އިލެކްޝަންސް ކޮމިޝަން

ކައުންސިލަރުންގެ އަދަދު ކަނޑައެޅުމުގައި ބަލާނީ އިއްޔެގެ ނިޔަލަށް ރަޖިސްޓްރީވެފައިވާ އާބާދީއަށް: އީސީ

އާނިފާ ހުސެއިން ސިރާޖް

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްތަލަށް އިންތިހާބުކުރަން ޖެހޭ ކައުންސިލަރުންގެ އަދަދު ކަނޑައެޅުމުގައި ބަލާނީ އިއްޔެގެ ނިޔަލަށް ސިޓީ އަދި ރަށްތަކުގައި ރަޖިސްޓްރީވެފައިވާ އާބާދީއަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިސީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްތަކަށް އިންތިހާބުކުރަން ޖެހޭ ކައުންސިލަރުންގެ އަދަދު ކަނޑައެޅުމުގައި އިއްޔެގެ ނިޔަލަށް ރަށްތަކާއި ސިޓީތަކުގައި ރަޖިސްޓްރީވެފައިވާ އާބާދީއަށް ބެލުމަށް ނިންމީ އެ ކޮމިޝަނުގެ 542 ވަނަ އާންމު ޖަލްސާގައި ކަމަށެވެ.

ލޯކަލް ކައުންސިލު އިންތިހާބު އަންނަ އޭޕްރީލް މަހު ބާއްވަން ނިންމާފައި ވާއިރު، ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކޮށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ގާނޫނުގައި ބުނެފައިވަނީ 3،000 މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށު ކައުންސިލަކަށް ފަސް ކައުންސިލް މެންބަރުން އިންތިހާބު ކުރަން ޖެހޭނެ ކަމަށާއި އޭގެ ތެރެއިން ދެ ބޭފުޅުން ވާންޖެހޭނީ އަންހެން ބޭފުޅުންނަށް ކަމަށެވެ. އަދި 3،000 އަށްވުރެ މީހުން ގިނަ އާބާތީތަކަށް ހަތް ކައުންސިލަރުން އިންތިހާބު ކުރަންޖެހޭނެ ކަމަށާއި އޭގެ ތެރެއިން ތިން ބޭފުޅުން އަންހެން ބޭފުޅުންނަށް ވާން ޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ. އަދި 10،000 މީހުންނާއި 30،000 މީހުންނާ ދެމެދުގެ އަދަދަކަށް ރަޖިސްޓްރީގައި ތިބި ސިޓީތަކަށް ހަ މެންބަރުން އިންތިހާބު ކުރަން ވާނެ ކަމަށް އިސްލާހުގައިވެ އެވެ. އަދި 30،000 މީހުންނާއި 60،000 މީހުންނާ ދެމެދުގެ ސިޓީތަކަށް 10 މެންބަރުން، 60،000 އަށް ވުރެ މަތީ އާބާދީގެ ސިޓީތަކުގެ ކައުންސިލަށް 18 މެންބަރުން ކަމަށް ވެސް ގާނޫނުގައި ބުނެފައިވެއެވެ.