ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓަށް ރަޖިސްޓްރާއަކު ހޯދަނީ

ސުޕްރީމް ކޯޓަށް ރަޖިސްޓްރާ އަކާއި އެސިސްޓަންޓް ރަޖިސްޓަރާއެކު ހޯދަން އިއުލާންކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ދެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑި އަކީ މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރު 1:30 އެވެ.

ރަޖިސްޓްރާއަކު ހޯދަން ކުރި އިއުލާނުގައި ބުނެފައިވަނީ، އެ މަގާމަށް ކުރިމަތިލާ މީހެއްގެ އަސާސީ ޝަރުތަކަށް ވާންޖެހޭނީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަމުގައި ނުވަތަ އެދެކަމުގައި މަސައްކަތްކޮށް މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.

އެ މަގާމުގެ އަސާސީ މުސާރައަކީ 18،400 ރުފިޔާއެވެ. އަދި އެލަވަންސްތަކާއެކު 36،360 ރުފިޔާ ލިބޭއިރު، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި ރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ފައިސާ ލިބޭނެއެވެ.

ސުޕްރީމް ކޯޓުގެ އެސިސްޓަންޓް ރަޖިސްޓްރާގެ އަސާސީ ޝަރުތެއް ކަމަށް ބުނެފައިވަނީ، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަމުގައި ނުވަތަ އެދެކަމުގައި މަސައްކަތްކޮށް މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.

އެސިސްޓަންޓް ރަޖިސްޓްރާގެ އަސާސީ މުސާރައަކީ 15،400 ރުފިޔާއެވެ. އަދި އެލަވަންސްތަކާއެކު 31،410 ރުފިޔާ ލިބޭއިރު، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި ރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ފައިސާ ލިބޭނެއެވެ.

ޑީޖީއޭ އިން ބުނީ، އެ ދެ މަގާމަށް ވެސް އެންމެ ގާބިލު ފަރާތެއް ހޮވާނީ ލިބިފައިވާ ތައުލީމާއި ތަޖުރިބާއާއި މަސައްކަތަށް ބޭނުންވާ ހުނަރާއި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އާއި ގާބިލުކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަވިއުއާއި ދެވޭ ޕްރެޓިކަލް ޓެސްޓާއި ޕުރެޒެންޓޭޝަންއަށް ބެލުމަށްފަހު ކަމަށެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށާއި އެސިސްޓަންޓް ރެޖިސްޓްރާގެ މަގާމުގެ އިތުރުން ޑީޖީއޭ އިން ވަނީ، ހައިކޯޓުގެ އެސިސްޓަންޓް ރެޖިސްޓްރާގެ މަގާމަށް ވެސް މީހަކު ހޯދަން މިއަދު އިއުލާން ކޮށްފައެވެ.

އެ މަގާމުގެ އަސާސީ ޝަރުތެއް ކަމަށް ބުނެފައިވަނީ، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަމުގައި ނުވަތަ އެދެކަމުގައި މަސައްކަތްކޮށް މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.

ހައިކޯޓުގެ އެސިސްޓަންޓް ރަޖިސްޓްރާގެ އަސާސީ މުސާރައެއް ކަމަސް ކަނޑައަޅާފައިވަނީ 13،400 ރުފިޔާއެވެ. އަދި އެލަވެންސްގެ ގޮތުގައި 26,620 ރުފިޔާއެވެ. މި މަގާމަށް ވެސް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި ރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ފައިސާ ލިބޭނެއެވެ.

ޑީޖީއޭގެ އިއުލާނުގައި ބުނެފައިވާ ގޮތުން، އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑި އަކީ ވެސް މިމަހުގެ 23 ވާ ހޯމަ ދުވަހުގެ 1:30އެވެ.