އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 17

2

(14 ޑިސެމްބަރުގެ އަދަދާ ގުޅޭ)

"ނޫނެކެވެ." حسّان އިސްދަށަށް ޖައްސަވައިލައްވައިފައި ވިދާޅުވިއެވެ. އެއީ އަޅުގަނޑުގެ ހިތުގެ އަޑެއް ނޫނެވެ. އަޅުގަނޑު ބޭނުންވީ އިތުރު އިމްތިޙާނަކުން ސަލާމަތްވުމަށެވެ."

ماه بانو ވިދާޅުވިއެވެ. "މާދަމާ ކަލާއަށް އަލްވަދާޢު ދަންނަވާނެ ފުރުޞަތެއް އަޅުގަނޑަށް ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިއީ އަޅުގަނޑުމެންގެ އެންމެފަހުގެ ބައްދަލުވުންކަމުގައި ނުވާނެކަން އަޅުގަނޑަށް ޔަޤީނެވެ. ކަލާގެ އަވަށަށް ވަޑައިގެންނެވި ދުވަހު ބައްޕާފުޅު ހުންނެވީ އަޅުގަނޑު ކަލާގެ އަވަށުގެ ޚަބަރުތައް ސާފުކޮށް ނުދަންނަވައިގެން ވަރަށް ފިކުރުފުޅު ބޮޑުވެފައެވެ. ބައްޕާފުޅު ވަރަށްގިނަފަހަރު ވިދާޅުވިއެވެ. އެޒުވާނާ ދެން އަހަރެމެންނަށް ފެންނާނެކަމެއް ނޭނގެއެވެ. ނަމަވެސް އެދުވަހުވެސް އަޅުގަނޑުގެ ހިތްބުނީ ކަލާ އަދި ވަޑައިގަންނަވާނެ ކަމުގައެވެ. އެގޮތުން އަޅުގަނޑު ހުރީ ހިތްހަމަޖެހިގެންނެވެ. ކަލާގެ އަވަށަށް ވަޑައިގަތުމުން ކަލާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަންތައްތައް ލަފާކުރާކަށްވެސް އަޅުގަނޑަކަށް އުނދަގުލެއް ނޫނެވެ. އެހެންކަމާއެކުވެސް އަޅުގަނޑުމެން އަބަދަށްޓަކައި އެކަކު އަނެކަކާ ވަކިވީކަން ޔަޤީންކުރަން އަޅުގަނޑަށް އުނދަގޫވިއެވެ."

حسّان ވިދާޅުވިއެވެ. "އެދުވަހު އަޅުގަނޑުގެ ވީރާނާވެފައިވާ ގެ ފެނިފައި ދީވާނާވެގެން އަޅުގަނޑު ތޫރަޖުގެ އަވަށަށް ނުދިޔަނަމަ އަދި އޭނާ ޤަތުލުކުރުމަށްފަހު ކަލާގެ އަރިހުން ޙިމާޔަތް ހޯދަން ނުޖެހުނުނަމަ މިއަދު ކަލާ އަޅުގަނޑާމެދު ވިސްނައިވަޑައިގަތުމުގެ ބޭނުމެއް އޮތްކަމަށް ޚިޔާލުކުރައްވާނެ ކަމެއްވެސް ނޭނގެއެވެ. ماه بانو އެވެ! މިއަދު އަޅުގަނޑަށް ކަލާގެ ލޯފުޅުން ކަރުނަފޮދު ނުފެނުނުނަމަވެސް އަޅުގަނޑުގެ ޙަޔާތުގެ ދެން އޮތްތާނގެ އެންމެ ހިނދުކޮޅެއްވެސް ކަލާގެ ހަނދާނުން އެއްކިބައެއް ނުވާނެއޭ ދަންނަވާކަށް އަޅުގަނޑަކަށްވެސް ނުކެރުނީހެވެ. އެހެންކަމާއެކުވެސް އަޅުގަނޑު ބިރުގަންނަނީ މީގެ މަސްތަކެއް ނުވަތަ އަހަރުތަކެއްގެފަހުން ކަލާ މާޒީއާމެދު ވިސްނައިވަޑައިގަންނަވާއިރު މިކަންތައްތަކަކީ ހެއްވާ ކަންތައްތަކެއް ކަމުގައި ކަލާއަށް ފެނިވަޑައިގަންނަވާނެތީއެވެ."

