އިބްރާހިމް ޒަކީ
ސީރިއާގެ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ ދިވެހިންގެ ތެރެއިން އެ ގައުމުގައި މިހާރު ދިރިތިބީ 59 މީހުން ކަމަށާއި އޭގެ ތެރެއިން ރާއްޖެ ގެނެވޭ ހާލަތުގައި ތިބި ހަތަރު ފިރިހެނުން ކުރިއަށް އޮތް ހަ، ނުވަތަ ހަތް މަސްދުވަހުގެ ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު، (އެމްސީ ހަމީދު) ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހުގެ ދައުވަތަކަށް 200 އަށް ވުރެ ގިނަ ކައުންސެލަރުންނާ އެކު، ކްރޮސްރޯޑްސްގައި އިއްޔެއިން ފެށިގެން ކުރިއަށްދާ "ވިޔަވަތި ރާއްޖެ" މަހާސިންތާގެ މިއަދުގެ މެންދުރު ދަންފަޅީގައި، ރާއްޖޭން ބޭރު ގައުމުތަކުގައި ހިނގާ ޓެރަރިޒަމްގެ ހަނގުރާމަ ތަކަށް މީހުން ދިއުމާބެހޭގޮތުން މަހާސިންތާގެ ބައިވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޕޮލިސް ކޮމިޝަނަރު ވިދާޅުވީ އެމީހުން ރާއްޖެ ގެނައުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި އެމީހުން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ އެހެން ގައުމުތަކާ ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ.
ކޮމިޝަނަރު ވިދާޅުވީ ސީރިއާ ހަނގުރާމައަށް މިހާތަނަށް ދިޔައީ 173 ދިވެހިން ކަމަށެވެ. މިހާރު އެގައުމުގައި ދިރި ތިބީ 59 ދިވެހިން ކަމަށާއި އޭގެ ތެރެއިން 91 ޕަސެންތަކީ އަންހެނުންނާއި ކުޑަކުދިން ކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ.
ކޮމިޝަނަރު ވިދާޅުވީ ސީރިއާއިން ރާއްޖެ ގެންނަ މީހުން ރިހެބިލިޓޭޓް ކުރުމަށްޓަކައި ކ. ހިންމަފުށީގައި ވަސީލަތްތައް ގާއިމް ކުރަމުން އަންނަ ކަމަށެވެ. އަދި އެމީހުން ރާއްޖެ ގެނެސް ރިހެބިލިޓޭޓް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ކޮމިޝަނަރު ވިދާޅުވީ ސީރިޔާ ހަނގުރާމައަަށްގޮސް އެގައުމުގައި އެ މީހުން ތާށިވުމުން އެންމެ ބޮޑު ނިކަމެތިކަމެއް ލިބެނީ ކުޑަކުދިންނަށް ކަމަށެވެ. އަދި އެގޮތަށް ތާށީވެފައި ތިބި މީހުންގެ އާއިލާތަކުން ކޮންމެ ދުވަހަކު ފުލުހުންނަށް ގުޅައި އެފަދަ ފޮޓޯތަކާއި މައުލޫމާތު ހިއްސާ ކުރަމުން އަންނަ ކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ.