އިބްރާހީމް ރިފްއަތު

ނުނިމި ލަސްވާ މައްސަލަތައް މުރާޖައާކުރަން ޕީޖީއަށް ހުށަހެޅޭގޮތަށް ނިންމުމުން އޭޖީގެ ތާއީދު

އާނިފާ ހުސެއިން ސިރާޖް

ދައުވާކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ތުހުމަތުކުރޭ ކުރެވޭ ފަރާތުގެ ކުށެއް ނުވަތަ އިހުމާލެއް ނެތި ކޯޓުތަކުގައި ނުނިމި ލަސްވެފައި ހުރި މައްސަލަތައް މުރާޖާކުރަން އެދި ޕީޖީ އޮފީހަށް ހުށަހެޅޭނެ ގޮތަށް ހަމަޖެއްސުމުން އެކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހީމް ރިފްއަތު ތާއީދުކުރައްވައިފިއެވެ.

މައްސަލަތައް މުރާޖާކުރަން ޕީޖީ އޮފީހުގައި ކުރިން ވަނީ ކޮމެޓީއެއް އެކުލަވާލާފައެވެ. ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ދައުވާކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ތުހުމަތުކުރޭ ކުރެވޭ ފަރާތުގެ ކުށެއް ނުވަތަ އިހުމާލެއް ނެތި ކޯޓުތަކުގައި ނުނިމި ލަސްވެފައި ހުރި މައްސަލަތައްވެސް މުރާޖާކުރުން އެ ކޮމެޓީގެ މެންޑޭޓުގެ ތެރޭގައި ހިމަނާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އޭޖީ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެފަދަ މައްސަލަތައް ޕީޖީ އޮފީހުގެ މުރާޖައާ ކޮމެޓީގެ މެންޑޭޓުގެ ތެރޭގައި ހިމެނުމަށް ޕީޖީ ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވާ ކަމަށެވެ.

އޭޖީ ވިދާޅުވީ، ނުނިމި ލަސްވެފައި ހުރި މައްސަލަތައް ރިވިއުކުރެވޭ ގޮތް ހެދުމުން، މައްސަލަ ތަހުގީހު ކުރުމަށް ބޭއިންސާފުން ބަންދުގައި ބޭތިއްބުން ފަދަ ކަންކަމުން ސަލާމަތްވެގެންދާނެ ކަމަށެވެ.

ވާނުވާގައި މުއްދަތު ޖަހައި، ޝަރީއަތް ހިންގުމެއް ނެތި އެތައް ދުވަހަކު ބަންދުގައި މީހުން ގެންގުޅެމުންދާ ސިޔާސަތަށް ނިމުމެއް ގެންނެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އާ ޕީޖީ ހުސެއިން ޝަމީމް ވަނީ ވިދާޅުވެފަ އެވެ.