"ނޫނެކެވެ. ނޫނެކެވެ! ماه بانو حسّان ގެ ވާހަކަފުޅަށް ކަނޑައެޅިގެން އިޢުތިރާޟް ކުރައްވަމުން ވިދާޅުވިއެވެ. "ފަހަރެއްގައިވެސް ތިޔަހެންނަކުން ނުވާނެއެވެ. ماه بانو އޭނާގެ ތުރުތުރުއަޅައަޅައި އޮތް އަތްޕުޅު حسّان ގެ ކޮނޑުފުޅުމަތީގައި ބާއްވަވައިލެއްވިއެވެ.

حسّان ނުހަނު ވޭނީ ރާގެއްގައި ވިދާޅުވިއެވެ. "ماه بانو އެވެ! އަޅުގަނޑު ކަލާއަށް ޝުކުރުވެރިވަމެވެ. ނަމަވެސް ކަލާ ތިޔަހައި އޯގާވެރި ބޭފުޅެއްކަމުގައި ނުވިނަމަ ކިހައި ރަނގަޅުވީސްތޯއެވެ؟ އަދި އަޅުގަނޑަކީ ފަގީރު ދަނޑުވެރިއެއްގެ ދަރިޔެއްކަން އިޙްސާސްކޮށްދެއްވަން އުޅުއްވިނަމަ ކިހައި ރަނގަޅުތޯއެވެ. އަޅުގަނޑަކީ ޙަޔާތުގެ ހުރިހައި މަގުތަކެއް ވީރާނާކަމުގެ ތެރެއަށް ގެއްލިފައިވާ މީހަކީމެވެ. މިވީރާނާކަން ކަލާގެ ހަނދާނުން އާރާސްތުވެގެން ވާނެކަމަށް އަޅުގަނޑު ވަޢުދުވަމެވެ. އަދި އަޅުގަނޑު ކަލާދެކެ ލޯބިވަމޭ ދަންނަވާކަށްވެސް ޖެހިލުމެއް ނުވަމެވެ. ނަމަވެސް އަޅުގަނޑުގެ ލޯބީގެ ފަސްބައިވާނީ މުސްތަޤްބަލުގެ އެދުންތަކާއި އުންމީދުތަކުން ހުސްވެގެންނެވެ."

ماه بانو ވިދާޅުވިއެވެ. "ނަމަވެސް އަޅުގަނޑު މުސްތަޤްބަލާމެދު މާޔޫސެއް ނުވަމެވެ."

حسّان ޖަވާބު ދެއްވިއެވެ. "ކަލާއަކީ قبــاد ގެ ދަރިކަނބަލެކެވެ. ކަލާގެ މުސްތަޤްބަލުގެ މަގުތަކާ ގުޅިފައިވަނީ ސަހަރާގައި ހުންނަ ޖިފުޓިތަކެއް ނޫނެވެ. ވިދައި ބަބުޅަމުންދާ ސަހަރުތަކުގެ މަރުމަރުހިލައިގެ ގަނޑުވަރުތަކެވެ." ماه بانو ވިދާޅުވިއެވެ. "މުސްތަޤްބަލޭ ދެންނެވުމުގައި އަޅުގަނޑުގެ މުރާދަކީ އަޅުގަނޑުމެން ދެމީހުންގެ މުސްތަޤްބަލެވެ."

"ނޫނެކެވެ. ނޫނެކެވެ." ބެދެމުންދާ އަޑުފުޅަކުން حسّان ވިދާޅުވިއެވެ. "އަޅުގަނޑުގެ ބަދުނަސީބުގެ ހިއްސާދާރަކަށެއް އަޅުގަނޑު ކަލާ ނަހަދާނަމެވެ."

