ބޮލީވުޑް

ދީޕިކާ ސިދާންތް އަދި އަނަންޔާ އެކުގައި ފިލްމަކުން

ފިލްމު "ޕަތީ ޕަތުނީ އޯރު ވޯ" ގެ ކާމިޔާބީއަށްފަހު އަންނަޔާ ޕަންޑޭ މިވަނީ ދީޕިކާ ޕަޑުކޯން އަދި ސިދާންތު ޗަތުރުވޭދީ އާއެކު ފިލްމެއް ކުޅުމަށް ސޮއިކޮށްފައެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް ޝަކުން ބަތުރާ ޑައިރެކްޓު ކުރާ އެ ފިލްމަށް އަދި ނަމެއް ދީފައެއް ނުވެއެވެ.

ފަހުގެ ރިޕޯޓްތަކުގައި ވާ ގޮތުގައި ފިލްމުގައި ދީޕިކާ އާއި ސިދާންތު މެއިން ލީޑުން ފެނިގެން ދާއިރު އަނަންޔާ ފެނިގެން ދާނީ ދެވަނަ ލީޑުންނެވެ. މި ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެކެވެ. އޭގައި މިޒަމާނުގެ ރިލޭޝަންޝިޕްސް ފެނިގެންދާނެ ކަމަށް ވެއެވެ.

ފިލްމަށް އިތުރު ބަތަލެއް ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމުގެ ޝޫޓިން އިންޑިއާގައި ކުރަން ހަމަޖެހިފައިވާއިރު ވަރަށް އަވަހަށް ފިލްމު ރަސްމީކޮށް ލޯންޗުކުރުމަށް ވަނީ ހަމަޖައްސާފައެވެ.

އެސިޑް އެޓޭކް ވިކްޓިމެއްގެ ދިރިއުޅުމުގެ މައްޗަށް އުފައްދާފައިވާ ފިލްމު "ޗަޕާކް" ގެ ރިލީސްއަށް މިވަގުތު ދީޕިކާ އިންތިޒާރު ކުރަމުން އަންނައިރު އަނަންޔާ އަންނަނީ އިޝާން ކައްޓަރު އާއެކު ކުޅޭ ފިލްމު "ކާލީ ޕީލީ"ގެ ޝޫޓިންގައި އަވަދިނެތިއެވެ.