މެމްބަރު މުހައްމަދު ސައީދު

ސައީދު، ނަޝީދަށް: ރާއްޖެ އާއި ޗައިނާއާ ދެމެދު އެކުލަވާލާފައިވާ ފްރީ ޓްރޭޑް އެގްރީމަންޓް މަރެއް ނުވޭ

ރާއްޖެ އާއި ޗައިނާއާ ދެމެދު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން "މަރު"ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅު ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ދޮގުކުރައްވައިފިއެވެ.

އިންޑިއާއަށް ނަޝީދު ކުރައްވާ ދަތުރުފުޅުގައި ރައީސް ނަޝީދު ވަނީ 2017 ވަނަ އަހަރު ރާއްޖެ އާއި ޗައިނާއާ ދެމެދު އެކުލަވާލި ފްރީ ޓްރޭޑް އެގްރީމަންޓާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ.

އިންޑިއާގެ ލޮކްސަބާ ޓީވީއަށް ނަޝީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފްރީ ޓްރޭޑް އެގްރީމަންޓް މިހާރު ވުޖޫދުގައި ނެތް ކަމަށާއި އެ އެއްބަސްވުން ތަންފީޒުކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ބޭނުންވާނެ ކަމަށެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެމްބަރުން އެ އެއްބަސްވުން ތަންފީޒުކުރަން އެއްބަސްވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަފުޅުތަކަށް ރައްދުދެއްވުމަށް ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ފަރާތުން އޭރު އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އޭނާ ކަމަށާއި އެ އެއްބަސްވުން މަރުވި ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ރައީސް ނަޝީދުގެ އެ ވާހަކަފުޅުތަކަކީ ސިޔާސީ މަންފާތަކެއް ހާސިލުކުރުމަށް ދައްކަވާ ވާހަކަފުޅުތަކެއް ކަމަށާއި އެމަނިކުފާނުގެ އެ ވާހަކަފުޅުތައް ކުށްވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ގޮވާލާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ލޮކްސަބާ ޓީވީއަށް ދެއްވި އިންޓަވިއުގައި ނަޝީދު ވަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ޗައިނާއާއެކު ހަދާފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ އޮތީ ޗައިނާގެ ދަރަނީގެ ދަންތުރައެއްގައި ޖެހިފައި ކަމަށެވެ.