ماه بانو ގެ މޫނުފުޅުމައްޗަށް ކުއްލިޔަކަށް ހިތާމައިގެ ކުލަ ވެރިވެއްޖެއެވެ. އޭނާ حسّان ގެ ކޮނޑުފުޅުމަތީން އަތްޕުޅު ނަންގަވައިފިއެވެ. އިރުކޮޅެއްވަންދެން ބިންގަރާހުގެ ތެރޭގައި އޭނާގެ ފުން ނޭވާފުޅާއި ހިތްޕުޅުގެ ވިންދުގެ އަޑުނޫން އެހެން އަޑެއް ނެތެވެ. އެންމެފަހުން حسّان ވިދާޅުވިއެވެ. "ماه بانو އެވެ! ކަލާއަކީ قبــاد ގެ ދަރިކަނބަލުން ކަމުގައްޔާއި ޖިހާންދާދުގެ ކޮއްކޯފުޅު ކަމުގައި ނުވެފައި އަދި އަޅުގަނޑުގެ ހިތުގައި ކަލާއާމެދު އިޙްސާންތެރިކަމާއި ޝުކުރުވެރިކަމުގެ ޖަޒުބާތު މިހައިބޮޑަށް އުފެދިފައި ނެތްކަމުގައި ވީނަމަވެސް އަޅުގަނޑު ދެންނެވީހީ އަޅުގަނޑުމެން ދެމީހުން އުފެދިފައިވަނީ ދެމަގަކުން ހިނގާން ކަމުގައެވެ."

ماه بانو ވިދާޅުވިއެވެ. "އަޅުގަނޑުމެން ދެމީހުންގެ ޙަޔާތުގައި އެކަކު އަނެކެއްގެ އެކުވެރިކަމުގެ ބޭނުންތެރިކަން އިޙްސާސްކުރަން ނުޖެހޭނެ ދަނޑިވަޅެއް އަތުވެދާނެކަން ކަލާއަށް ޔަޤީންތޯއެވެ؟"

حسّان ماه بانو އާ ދިމާޔަށް ރަނގަޅަށް ބައްލަވައިލެއްވިއެވެ. އޭނާގެ ހިތްޕުޅުގެ އަޑީގައި ފޮރުއްވަވަން މަސައްކަތް ކުރައްވަމުން ގެންދެވި ޖަޒުބާތުތައް ކެކިއުތުރިގެންފިއެވެ. އޭނާ ތުރުތުރުއަޅާ އަޑުފުޅަކުން ވިދާޅުވިއެވެ. " ماه بانو އެވެ! އަޅުގަނޑު ކަލާދެކެ ލޯބިވަމޭ ދެންނެވުމުން އެވަރުން ފުދިވަޑައިނުގެންނެވީތޯއެވެ؟ އަޅުގަނޑުގެ ވާހަކަ ކަނުލައި އައްސަވާށެވެ! މިބިންގަރާހުގެ އެއްކޮޅުން އަނެއްކޮޅަށް ކަލާގެ އަރިހުގައި ދެވޭއިރަށް އަޅުގަނޑުގެ ދިރިއުޅުން ނިމިދާނެކަމާއި މިބިންގަރާހުގެ ބޭރުގައި އަޅުގަނޑަށް އަބަދަށްޓަކައި ދިރިހުރެވިދާނެކަން އަޅުގަނޑަށް ކަށަވަރުވި ކަމުގައިވިޔަސް އަޅުގަނޑު ދާއިމީ ޙަޔާތެއްގެ ބަދަލުގައި ޚިޔާރުކުރާނީ ކަލާގެ އަރިހުގައި ހޭދަކުރެވޭ މަދު ސިކުންތުކޮޅެވެ. އަޅުގަނޑު ...."

ماه بانو އަވަސްއަވަހަށް އޭނާގެ ރީތި އިނގިލިފުޅު حسّان ގެ ތުންފަތްޕުޅުގައި ޖައްސަވައިލައްވައިފައި ވިދާޅުވިއެވެ. "حسّان އެވެ! ކަލާ އިތުރު އެއްޗެކޭ ވިދާޅުވުމުގެ ބޭނުމެއް ނެތެވެ. އަޅުގަނޑު އޮޅުންފިލުވަން ބޭނުންވީ قبــاد ގެ ދަރިފުޅު އަދި ޖިހާންދާދުގެ ކޮއްކޮއަށް ކަލާ ކޮންމެވެސް ދުވަހަކުން މަލާމާތް ނުކުރައްވާނެކަމެވެ. އަޅުގަނޑު ކަލާއަށް އިންތިޒާރު ކުރާނަމެވެ. ކަލާއަކީ އަބަދުވެސް އަޅުގަނޑުގެ ޙައްޤެއްކަމަށާއި އަބަދުވެސް އަޅުގަނޑުގެ މިލްކެއްގެ ގޮތުގައި ހުންނަވާނެކަމުގެ އުންމީދުގައި އިންތިޒާރު ކުރާނަމެވެ. އަޅުގަނޑު އަބަދުވެސް ފަޚުރުވެރިވާނަމެވެ. މިޤައުމުގެ ހިތްވަރުގަދަ މާތް އިންސާނަކު އަޅުގަނޑުދެކެ ލޯބިވާތީއެވެ."

