އިބްރާހިމް ޒަކީ
އިސްލާމިކް ސްޓޭޓު (އައިއެސް)ގެ ލީޑާޝިޕުން ރާވައިގެން މާލޭގެ މަތިން ވައިގެ ތެރޭގައި ބޮމެއް ގޮއްވާލަން މަސައްކަތް ކުރި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު، (އެމްސީ ހަމީދު) ވިދާޅުވެއްޖެ އެވެ. ހަމީދު ވިދާޅުވީ އެ އޮޕަރޭޝަން ރާއްޖޭގެ ސަލާމަތީ ބާރުތަކުން ނާކާމިޔާބު ކޮށްލާފައިވާ ކަމަށެވެ.
ރައީސް ސޯލިހުގެ ދައުވަތަކަށް 200 އަށް ވުރެ ގިނަ ކައުންސެލަރުންނާ އެކު، ކްރޮސްރޯޑްސްގައި އިއްޔެއިން ފެށިގެން ކުރިއަށްދާ "ވިޔަވަތި ރާއްޖެ" މަހާސިންތާގެ މިއަދުގެ މެންދުރު ދަންފަޅީގައި، ރާއްޖޭން ބޭރު ގައުމުތަކުގައި ހިނގާ ޓެރަރިޒަމްގެ ހަނގުރާމަ ތަކަށް މީހުން ދިއުމާބެހޭގޮތުން މަހާސިންތާގެ ބައިވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޕޮލިސް ކޮމިޝަނަރު ވިދާޅުވީ އެއީ ސީރިޔާގައި ހުރި ދިވެއްސަކު ހިމެނިގެން 2017 ވަނަ އަހަރު ހިންގި ކަމެއް ކަމަށެވެ.
ޕޮލިސް ކޮމިޝަނަރު ވިދާޅުވީ އެއީ 2017 ވަނަ އަހަރު މުޅި ދުނިޔޭގައި ހިންގި އެންމެ ބޮޑު ކައުންޓާ ޓެރަރިޒަމް އިންޓެލިޖެންސް އަދި އިންވެސްޓިގޭޝަން އޮޕަރޭޝަން ކަމަށެވެ.
ޕޮލިސް ކޮމިޝަނަރު ވިދާޅުވީ އައިއެސްގެ އެ ރޭވުން ނާކާމިޔާބު ކޮށްލީ، ރާއްޖޭގެ ފުލުހުންނާއި ޑިފެންސްފޯސް އާއި އެންސީޓީސީ އާއި ކަމާގުޅޭ ހުރިހާ މުއައްސަސާތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ނަމަވެސް އެކަމުގައި ދުނިޔޭގެ އެންމެ ބޮޑެތި ފަސް ގައުމުން ބައިވެރިވި ކަމަށް ވެސް ވިދާޅުވިއެވެ.
އެ ބޮން ގޮއްވާލަން އިންސްޓްރަކްޓަރަކު ދީފައި ވަނީ އިސްލާމިކް ސްޓޭޓްގެ ލީޑާޝިޕުން ކަމަށާއި އެކަން ރޭވީ ދިވެހިންތަކެއް މާލޭގައި ތިބެގެން ކަމަށެވެ.
ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، ދެކުނު އޭޝިޔާގެ ގައުމުތަކަށް ބަލާއިރު، ޓެރަރިޒަމާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ ރާއްޖެއިން ކަމަށެވެ. އަދި އެކަމުގައި ކުރިއަށް އޮތްތަނުގައި ވެސް ރާއްޖެއިން ކުރިއަށްދާނެ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.