ގައުމި އެއާލައިން މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް އައްޑޫ ސިޓީ އާއި ހުވަދު އަތޮޅާއި ލ. އަތޮޅާއި ދެމެދު ފަށައިފިއެވެ.
މޯލްޑިވިއަނުން މިއަދު ޝެޑިއުލް ދަތުރުތައް ފަށާފައިވާ މިވަނީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މި ވާހަކަ މިދިޔަ ބުރާސްފަތި ދުވަހު ހިއްސާކުރައްވާފައި ވަނިކޮށެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން، މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް މިއަދު ވިދާޅުވީ ހަފުތާއަކު ހަ ދުވަހު އައްޑު އާއި ހުވަދުއާ ދޭތެރޭ ޝެޑިއުލް ދަތުރުތައް ބާއްވަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން މިއަދުން ފެށިގެން ލ. އަތޮޅާއި އައްޑޫ ގަން އެއާޕޯޓް ދެމެދު ހަފުތާއަކު އެއް ދަތުރު ބާއްވަން ނިންމާފައިވާކަމަށް ވެސް މޯލްޑިވިއަނުން މައުލޫމާތު ދެއެވެ.
މި ދަތުރުތަކުގެ ޓިކެޓް މިއަދުން ފެށިގެން ވިއްކަން ފަށާފައިވާ ކަމަށް މޯލްޑިވިއަނުން މައުލޫމާތު ދެއެވެ.