަލްސާއެވެ.
އެންބީއޭއެމްގެ އަހަރީ އާންމު ޖަލްސާގައި މެނޭޖްމަންޓުގެ މަގާމުތަކުގެ އިތުރުން އެގްޒެކެޓިވް ބޯޑަށް ނުވަ މެމްބަރުން އިންތިހާބުކުރިއެވެ. އޭގެ ތެރެއިން މެނޭޖްމަންޓުގެ މަގާމުތަކަށް އިންތިހާބުވި ބޭފުޅުންނަށް ދެ އަހަރުގެ ދައުރެއް ލިބޭނެއެވެ. އަދި އެގްޒެކެޓިވް ބޯޑުގެ މެމްބަރުންނަށް ލިބޭނީ އެއް އަހަރުގެ ދައުރެކެވެ.
ރައީސްކަމުގެ މަގާމަށް އަފްރާހު އިންތިހާބުކުރި އިރު، ނައިބު ރައީސްގެ މަގާމަށް އިންތިހާބުކޮށްފައިވަނީ ފްލޯޓިން އޭޝިއާގެ އިސްމާއިލް ހަމީދެވެ. ޓްރެޝަރާގެ މަގާމަށް އިންތިހާބުކޮށްފައިވަނީ ސެއިލިން ޓުއާސްގެ އަބްދުﷲ އިބްރާހީމެވެ. އަދި ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އިންތިހާބުކޮށްފައިވަނީ ސެއިލް އޭޝިއާގެ މުހައްމަދު އިގްނާޒް އަލީއެވެ.