حسّان ماه بانو ގެ އަތްޕުޅުގައި ހިއްޕަވައި އޭނާގެ ތުންފަތްޕުޅުގައި ޖައްސަވައި ބާރުކޮށްލެއްވިއެވެ. އޭނާ އިރުކޮޅެއްވަންދެން ޙިއްސެއް ޙަރަކާތެއްނެތި ހުންނެވިއެވެ. އިރުކޮޅަކުން އޭނާ ތުރުތުރުއަޅާ އަޑުފުޅަކުން ވިދާޅުވިއެވެ. "ماه بانو އެވެ! އަޅުގަނޑަށް ހައްތާވެސް ހީވަނީ އަޅުގަނޑުގެ ހިތަށް ކެހިދެވެނީހެންނެވެ. ނަމަވެސް އަޅުގަނޑުކަހަލަ ފަދަޔަކުން ފަދައެއްނެތް އިންސާނެއްގެ ލޯބީގެ އިނާމަކީވެސް ލޯބިކަމުގައިވާނަމަ އަޅުގަނޑު ކަލާއަށް ޔަޤީންކޮށް އަރުވަމެވެ. ދުނިޔޭގެ އެއްވެސް ފަރުބަދަޔަކަށް ނުވަތަ އެއްވެސް ސަހަރާއަކަށް ނުވަތަ އެއްވެސް ކަނޑަކަށް އަޅުގަނޑުމެން ދެމީހުންގެ ދެމެދަކަށް ހުރަހެއް ނޭޅޭނެއެވެ."

حسّان ހިނިފުޅުވަޑުވަނީއެވެ. އޭނާގެ ލޯފުޅުގައިވަނީ ކަރުނައެވެ. ماه بانو ގުދުވެވަޑައިގެން ބިންމަތީގައިހުރި ބައްތި ނަންގަވައިފައި ވިދާޅުވިއެވެ. "ހިންގަވާށެވެ!"

حسّان އެއްވެސް އެއްޗެކޭ ވިދާޅުނުވެ އޭނާއާއެކު ހިންގަވައިގެންނެވިއެވެ. ދެބޭފުޅުން އިތުރު ވާހަކަފުޅެއް ނުދައްކަވައެވެ. އެބޭފުޅުން ދައްކަވާނެ އިތުރު ވާހަކަފުޅެއް ނުވެސްނެތްމެއެވެ. ބިންގަރާސް ކޮޓަރިޔަށް ވެދެވަޑައިގެންނެވިއިރު سُهيل އޮންނެވީ އަވަހާރަފުޅަށެވެ. حسّان ބިންގަރާހުގެ ދޮރު ބަންދުކޮށްލެއްވިއެވެ. ماه بانو ބައްތި ބަހައްޓަވައިފައި ސިޑިޔާ ދިމާޔަށް ހިންގަވައިގެންނެވިއެވެ. އޭނާ ދޮރާ ހަމަޔަށް ވަޑައިގެން ހުއްޓިވަޑައިގެންފިއެވެ. އޭނާ އެނބުރި ބައްލަވައިލެއްވިއެވެ. ހިނިފުޅުވަޑުވައިލެއްވިއެވެ. އެއާއެކު حسّان އަށް އޭނާ ގެއްލިއްޖެއެވެ. حسّان އެނދުމައްޗަށް ވެއްޓިވަޑައިގެންފިއެވެ. ماه بانو ގެ ހިތްދަމައިގަންނަ ހިނިފުޅުވަޑުވައިލެއްވުން އެތައްއިރެއްވަންދެން އޭނާގެ ކުރިފުޅުމަތީގައި ނަށަމުން ގެންދިޔައެވެ.

