ނުވަދިހައިގެ އަހަރުތަކުގައި ސަލްމާން ޚާނާއި އާމިރު ޚާން ފެނިގެން ދިޔަ ފިލްމު އަންދާޒް އަޕްނާ އަޕްނާއަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. އެ ފިލްމަކީ މިހާރުވެސް ބެލުންތެރިން ތައުރީފު ކުރާ ފިލްމެކެވެ.
ފިލްމުގެ ޝޫޓިން ކުރިއަށް ދިޔައިރު ދިމާވި މައްސަލައަކާ ގުޅިގެން އެެއްވެސް އެކްޓަރެއް އެކަކު އަނެކަކާ އޮފް ސްކްރީނުގައި ވާހަކަ ނުދައްކާ ކަމަށްވެއެވެ. ނަމަވެސް އެ އެންމެންގެ އޮން ސްކްރީން ޕާފޯމަންސްތަކަށް އޭގެ ސަބަބުން އެއްވެސް އަސަރެއް ކޮށްފައެއް ނުވެއެވެ.
ފިލްމުގެ ސީކުއިލެއް ހެދުމުގެ ވާހަކަ ދެކެވޭތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. މިހާރު މިވަނީ އެކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. އީޓައިމްސްއަށް ފިލްމާ ގުޅުން ހުރި ފަރާތެއް ވަނީ އަންދާޒް އަޕްނާ އަޕްނާގެ ސީކުއިލެއް ހެދުމަށް ޑައިރެކްޓަރު މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
އޭނާ އިތުރަށް ބުނީ ފިލްމުގެ ޝޫޓިން އަންނަ އަހަރު ފެށޭނެ ކަމަށެވެ. ފިލްމުގެ ބަތަލުންގެ ގޮތުގައި ރަންވީރު ސިންގު އާއި ރަންބީރު ކަޕޫރު ކާސްޓު ކުރުމުގެ މަސައްކަތް ޑައިރެކްޓަރު ކުރަމުން އަންނަ ކަމަށްވެސް އޭނާ ބުންޏެވެ. ދެ ތަރިންނަށްވެސް މިހާރު ވަނީ ފިލްމު ހުށަހަޅައިފައެވެ.
އަންދާޒް އަޕްނާ އަޕްނާ ފިލްމުގެ ސީކުއިލަށް އިންތިޒާރު ކުރެވޭއިރު ގިނަ ބަޔަކު ރަންވީރާއި ރަންބީރު އޮންސްކްރީނުގައި އެކުގައި ބެލުމަށްވެސް ދަނީ އިންތިޒާރު ކުރަމުންނެވެ. އަދި ފިލްމުގެ ބަތަލާއިންނަކީ ކޮން ބައެއްކަމެއް ހާމައެއް ނުކުރެއެވެ.