ދާދި ފަހުން ހުޅުމާލޭގައި ކަރަށް ވަޅި ޖަހައި މަރާލާފައި އޮއްވާ ފެނުނު ޓެކްސީ، ޑްރައިވަރު ގާސިމް ހަސަންގެ ގާތިލުގެ ފިންގަ ޕްރިންޓު އަދި، މަރާލަން ބޭނުން ކުރި ހަތިޔާރު ވެސް ފެނިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު، (އެމްސީ ހަމީދު) ދާދި ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާސިމްގެ ގާތިލުގެ ޑީއެންއޭ ވެސް ފުލުހުންގެ ފޮރެންސިކު ޓީމަށް ހޯދިފައިވާ ކަމަށެވެ. ގާސިމް މަރާލަން ބޭނުންކުރި ހަތިޔާރު ފެނިފައި ވަނީ އޭނާ މަރާލާފައި އޮއްވާ ފެނުނު ސަރަހައްދާ 300 މީޓަރު ދުރުން ގަސްތަކުގެ ތެރެއިން ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.
"ގާތިލާ ހަމަޔަށް ވާސިލުވުމަށް ފުލުހުންގެ ޓީމުން ވަނީ ގާސިމް ދުއްވި ޓެކްސީގެ ހަރަކާތްތައް ބެލުމަށް ސީސީ ޓީވީގެ ގިނަ ފުޓޭޖެތަކެއް ބަލާފައި." ކޮމިޝަނަރު ވިދާޅުވި އެވެ.
ފުލުހުންގެ ތަރުޖަމާނު، އިޒްމިއާ ޒާހިރު "ވަން" އަށް ދާދި ދެންމެ ވިދާޅުވީ، ގާތިލުގެ ޑީއެންއޭ އަދި ފިންގަޕްރިންޓު ފެނިފައި ވުމާ އެކު އެމީހާ ދެނެގަތުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ޑީއެންއޭ އަދި ފިންގަޕްރިންޓު ޓެސްޓު ހެދޭ، އައިއެސްއޯ ސެޓިފައިޑް ލެބޯޓްރީއެއް ފުލުހުންގެ ހުރެ އެވެ. އެހެން ކަމުން ގާތިލު ދެނެގަތުމަށް ޓަކައި އެ ޓެސްޓުތައް ހަދާނީ ރާއްޖޭން ކަމަށް އިޒްމިއާ ވިދާޅުވި އެވެ.
އދ. މާމިގިލީ، ގާސިމް ހަސަން، 59އ ގެ ކަރަށް ވަޅި ޖަހައި މަރާލާފައި އޮއްވާ ފެނުނީ މި މަހުގެ ހަތަރު ވަނަ ދުވަހުގެރޭގަ އެވެ. އޭނާ މަރާލާފައި އޮއްވާ ފެނިފައި ވަނީ ހުޅުމާލޭގައި އާންމުކޮށް މީހުން ދިރިނޫޅޭ، އަނދިރި ސަރަހައްދެއްގައި އޮންނަ މަގެއް ކަމަށްވާ ރީތިގަސްމަގުގަ އެވެ.