ޗައިނާ ފަދަ ގައުމުތަކުގެ ގުޅުމާ މެދު ސިޔާސީ ވެރިން އެކަކު އަނެކަކާ ތަޅާނުފޮޅައި އިހުތިރާމު ކުރުން ވަރަށް މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވަނިކޮށެވެ.
މޫސަ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ދައުލަތުގެ އާމްދަނީ އެންމެ ބޮޑަށް ބަރޯސާވާ ފަތުރުވެރިކަމުގެ ދާއިރާގައި ޗައިނާގެ ފަތުރުވެރިންގެ ފަރާތުން ބޮޑު ފައިދާއެއް ވާއިރު، ސިޔާސީ ވެރިން އެކަކު އަނެކަކާ ތަޅާނުފޮޅައި އިހުތިރާމު ކުރުން ވަރަށް މުހިންމު ކަމަށެވެ.
އިންޑިއާގެ ލޮކްސަބާ ޓީވީއަށް ރައީސް ނަޝީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކާ ގުޅިގެން ރާއްޖެ އޮތީ ޗައިނާގެ ދަރަނީގެ ދަންތުރައެއްގައި ޖެހިފައި ކަމަށެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު 2017ގައި އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ އެ އެއްބަސްވުން "މަރު"ވެފައިވާ ކަމަށާއި އެ އެއްބަސްވުން ތަންފީޒުކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ބޭނުންވާނެ ކަމަށެވެ. އަދި މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުން އެ އެއްބަސްވުން ތަންފީޒުކުރަން އެއްބަސްވެދާނެ ކަމަށް ގަބޫލުފުޅުނުކުރައްވާނެ ކަމަށް ވެސް އެެމަނިކުފާނު ވިދާޅުވިއެވެ.