ސަލްމާން ޚާންގެ ކައިވެނީގެ ވާހަކަ އަބަދު ދައްކާކަށް ނުޖެހޭ ކަމަށާއި ކައިވެނި ކުރަން ވަގުތު ޖެހުމުން ސަލްމާން އެކަން އިއުލާނު ކުރާނެ ކަމަށް އޭނާގެ ކޮއްކޮ އަދި ފިލްމީ ތަރި އަރުބާޒް ޚާން ބުނެފިއެވެ.
އަރުބާޒް އަދި ސަލްމާން ޕްރޮޑިއުސްކުރާ ފިލްމު ޑަބަންގް ސީރީޒްގެ ތިން ވަނަ ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން ދިން އިންޓަވިއުގައި އަރުބާޒް ބުނީ އެންމެންވެސް އުޅެނީ ސަލްމާން މީހަކާ އިނދޭތޯ ބެލުމުގައެވެ.
"މީހުންގެ މުޅި އުމުރު އެ ހޭދަކުރަނީ އޭނާ މީހަކާ އިނދޭތޯ ނުވަތަ އޭނާގެ ދިރިއުޅުމުގެ ކަންތައް ވާނެ ގޮތަކާމެދު ސުވާލު އުފެއްދުމުގަ. އެމީހުން ވަރުބަލި ނުވޭބާއޭ އަހަރެން ހިތަށް އަރާ. ސަލްމާން ކައިވެނި ކުރަން ނިންމައިފިއްޔާ އޭނާ އަމިއްލަ އަށް އެވާހަކަ އިއުލާން ކުރާނެ" އަރުބާޒް ބުންޏެވެ.
ޑަބަންގްގެ ޓްރެއިލާ ރިލީސް ކުރުމާއެކު ފިލްމަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ. ފިލްމުގެ ލީޑުން ސަލްމާން ފެނިގެންދާއިރު އަރުބާޒްވެސް ފިލްމުން ފެނިގެންދާނެއެވެ، މީގެ އިތުރުން ބަތަލާއިންނަށް ސޮނާކްޝީ ސިންހާ އާއި އަލަށް ތައާރަފުވާ ތަރިއެއްކަމަށްވާ ސައީ މަންޖޭކަރު ފެނިގެންދާނެއެވެ. ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ޕްރަބޫދޭވާއެވެ.