ކޮލަމް

ކެޔޮނިރު ކޮލަމް: ލާދީނީބާ ނުވަތަ ކޮން ދީނެއްބާ؟

މުހައްމަދު ބުޝްރީ

2

ޑިސެމްބަރު މަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްޔަން ކުރި ހުސެން ޝަމީމް މިދިޔަ ނޮވެމްބަރ 21 ވަނަ ދުވަހު ކުރެއްވި ޓުވީޓެއްގައި މަލާއިކަތް ބޭކަލުންނަށް ނިސްބަތްކޮށް "ގޮލައިން" ނޭ ވިދާޅުވުމުން ގިނަ ބަޔަކު ފާޑުކިޔާފައި ވެއެވެ. ނަމާދުކުރޭތޯ ބަލަން "ދެކޮނޑުގަ ދެ ގޮލައިން" ތިބޭނެ ކަމަށް ޝަމީމްގެ ޓުވީޓްގައި ވިދާޅުވެފައި ވެއެވެ. އެފަދަ އެހެން ވާހަކައެކެވެ. ދާދި ފަހުން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރި އާ ޕާޓީ، އެމް.އާރ.އެމް ގެ ނައިބު ރައިސް އާމިނަތު ނާދިރާ ވަނީ އެއް ފިރިހެނަކަށް ހަތަރު އަނބީން ހުއްދަ ވުމަކީ އިންސާނީ ހައްޤުތަކާ ހިލާފު ގޯސް ކަމެއް ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. އިސްލާމީ ޝަރީއަތުގައި ﷲ ހުއްދަ ކުރައްވާފައިވާ ކަމެއް އެއީ އިންސާނީ ހައްޤުތަކާ ހިލާފު ކަމެކޭ ބުނުމަކީ ﷲ ގެ ނިންމެވުމަށް ފާޑު ކިއުން ކަމުގައި ބުނެ ނާދިރާގެ ޓުވީޓަށް ގިނަ ބަޔަކު ފާޑުކިޔާފައި ވެއެވެ. ސަރުކާރާއި ދައުލަތުގެ މުއައްސަސާ ތަކުގެ އިސް ފަރާތްތަކުން އިސްލާމް ދީނަށް ހުތުރުވާ ފަދަ މިކަހަލަ ޓުވީތްތައް ކުރައްވައި، ވާހަކަ ދެއްކެވުމަކީ ގައުމުގެ އެއްބައިވަންތަކަމަށް ބޮޑެތި ނޭދެވޭ އަސަރު ކުރުވަފާނެ ކަމެކެވެ. ބައެއް މީހުން މިއަށް ކިޔާނީ "ލާދީނީ"އޭ އެވެ. މިއީ ހުއްޓެން ޖެހޭ ކަމެކެވެ.

ރައްޔިތުންގެ މަޖުލިހުގެ 15 މެންބަރުންގެ ވަފުދަކާއެކު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އުޅުއްވާ މަޖުލިހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ދެދުވަސް ކުރީން މަހާތުމާ ގާނދީގެ މެމޯރިއަލް ނުވަތަ ޒިޔާރަތް ދޮށުގައި މާބޮނޑިއެއް ބޭއްވެވުމަށް ފަހު ދެއަތް މައްޗަށް ނަންގަވައިގެން ދުއާ ކުރެއްވުން ވެގެން ދިޔައީ ރާއްޖޭގެ ވަރަށް ގިނަ ޝެއިހުންނާއި އާއްމުން އެކަމަށް ނިހާޔަތަށް ފާޑުކީ ކަމަކަށެވެ. މުޝްރިކެއްގެ ޒިޔާރަތް ކައިރީ ދުއާ ކުރުމަކީ ދީން ހުއްދަ ކުރާ ކަމެއް ނޫނަކަމަށް ޤުރުއާނުން ދަލީލު ދައްކަވައި ޝެއިހް އިލްޔާސް ފަދަ ބޭފުޅުން ޓުވީޓް ކުރައްވާފައި ވެއެވެ. އަދި އާއްމުންގެ ބައެއް މީހުން އެ އަމަލަކީ ޝިރުކުގެ އަމަލެއް ކަމަށްވެސް ސިފަކޮށްފައި ވެއެވެ. އެކަމާ ހިތާމަ ކުރައްވައި މައާފަށް އެދިވަޑައިގަތުމުގެ ބަދަލުގައި ރައީސް ނަޝީދު ވަނީ އެއަމަލު ދިފާއު ކުރައްވައި ޓުވީޓް ކުރައްވާފައެވެ. މުޝްރިކުން ކަމުގައި ވިޔަސް ރަނގަޅު ކަންތައް ކޮށްފައި ތިބޭ މީހުންނަށް ދުއާކުރާނީ އިބްރާހީމް ސަލަވާތް ކިޔަވައިގެން ކަމަށް ވެސް ނަޝީދު ޓުވީޓް ކުރައްވާފައިވެއެވެ. ނަމަވެސް މިއީ ދީނުގެ އެއްވެސް ދަލީލެއްގެ މައްޗަށް ބިނާކޮށް ނަޝީދު ވިދާޅުވި އެއްޗެއް ނޫނެވެ. ގައުމުގެ ބޮޑެތި މުއައްސަސާތަކުގައި ތިއްބަވާ އިސް ވެރީން ދީނާ ގުޅުންހުރި ކަންކަމުގައި މިއަށްވުރެ ޒިއްމާދާރު ނުވާނަމަ ގައުމުގައި ދީނީ ބައިބައިވުމާއި ހިޔާލު ތަފާތުވުން ހައްދުން ނެއްޓިދާނެކަން ޔަގީނެވެ. ބަޔަކު ދީނަކީ ޖޯކަކަށް ހަދަން އުޅޭ އުޅުމަކީ ހުއްޓެން ޖެހޭ ކަމެކެވެ.

