ޑރ. ހުސެއިން ރަޝީދު

ޕެރިސް އެގްރީމަންޓް އަމަލީގޮތެއްގައި ތަންފީޒު ކުރުމަށްޓަކައި މާލީ އެހީ ބޭނުންވޭ: އެންވަޔަރަމަންޓް މިނިސްޓަރު

އާނިފާ ހުސެއިން ސިރާޖް

މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އެކުލަވާލި ޕެރިސް އެގްރީމަންޓް މާނަ ހުރި އަދި އަމަލީގޮތެއްގައި ތަންފީޒުކުރުމަށްޓަކައި މާލީ އެހީ ފަސޭހަ އަދި ޔަގީންކަމާއެކު ތަރައްގީވަމުން އަންނަ ގައުމުތަކަށް ބޭނުންވާކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ސްޕެއިންގެ މެޑްރިޑްގައި މިހާރު ކުރިއަށްދާ، މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ އަހަރީ ބައްދަލުވުން، ކޮޕް 25 ގައި ރޭ ތަގުރީރުކުރައްވަމުން މިނިސްޓަރު ވިދާޅުވީ ގައުމުތަކުގެ މޫސުމަށް އަންނަ ބަދަލުތަކުގެ އެކްޝަން ޕްލޭން ނުވަތަ އެން.ޑީ.ސީ. ގެ އަމާޒުތައް ހާސިލުކޮށް އަދި އެމްބިޝަން އިތުރު ކުރުމަށްވެސް މާލީ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

މާލީ އެހީތައް ނުލިބި އެމްބިޝަން އިތުރު ކުރުމަކީ އެއްވެސް މާނައެއް ނެތް ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެކަމަށް ބޭނުންވާ ފައިސާގެ މަދު މިންވަރެއް މެނުވީ އަދިވެސް ހަމަޖެހިފައި ނުވާ ކަމަށެވެ. އަދި ލިބެންހުރި މަދު މިންވަރުގެ ފައިސާ ހޯދުމުގައިވެސް ގިނަ ދަތިތަކާއި، ހުރަސްތައް ގިރާކުރަންޖެހޭ ކަމަށާއި މިއީ ގަބޫލު ކުރެވޭނެ ކަންކަން ނޫންކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ބައްދަލުވުމުގައި މިނިސްޓަރު އިތުރަށް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ އިޔާދަ ނުކުރެވޭނެ ގެއްލުންތަކަށް ހައްލެއް ހޯދުމަށް ގާއިމު ކުރެވިފައިވާ ބައިނަލްއަގުވާމީ "ލޮސް އެންޑް ޑެމޭޖް" ނިޒާމަކީ ހަމައެކަނި އެގްރީމަންޓުގައި ލިޔެވިފައިވާ ފޮޅުވަތްތަކަކަށް ވެގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި މިނިޒާމު ތަންފީޒުކުރުމަށް އެންމެން އެއްބަސްވާން އެބަޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ވަކިން ހާއްސަކޮށް މުޅި ދުނިޔޭގެ އެންމެންގެ ހައްގުގައި އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވަމުންދާ ކާރިސާތަކާއި ކުރިމަތިލުމުގައި މިނިޒާމުގެ މަސައްކަތް، ލަސްވުމެއްނެތި އަވަސް ކަމާއެކު ތަންފީޒު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ކޮޕް25 ގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ސްޕެއިންއަށް ފުރައިވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހުއެވެ. ދުނިޔޭގެ މޫސުމާއިބެހޭ މި ބޮޑު ބައްދަލުވުމުގައި 200 ގައުމަކުން ޖުމުލަ 25000 މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.