ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފުގެ ބަންދާ މެދު ގޮތެއް ނިންމުމަށް މާދަމާ ކޯޓަށް ހާޒިރުކުރަން ނިންމައިފިއެވެ.
މަހުލޫފުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 1:00 ގައެވެ.
ފެބުރުއަރީ މަހުގެ ތިން ވަނަ ދުވަހު މާފުށީ ޖަލު ކައިރީގައި މުޒާހަރާ ކުރި މައްސަލާގައި ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން މަހުލޫފު ހުންނެވީ ގޭ ބަންދުގައެވެ.
މަހުލޫފު ވަނީ ކޯޓަށް ހާޒިރުކުރުމާ ގުޅިގެން ޓުވީޓެއް ވެސް ކުރައްވައިފައެވެ. މަހުލޫފު ދޫކޮށްލުމުގެ ކުރިން ގއ. ކޮލަމާފުށިން ހައްޔަރުކުރި ހިތްވަރުގަދަ ޒުވާނުން، އެމްޑީޕީ ވިލިނގިލި ދާއިރާގެ ނައިބު ރައީސް އަމީޒު ހަސަނާއި ނަޒުމާއާއި އަޒުމީ އަދި ސިޔާސީ ގޮތުން ހައްޔަރުކޮށްފަ ތިބި ހުރިހާ ރައްޔިތުން ދޫކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ރައީސްކަމުގެ މަގާމަށް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިންތިހާބުކޮށްދިނުމަށް 2013 ވަނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެއްވި މަހުލޫފު، އޭގެ ފަހުން ފެންނަމުންދިޔައީ އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެއްގެ ގޮތުގައެވެ.
މަހުލޫފުގެ އިތުރުން ވެސް އިތުރު އެހެން ބޭފުޅުންތަކެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމަށް ހަމަޖެހިފައިވެއެވެ. ޖުމްހޫރީ ޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މިހާރު ކޯޓަށް ހާޒިރުކޮށްފައިވާ އިރު، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އަދި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް މިއަދު ހަވީރު 5:00ގައި ކޯޓަށް ހާޒިރުކުރާނެއެވެ.