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާ އައްޑޫސިޓީއަށް މިމަހު ކުރެއްވި ދަތުރުގައި، އައްޑޫގައި ހުކުރު ކުރާ މިސްކިތްތަކުގެ އިމާމުންނާ މި ޑިސެމްބަރު ނުވަ ވަނަ ދުވަހު ބައްދަލުކުރެއްވުންވީ ގިނަ ބަޔަކަށް ހައިރާން ކަން ގެނުވި ކަމަކަށެވެ. "ފިރިހެނެއްހެން ބޯކޮށައިގެން ހުރި އައުރަ ނިވާ ނުކުރާ މުޝްރިކު އަންހެނަކު" މިސްކިތްތަކުގެ އިމާމުންނާ ދައްކާނީ ކޮން ވާހަކައެއްތޯ ބައެއް މީހުން ސުވާލު ކުރަމުން ދިޔައެވެ. މިބައްދަލުވުމުގެ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ބައެއް އިމާމުން ތިއްބެވީ ފޯނުން ކެރޮން ރޮސްލާރގެ ފޮޓޯވެސް ނަގާށެވެ. ދުނިޔޭގައި ތިބި ބަޔަކަށް މަންޒަރުތައް ފެންނާނެއެވެ.

ރައީސް ނަޝީދުގެ ކާފަ ދެއްކެވި އިސްލާމް ދީނުގައި ސޮލަވާތްފުޅު ކިޔަވައި، މާލޫދޫ ކިޔާ ކަމަށާއި ޒިޔާރަތެއް ހުރިއްޔާ ހުރަސްކުރާއިރު ހަމްދު އަޅައި، ނަދުރު ބުނެ އުޅުނު ކަމަށާއި، ޑރ. އަފްރާޝީމް އަވަހާރަ ކޮށްލެވުނީ ނަޝީދުގެ ކާފަ ދެއްކެވި ކަހަލަ ދީނީ ވާހަކަ ދެއްކެވުމުން ކަމަށް ރައީސް ނަޝީދު ދާދި ފަހުން ވިދާޅުވިއެވެ. ނަޝީދުގެ މިވާހަކައިން ދޭހަވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލެވުނު ސަބަބު އެނގިވަޑައިގެން ހުންނެވި ކަމެވެ. މީގެ އަހަރުތަކެއް ކުރީން ވެސް ނަޝީދު ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލީ ބޭރުގެ ދީނީ ހައްދުފަހަނަ އެޅި ޖަމާއަތެއްގެ ބަޔަކު ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ގޮތް ނޭނގޭ މަރުތަކާ ބެހޭ ކޮމިޝަނުން ނަޝީދުގެ މިފަދަ ވާހަކަތަކާ ގުޅިގެން ނަޝީދުއާ އެއްވެސް ސުވާލެއް ކުރައްވާފައެއް ނުވެއެވެ. ޑރ.އަފްރާޝީމް އަވަހާރަ ކޮށްލެވިފައިވަނީ މިވެނި ކަމަކާ ހެދިއޭ ނުވަތަ އެވެނި ކަމެއް ކުރެއްވީމައޭ ނަޝީދު ތަކުރާރުކޮށް ވިދާޅުވާއިރު މިމަރާ ގުޅިގެން ނަޝީދުއާވެސް ސުވާލެއް ކޮށްލުމަކީ ނެތްކަމެއް ނޫނެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކޮށް ރިޕޯޓެއް ނެރުމުން އެރިޕޯޓް ނެރުނު ޖަމިއްޔާ، އެމްޑީއެން އުވާލުމަށް އެތައް ބަޔަކު ގޮވަމުން