+ + + + +

حسّان އަށް ހޭފުޅުލެއްވުނުއިރު سُهيل އޭނާގެ އެނދުގައި حسّان އާ ދިމާޔަށް ބައްލަވަން އިންނެވިއެވެ. سُهيل ވިދާޅުވިއެވެ. "ބޭބޭއެވެ! އަޅުގަނޑުގެ ހުންވިހެލައިފިއެވެ."

حسّان ލޯބިން ފުރިފައިވާ ނަޒަރަކުން އޭނާގެ ކޮއްކޮއާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އޭނާ ތެދުވެވަޑައިގެން އިށީނދެވަޑައިގަންނަވަމުން سُهيل އާ ދިމާޔަށް އަތްޕުޅު ދިއްކޮށްލެއްވިއެވެ. سُهيل ތެދުވެވަޑައިގެން حسّان ގެ އަރިހަށް ވަޑައިގަތުމުން حسّان އޭނާގެ މޭފުޅުގައި سُهيل ޖައްސަވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "سُهيل އެވެ! ބޭބެ މިރޭ ދަތުރު ފަށާނަމެވެ. މިފަހަރު ބޭބެގެ ޚިޔާލު ބަދަލެއް ނުވާނެކަން ނޭނގެއެވެ."

އަޅުގަނޑަށް އެނގެއެވެ. ماه بانو އަޅުގަނޑުގާތު ވިދާޅުވިއެވެ. "ހަވީރުވާއިރަށް އަޅުގަނޑުގެ ހުންގަދަނުކޮށްފިނަމަ ބޭބެ ފުރައިވަޑައިގަންނަވާނެކަން ކަށަވަރެވެ. ދެނެއް އަޅުގަނޑު ހުމެއް ނާންނާނެއެވެ."

"އޭނާ މިތަނަށް ވަޑައިގެންނެވިހެއްޔެވެ؟"

"އާދޭހެވެ. ماه بانو ގެ އަރިހުގައި އޭނާގެ ބޭބެވެސް ވަޑައިގެންނެވިއެވެ. އޭރު ބޭބެ އޮންނެވީ އަވަހާރަފުޅަށެވެ. އަޅުގަނޑު ބޭބެއަށް ދަންނަވާން އުޅުމުން އެބޭފުޅުން އެކަން މަނާކުރެއްވީއެވެ. ماه بانو ގެ ބޭބެ އިރުކޮޅަކުން ވަޑައިގަންނަވާނެ ވާހަކަ ވިދާޅުވިއެވެ. މިއަދު ބޭބެ ވަރަށްގިނައިރު އަވަހާރަފުޅު ލައްޕަވައިފީމުއެވެ. ماه بانو ގެ ބޭބެ އަޅުގަނޑުކުރެން ތޫރަޖު ޤަތުލުވީ ކިހިނަކުންތޯ ސުވާލުކުރެއްވިއެވެ. އަޅުގަނޑު އެވާހަކަ ތަފްސީލުކޮށް ދެންނެވުމުން އޭނާ ވަރަށް އުފާކުރެއްވިއެވެ. ماه بانو އެކޭ އެއްފަދައިން އޭނާވެސް އަޅުގަނޑަށް ޔަޤީންކޮށްދެއްވީ ބޭބެ ވަޑައިގެންނެތީސް އަޅުގަނޑަށް އެއްވެސް ނުރައްކަލެއް ކުރިމަތިވިޔަ ނުދެއްވާނެކަމެވެ. އޭނާއާ ماه بانو މުޅީން އެއްގޮތެވެ. އެބޭފުޅުން ވަޑައިގަންނަވަނީކަން ނޭނގެއެވެ. سُهيل މިހެން ވިދާޅުވެފައި އެއްފަރާތަކަށް ޖެހިވަޑައިގެންފިއެވެ. އޭނާ ސިޑިޔާ ދިމާޔަށް ބައްލަވަން ފައްޓަވައިފިއެވެ. މީހެއްގެ ފިޔަވަޅުގެ އަޑުއިވިވަޑައިގަތުމުން حسّان ވެސް އެދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ.

