އެންސީޓީސީ

ރާއްޖޭގައި އުޅޭ ހަރުކަށި ފިކުރުގެ މީހުންނަށް ހަތިޔާރު އުފައްދަން ތަމްރީނުދޭ ކަމަށް ފުލުހުން ބުުނެފި

އިބްރާހިމް ޒަކީ

ރާއްޖޭގައި އުޅޭ ހަރުކަށި ފިކުރުގެ މީހުންނަށް ޓެރަރިޒަމް ހިންގުމަށް ބޭރުގެ ފަރާތްތަކުން ތަމްރީނު ދެމުންދާ ކަމަށާއި، އެގޮތުން އެފަދަ ފަރާތްތަކަށް ހަތިޔާރު އުފައްދަން ތަމްރީނު ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ރައީސް ސޯލިހުގެ ދައުވަތަކަށް 200 އަށް ވުރެ ގިނަ ކައުންސެލަރުންނާ އެކު، ކްރޮސްރޯޑްސްގައި އިއްޔެއިން ފެށިގެން ކުރިއަށްދާ "ވިޔަވަތި ރާއްޖެ" މަހާސިންތާގެ މިއަދުގެ މެންދުރު ދަންފަޅީގައި، ރާއްޖޭގައި އޮތް ޓެރަރިޒަމްގެ ހާލަތާބެހޭގޮތުން މައުލޫމާތު ދެއްވަމުން ފުލުހުންގެ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓުގެ ފަރާތުން މުހައްމަދު ޔަމާން ޖައުފަރު ވިދާޅުވީ، ރާއްޖޭގައި އުޅޭ ހަރުކަށި މީހުން، ބޭރުގެ ޓެރަރިޒަމް ޖަމާއަތްތަކުން ތަމްރީން ކުރަމުންދާ ކަމަށެވެ. އަދި އެފަރާތްތަކުން އެކަން ކުރަނީ އޮންލައިންކޮށްނާއި އޮފްލައިންކޮށް ކަމަށްވެސް ޔަމާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކަންބޮޑުވާން ޖެހޭ ކަމަކީ އެފަދަ ހަރުކަށި ހިޔާލުގެ މީހުން އިތުރު ވަމުން އައުން ކަމަށެވެ.

ޔަމާން ވިދާޅުވީ ހަރުކަށި މީހުން ބަލަނީ އެމީހުންގެ ވިސްނުން ގަބޫލު ނުކުރާ ކޮންމެ މީހަކީ ކާފަރެއްގެ ގޮތުގައި ކަމަށާއި އެވިސްނުން ގަބޫލު ނުކުރާ އިލްމުވެރިންނަކީ ހުޅަނގުގެ އެޖެންޓުންގެ ގޮތުގައި ކަމަށެވެ. އަދި އެމީހުންގެ ފިކުރަށް ތާއީދު ނުކުރާ މީހުންގެ މުދަލަކީ އެމީހުންގެ މިލްކެއް ކަމުގައި ހަދައި އެފަދަ މުދާ ވަގަށް ނަގަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެފަދަ މީހުންނާ ލޭގެ ގުޅުން ކަނޑައި ލޭ ހުއްދަ ކުރުމުގެ ސަބަބުން މުޖުތަމައަށް ނުރައްކާވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.