ފިލްމު "ތަންހާޖީ: ދަ އަންސަންގް ވޮރިއާ" އަށް ދައުވާ ކޮށްދިނުމަށް ދިއްލީ ހައިކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ސޮސައިޓީއެއް ކަމަށްވާ، އަކީލް ބާތިޔާ ކިޝްތްރިޔާ ކޯލީ ރާޖްޕުތު ސަންގް އިން ހުށަހެޅި މި މައްސަލައިގައި ވަނީ ފިލްމުގެ މެއިން ކެރެކްޓަރު ކަމަށްވާ "ތަންހާޖީ" ގެ ވާހަކަ އޮޅުވާނުލައި ހަގީގަތާ އެއްގޮތަށް ގެނެސްދިނުމަށެވެ. އެމީހުން ވަނީ ސެންޓްރަލް ބޯޑް އޮފް ފިލްމު ސެޓިފިކޭޝަނަށްވެސް (ސީބީއެފްސީ) ފިލްމަށް ހުއްދަ ނުދިނުމަށް އެދި ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ.
ފިލްމާ ބެހޭގޮތުން ހުށަހެޅި މައްސަލައިަގއި ބުނަނީ ފިލްމު އުފައްދާ ފަރާތުން ދަނީ "ތަންހާޖީ" އަކީ މަރާތާ ކޮމިއުނިޓީ މީހެއްގެ ގޮތުގައި ފިލްމުގައި ދައްކަމުންނެވެ. ނަމަވެސް އަސްލު އޭނާ އަކީ ކިޝްތްރިޔާ މަހާދިއު ކޯލީގެ މީހެއް ކަމަށް އޭގައި ވެއެވެ.
ޖެނިއުރީ 10 ގައި ރިލީސް ކުރަން ހަމަޖެހިފައިވާ މި ފިލްމުގައި ގަސްދުގައި ސިޔާސީ ގޮތުންނާއި މަންފާ ހޯދުމުގެ ގޮތުން އޮޅުވާލާފައިވާ ކަމަށް އިތުރަށް ބަޔާންކޮށްފައި ވެއެވެ.
ޕެޓިޝަނުގައި ބުނެފައިވަނީ ކޯލީ ކޮމިއުނިޓީގެ ފަރާތުން ގިނަ ސިޓީ ތަކެއް ސީބީއެފްސީއަށް ފޮނުވާފައިވާ ކަމަށާއި ނަމަވެސް އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައި ނުވާ ކަމަށެވެ.
މި ފިލްމަކީ ތަންހާޖީ މަލުސާރޭ ކިޔާ ހަނގުރާމަވެރިއެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. އޭނާއަށް "ސިމްހާ" (ސިންގާ) ގެ ނަމުންވެސް މުހާތަބު ކުރެއެވެ. ތަންހާޖީ އަކީ އޭރުގެ ޝިވާލީގެ މިލިޓަރީ އާމީ ލީޑަރެވެ. ފިލްމުގައި އެ ރޯލު ކުޅެނީ އަޖޭ ދޭވްގަންއެވެ. މީގެ އިތުރުން ސައިފް އަލީ ޚާން އަދި ކާޖޮލްވެސް ފިލްމުގައި މުހިންމު ރޯލުތަކުން ފެނިގެންދެއެވެ.