އިރުކޮޅެއްގެ ތެރޭގައި ޒަރުބަޚުތު އެކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ. حسّان އޭނާގެ އިސްތިޤްބާލަށް ތެދުވެވަޑައިގެންފިއެވެ. ޒަރުބަޚުތު ކޮޓަރިޔަށް ވެދެވަޑައިގެން ސަލާމަށް އަތްޕުޅު ދިއްކޮށްލައްވަމުން ވިދާޅުވިއެވެ. "އަޅުގަނޑުގެ ނަމަކީ ޒަރުބަޚުތެވެ. އަޅުގަނޑަށް ހީވާގޮތުގައި އަޅުގަނޑުމެންވަނީ ފުދޭވަރަކަށް އެކަކުއަނެކަކަށް ތަޢާރުފުވެފައެވެ. އަޅުގަނޑުގެ ގާތުގައި ޖިހާންދާދުގެ ރަޙުމަތްތެރިއެއްގެ ޤަދަރު ދޮށީ ބޭބެއަކަށްވުރެ ކުޑައެއް ނޫނެވެ."

"އިށީނދެވަޑައިގަންނަވާށެވެ!" حسّان ވިދާޅުވިއެވެ.

ޒަރުބަޚުތު سُهيل ގެ އެނދުގައި އިށީނދެވަޑައިގެންފިއެވެ. حسّان އާއި سُهيل އާ ދެބޭފުޅުން ޒަރުބަޚުތުގެ ކުރިފުޅުމަތީގައި އަނެއް އެނދުގައި އިށީނދެވަޑައިގެންފިއެވެ.

ޒަރުބަޚުތަކީ ވަރަށް ރީތި ޒުވާނެކެވެ. އޭނާގެ މޫނުފުޅަށް ފުރަތަމަފަހަރު ބައްލަވައިލެއްވުމުން حسّان ގެ ހިތްޕުޅަށް އެރިއެވެ. ކޮންމެވެސް ދުރުތަނަކުން ޒަރުބަޚުތު ފެނިވަޑައިގެންނެވިކަމުގައި ވީނަމަވެސް އެއީ ޖިހާންދާދުގެ ކޮއްކޯފުޅު ނޫން ދެވަނަ މީހެއް ނޫންކަމަށް އޭނާގެ ހިތްޕުޅު ހެކިދޭނެއެވެ.

ޒަރުބަޚުތު ވިދާޅުވިއެވެ. "އަޅުގަނޑަށް ކަލާގެ ވާހަކަ އިވުމާއެކު މިތަނަށް އައީމެވެ. ނަމަވެސް އޭރު ކަލާ އޮންނެވީ އަވަހާރަފުޅަށެވެ. އަޅުގަނޑުގެ ކޮއްކޮ އަޅުގަނޑު ގާތު ވިދާޅުވީ، ރޭހަތަރުދަމު ކަލާ އުޅުއްވީ އެއްވެސް އަރާމެއްނެތި ކަމުގައެވެ. އެހެންކަމުން ކަލާ އަވަހާރަފުޅަށް އޮންނަވަނިކޮށް ދަންނަވާން އަޅުގަނޑަށް ނުފެނުނީއެވެ. ކަލާ ތައްޔާރުވެވަޑައިގެން ނާސްތާ ކުރައްވާށެވެ. އަވަށުތެރޭގައި ބުރެއް ޖަހައިލައިފައި އަޅުގަނޑު އެހާއިރަށް އެނބުރި އަންނާނަމެވެ. ދުވާލު ހަތަރުދަމު ކަލާގެ އަރިހުން ބޭބޭފުޅުގެ ވާހަކަ އޮޅުންފިލުވާނަމެވެ. ބޭބޭފުޅުގެ އަރިހުގައި ހަނގުރާމައިގައި ބައިވެރިވި އެތައްބަޔަކާ އަޅުގަނޑާ މަދާއިނުން ބައްދަލުވިއެވެ. އަރްމިޔާހުގެ ހަނގުރާމަޔަށްފަހު ބޭބޭފުޅަށް ވީގޮތެއް އެއިން އެކަކަށްވެސް އޮޅުންފިލުވައިދޭކަށެއް ނޭނގެއެވެ. ބޭބޭފުޅުގެ ރަޙުމަތްތެރިއެއްގެ ހިތްވަރުގަދަކަމުގެ ވާހަކަވެސް އެބައިމީހުން ދެއްކިއެވެ. ނަމަވެސް އަރްމިޔާހު ހަނގުރާމައަށްފަހު އޭނާވެސްވީ ބޭބޭފުޅާއެކު ގެއްލިފައެވެ. ކަލާ ވަޑައިގަތުމުން އަޅުގަނޑު ބޭނުމީ ކަލާގެ އަރިހުން ހުރިހާ ޚަބަރުތަކެއް އޮޅުންފިލުވާށެވެ. އަޅުގަނޑު ވަރަށް އަވަހަށް އެނބުރި އަންނާނަމެވެ."

