ބޮލީވުޑް ތަރި ދީޕިކާ ޕަޑުކޯން ހޮލީވުޑް ބަތަލު ވިން ޑީސަލްގެ "ޓްރިޕަލް އެކްސް" ފްރެންޗައިޒް އިން ފެނިގެންދާނެ ކަމަށް ބުނެފިއެވެ.
ޑީސަލް ވަނީ އިންސްޓަގްރާމުގައި ފްރެންޗައިޒްގެ ތިން ވަނަ ފިލްމު "ޓްރިޕަލް އެކްސް: ރިޓާން އޮފް ޒަންޑާ ކޭޖް" ގެ ފޮޓޯއެއް ހިއްސާކޮށް އޭގެ ކެޕްޝަނުގައި ކޯސްޓާރުންގެ ނަންތައް ލިޔެފައެވެ. އޭގައި ބަތަލާ ދީޕިކާގެ ނަންވެސް އިނެވެ.
"ޓްރިޕަލް އެކްސް" ގެ ހަތަރު ވަނަ ފިލްމެއް ނެރޭކަމުގެ އަޑުތައް ފެތުރިފައިވާތާ ވަނީ ދުވަސްތަކެއް ވެފައެވެ. އޭގެ ތިން ވަނަ ފިލްމަކީ ދީޕިކާގެ ހޮލީވުޑް ޑެބިއުއެވެ.
ފިލްމުގެ ފްރެންޗައިޒެއް ހަދާނެ ކަމަށާއި އޭގެ ސްކްރިޕްޓް ތައްޔާރުވިހާ އަވަހަށް ދީޕިކާއަށް އަންގާނެ ކަމަށް އޭރު އެ ފިލްމު ޑައިރެކްޓް ކުރި ޑިޖޭ ކަރޫސޯ ބުނެފައިވި ނަމަވެސް މިހާތަނަށް އައިއިރު އޭނާގެ ހަބަރެއް ވެފައެއް ނުވެއެވެ.
ރަސްމީކޮށް "ޓްރިޕަލް އެކްސް 4" ގައި ދީޕިކާ ފެނިގެންދާނެ ކަމުގެ ހަބަރު އިއުލާންކޮށްފައިނުވިޔަސް ވިން ޑީސަލްގެ މީސް މީޑިއާ ޕޯސްޓުން އެކަން ވަރަށް ބޮޑު ޔަގީންވާކަމަށް ހަބަރުތައް ބުނެއެވެ. އަދި ދީޕިކާގެ ފަރާތުންވެސް ވަނީ ހޮލީވުޑް ފިލްމަކަށް ތައްޔާރުވަމުން އަންނަކަން މީގެ ކުރިން ހާމަކޮށްފައެވެ.
ބައެއް ސޯސްތައް ބުނާ ގޮތުގައި ފިލްމުގައި ދީޕިކާ ފެނިގެންދާނީ "ސެލޭނާ އުންގާ"ގެ ރޯލުން މެއިން ލީޑެއްގެ ގޮތުގައެވެ. އަނެއްބައި ސޯސްތައް ބުނާގޮތުން ފިލްމުގައި ދީޕިކާގެ ފެނިގެން ދާނީ ހާއްސަ ފެނިލުމަކުން އެކަންޏެވެ.