ދަނިކޮށް އެމްޑީއެން އުވާލުމަށް ސަރުކާރުން ނިންމިތާ ދެމަހެއްހާ ދުވަސް ވީއިރު، އަދިވެސް، އެ ޖަމިއްޔާ އުވާނުލެވެއެވެ. ޖަމިއްޔާއެއް އުވާލާނަމަ ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރަން ވަގުތު ދޭން ޖެހޭތީ ކަމަށް ސަރުކާރުން ބުނެއެވެ. އެމްޑީއެން އުވާލުމަށް ސަރުކާރުން ނިންމިޔަސް ރައްޔިތުންގެ މަޖުލިހުގެ ރައީސް ފަދަ އިސް ފަރާތްތަކުން އެމްޑީއެން އުވާލަން ނުފެންނަ ކަމަށް ވިދާޅުވެ، އެމްޑީއެން ގެ ދިފާއުގައި ތަކުރާރުކޮށް ވާހަކަ ދައްކަވަމުން އެބަ ގެންދަވައެވެ. އަދި މިރިޕޯޓް ލިޔުނު އެމް.ޑީ.އެން މީހުންނާ މެދުވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅިފައެއް ނެތެވެ. އެހެންކަމުން އެމްޑީއެން އުވާލަން ނިންމި ނިންމުން އެގޮތަށް އޮވެ އަހަރު ތަކަކަށް ދެމިގެން ހިނގައިދާނެ ކަމަށް ވެސް ބައެއް ފަރާތްތަކުނެ ދެކެއެވެ. ހަމަ ހަގީގަތުގައިވެސް އެމްޑީއެން އުވާލާނެ ބާވައެވެ؟

އިސްލާމް ދީނަށް ފުރައްސާރަކޮށް މި ދެކެވޭ ވާހަކަ ތަކަކީ ގަސްދުގައި ބަޔަކު ރާވައިގެން، ކުރިޔަށް ގެންދާ ކަންތައްގަނޑެކެވެ. ދީނުގެ އަސާސްތަކާ ހިލާފު ވާހަކަތައް ފާޅުގައި ދައްކާ މީހުންގެ އަދަދު މިއިން ޒަމާނަކު ވެސް ނުފެންނަ ވަރަށް މިހާރު މި ވަނީ ގިނަ ވެފަ އެވެ. ބޭނުމަކީ އެވާހަކަތައް ގިނަކޮށް އެއީ އާދައިގެ ވާހަކަތަކެއް ކަމަށް މީހުންގެ ސިކުނޑިއަށް ވިސްނައިދިނުމެވެ. ސަގާފަތަކަށް ހެދުމެވެ. އޭރުން ދެން އެއީ މާ ބޮޑު ކަމަކަށް ވެގެން އެއްވެސް ދިވެއްސަކު ނޫޅޭނެ ކަމަށް ހީވާތީ އެވެ. އެކަމަކު އެއީ އެފަދަ ވާހަކަތައް ދައްކަވާ ބޭފުޅުންނަށް އަރާވަޑައިގަންނަވާ ވަރަށް ބޮޑު އޮޅުމެކެވެ. އެ ފަދަ ވާހަކަތައް ދިވެހީން ދުވަހަކު ވެސް ގަބޫލެއް ނުކުރާނެ އެވެ. ދީނުގެ ކަންކަމުގައި މިޔަށް ވުރެ މާ ނިކަމެތި ދުވަހުވެސް ދިވެހީން އޮތީ އެމީހުންގެ ލެއިން ގުރުބާނީ ދީގެން ވެސް މި ގައުމު ސަލާމަތް ކޮށްފަ އެވެ. އެންމެ ފަހަރަކު ނޫނެވެ. އެތައް ފަހަރަކު އެވެ. އެ ހަގީގަތް އަބަދުވެސް ދެމިއޮންނާނީ އެގޮތުގަ އެވެ. ލާދީނީ އަކަށް މިގައުމުން ޖާގައެއް ނުލިބޭނެ އެވެ.