ޒަރްބަޚުތު މިހެން ވިދާޅުވެފައި ތެދުވެވަޑައިގެންފިއެވެ. ނަމަވެސް حسّان އަތްޕުޅުން އިޝާރަތްކުރައްވަމުން ވިދާޅުވިއެވެ. "މަޑުކުރައްވަ ބައްލަވާށެވެ. ހުރުމުޒު ކަލާއާމެދު ކަންތައް ކުރެއްވިގޮތެއް ކަލާ ވިދާޅެއް ނުވަމުއެވެ. ރޭގައި އަޅުގަނޑަށް މާލަހުން ނިދުނު އެއްސަބަބަކީ ކަލާ އެކަހަލަ އަނިޔާވެރިއެއްގެ މެހުމާނަކަށް ހުންނެވިކަމެވެ."

ޒަރުބަޚުތު ވިދާޅުވިއެވެ. ދެނެއް ހުރުމުޒަކަށް އަޅުގަނޑުމެންނާ ދިމާޔަށް އަތްޕުޅު އުފުއްލަވާކަށެއް ކެރިވަޑައެއް ނުގަންނަވާނެއެވެ. އޭނާގެ އަރިހުގައި ސިފައިންގެ ވެރިޔާގެ ސިޓީފުޅު ޝެހެންޝާހުގެ ފަތްކޮޅަކަށްވުރެ މުހިންމުކަން ކުޑައެއް ނޫނެވެ. އަޅުގަނޑުމެންގެ ހުރިހާ ބިންތަކެއް އަނބުރައި އަޅުގަނޑުމެންނަށް ދެއްވަންވެސް އޭނާ ވަޢުދުވެވަޑައިގެންނެވިވެ."

حسّان ސުވާލުކުރެއްވިއެވެ. "އޭނާ ކަންތައް ކުރައްވާގޮތް މުސްތަޤްބަލުގައިވެސް ބަދަލުނުވާނެކަން ކަލާއަށް ޔަޤީންތޯއެވެ."

