ކުޅިވަރު

މާލެ ނާދެވި ދިއްލީގައި ތާށިވެފައި ތިބި ހޭންޑްބޯޅަ އަދި ބާސްކެޓް ޓީމުގެ ތިބުމާއި ކެއުން ހަމަޖައްސައިފި

މަރިޔަމް ޝަހުދާ

މާލެ ނާދެވި އިންޑިއާގެ ދިއްލީގައި ތާށިވެފައި ތިބި ރާއްޖޭގެ ބާސްކެޓްބޯޅަ އަދި ހޭންޑްބޯޅަ ޓީމުގެ ކުޅުންތެރީންގެ ތިބުމާއި ކެއުން ހަމަޖައްސައިފި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ދިއްލީގައި ތާށިވެފައި ތިބި ބާސްކެޓް އަދި ހޭންޑް ބޯޅަ ޓީމަކީ ނޭޕާލުގައި ކުރިއަށް ދިޔަ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވުމަށް ފަހު ރާއްޖެއައުމަށް ދަތުރު ކުރަމުން އައި ޓީމު ތަކެކެވެ.

ދައުލަތުގެ މީޑިއާއިން ސައުތު އޭޝިއަން ގޭމްސް ކަވަރު ކުރަން ދިޔަ ނޫސްވެރިޔާ ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި ފްލައިޓް ނުފުރި ލަސްވެފައި ވަނީ ފްލައިޓަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ. ރޭއްސުރެ ހަތަރު ޓީމާއި މީޑިއާ ޓީމާއެކު ޖުމުލަ 71 މެންބަރުން ދިއްލީ އެއާޕޯޓުގައި ތާށިވެފައި ތިބި ކަމަށް ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައި ވެއެވެ.

މިކަމާ ގުޅިގެން ސްޕޯޓްސް މިނިސްޓަރު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބާސްކެޓްބޯޅަ އަދި ހޭންޑްބޯޅަ ޓީމުތަކަށް މިހާރު ކެއުމާއި ހުރުމުގެ ހުރިހާ ކަމެއް ހަމަޖައްސާފައިވާނެ ކަމަށެވެ. އަދި އެ ހަތަރު ޓީމުގެ ކުޅުންތެރިން ވީހާވެސް އަވަހަށް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.