ޒަރުބަޚުތު ޖަވާބުދެއްވިއެވެ. "އޭނާއަކީ އިތުބާރުކުރެވޭފަދަ ބޭފުޅެއްކަމަކަށް ބައްޕާފުޅު އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރައްވައެވެ. ނަމަވެސް އަޅުގަނޑު ޔަޤީންކުރާގޮތުގައި މިހާރު ހުންނެވި ސިފައިންގެ ވެރިޔާ ބަދަލުނުކުރެވޭހާ ހިނދަކު އޭނާއަކަށް އަޅުގަނޑުމެންނަށް އެއްވެސްކަހަލަ ނުބައިކަމެއް ކުރައްވާކަށެއް ކެރިވަޑައެއް ނުގަންނަވާނެއެވެ. ހުރުމުޒު އަޅުގަނޑުމެންނަށް އަނިޔާކުރެއްވީ މަދާއިނުގެ އުސްއޮފީސްތަކާ ހަމަޔަށް އަޅުގަނޑުމެންގެ ފަރިޔާދުގެ އަޑު ނުދާނެކަމަށް ހީފުޅުކުރައްވައިގެންނެވެ. ނަމަވެސް ޝަހެންޝާހުގެ ޚާއްޞަ ބޮޑީގާޑުންގެ ލަޝްކަރުގެ ކޮމާންޑަރު ބައްޕާފުޅާމެދު ބައްލަވަނީ އޭނާގެ ދޮށީ ބޭބޭފުޅު ކަމުގައެވެ. އޭނާއަށް ބައްޕާފުޅުގެ ސިޓީފުޅު ފެނިވަޑައިގަތުމާއެކު އަޅުގަނޑު ގޮވައިގެން އޭނާގެ ރަޙުމަތްތެރިއެއްގެ އަރިހަށް ވަޑައިގެންނެވިއެވެ. އެއީވެސް އަރްމިޔާހު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި އޮފިސަރެކެވެ. އޭނާ ބޭބޭފުޅު ރަނގަޅަށް ދެނެވަޑައިގަނެއެވެ. އެދެބޭފުޅުން އަޅުގަނޑު ގޮވައިގެން ވަޑައިގަތީ ސިފައިންގެ ވެރިޔާގެ އަރިހަށެވެ. އޭނާ ހުރުމުޒަށް ސިޓީ ލިޔުއްވައިފައި އަޅުގަނޑަށް ދެއްވަމުން ވިދާޅުވިއެވެ. ޢާއްމުގޮތެއްގައިނަމަ އަޅުގަނޑު ހުރުމުޒަކަށް މިކަހަލަ ސިޓީއެއް ނުލިޔުނީމުހެވެ. އީރާނުގެ ބޮޑުންގެ ތެރޭގައި އޭނާއަށްވުރެ ބޮޑާފުޅު އެއްވެސް ބޭފުޅަކު ނުހުންނަވާނެއެވެ. އެކަމަކު ހުރުމުޒުގެ ސަރަޙައްދާ ގުޅިފައިވަނީ ޢަރަބިކަރައާއެވެ. އެކަރަޔަށް އައިސްފައިވާ އިންޤިލާބުގެ އަސަރު ދިޖުލަތު ކޯރާއި ފުރާތު ކޯރާ ދެމެދުގައިވާ ބިން މޮޅު ސަރަޙައްދަށް ފޯރަމުންދާކަން އަޅުގަނޑަށްވަނީ އެނގިފައެވެ. ޢަރަބީން ރޫމީ ރަސްކަމުގެ ސަރަޙައްދަށް ކާމިޔާބު ޙަމަލަތަކެއް ދިންކަމުގެ ޙަޤީޤަތް އަޅުގަނޑަށްވަނީ ވަންހަނާވެފައެއް ނޫނެވެ. އެހެންކަމުން އަޅުގަނޑުވާނީ އެވާހަކަ ބަޔާންކޮށްފައެވެ. އަޅުގަނޑު ހުރުމުޒަށް މަޝްވަރާ އަރުވައިފައިވާނީ ނުރައްކަލެއް ދިމާވާ ވަގުތު އަޅުގަނޑުމެންނަށް ބޭނުންހިފޭކަހަލަ އެންމެންގެ އެއްބާރުލުން ހޯއްދެވުމަށެވެ. އަޅުގަނޑުވާނީ ކަލާގެ ބޭބޭފުޅުގެ ޚިދުމަތްތަކުގެ މައްޗަށްވެސް އަލިއަޅުވައިފައެވެ. އަޅުގަނޑު އިޝާރަތުން ވިސްނައިދެވޭތޯ މަސައްކަތްކޮށްފައިވާނީ މަދާއިނުގެ ނުފޫޒުހުރި އެތައްބަޔަކު ޚާއްޞަކޮށް ރޫމީންނާ ދެކޮޅަށް ހަނގުރާމަކުރި އީރާނީ ލަޝްކަރުގެ އޮފިސަރުން ޖިހާންދާދުގެ ބައްޕާފުޅަށް އެއްވެސްކަހަލަ އިހާނެތިކަމެއް ކުރިމަތިކުރެވުމަށް ރުހިވަޑައިނުގަންނަވާނެކަމެވެ. އަޅުގަނޑުގެ ސިޓީން އޭނާގެ ޢަމަލުތަކަށް ބަދަލެއްނައުންވެސް އެކަށީގެންވެއެވެ. އެހެންވެއްޖެނަމަ ހުރުމުޒާ މައްސަލަ ނުޖައްސަވައި ބައްޕާފުޅު ގޮވައިގެން މަދާއިނަށް ވަޑައިގަންނަވާށެވެ."

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