ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހައްގުތައް ކަށަވަރުވެފައިވާ މުޖުތަމައެއް ބިނާ ކުރެވޭނީ ފަރުދީ ޒިންމާތައް އަދާ ކުރެވިގެން: އެޗްއާރުސީއެމް

މަރިޔަމް ޝަހުދާ

ހައްގުތައް ކަށަވަރުވެފައިވާ މުޖުތަމައެއް ބިނާ ކުރެވޭނީ ފަރުދީ ޒިންމާތައް އަދާ ކުރެވިގެން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހާއި އެޗްއާރުސީއެމް ވުޖޫދުވިތާ 16 އަހަރު ފުރުމުގެ މުނާސަބާގައި އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތު އޮތް ގޮތް ދެނެގަނެ، މިހާރަށް ވުރެ އެހާލަތު ރަނގަޅު ކުރުމަށް ފާއިތުވި އަހަރުގައި އެކޮމިޝަނުން އެތަކެއް މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ.

އެކޮމިޝަނުން ވަނީ އިންސާނީ ހައްގުތަކުގެ ދާއިރާގައި މަސައްކަތް ކުރާ އަމިއްލަ ފަރުދުންނަށް ހިތްވަރުދީ އެފަދަ ފަރާތްތަކާއެކީ މަސައްކަތް ކުރުމަކީ އެ ކޮމިޝަނުން އެކަމަކަށް އިސްކަންދޭ ކަމެއް ކަމަށް ބުނެފައެވެ. އަދި އިންސާނީ ހައްގުތަކުގެ ދިފާއުގައި އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކާއި ކޮމިޝަންގެ މަސައްކަތްތައް ހަރުދަނާކޮށް، އިންސާނީ ހައްގުތަކަށް އާންމުން އިތުރަށް ހޭލުންތެރި ކުރުމަށް އެ ކޮމިޝަނުން މަސައްކަތް ކުރާ ކަމަށް އެޗްއާރުސީއެމް އިން ބުނެއެވެ.

އެޗްއާރުސީއެމް އިން ވަނީ އަންހެން ކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރަމުން އަންނަ "16 ޑޭސް އޮފް އެކްޓިވިޒަމް" އާ ގުޅިގެންވެސް އެ ކޮމިޝަނުން ދެކޭގޮތް ފާހަގަކޮށްފައެވެ. އެގޮތުން މިފަދަ ހަރަކާތެއް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަކުރަމުން އަންނަ ދަނޑިވަޅެއްގައި ރާއްޖޭގައި އަންހެން ކުދިންތަކެއްގެ ހައްގުތައް ނިގުޅައިގަނެ، އެކުދިންގެ ކަރާމާތަށް އުނިކަން ލިބިފައިވާ މައްސަލަތަކެއް ފާހަގަކުރެވިގެން ދިއުމަކީ ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ޒިންމާއެޅިފައިވާ މީހުންގެ މަސައްކަތް ހަރުދަނާ ކުރަންވީ ކަމުގެ ނިޝާނެއް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ގާނޫނަކާއި ކުޑަކުދިންގެ އަދުލުގެ ގާނޫނު ވުޖޫދަށް އައުން ވެގެންދާނީ މިހާރަށްވުރެ ރަނގަޅަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ލިބޭ ފުރުސަތަކަށް ކަމަށް އެޗްރާރުސީއެމް އިން ބުނެއެވެ. އަދި އެކުދިންގެ ހައްގުތައް ކަށަވަރު ކުރުމަށް އެކި މުއައްސަސާތަކުން ކުރަމުން އަންނަ މަސައްކަތުގެ ދުވެލި އަވަސްކުރުމަކީ އެކުދިންނަށް ރައްކާތެރި މުޖުތަމައެއް ހޯދައިދިނުމަށް މަގުފަހިވެގެން ދާނެ ކަމެއް ކަމަށް އެޗްއާރުސީއެމް އިން ބުނެއެވެ.

ރާއްޖޭގެ ރައްޔިތުންނަށް ވީހާވެސް ގާތުން ހިދުމަތްދީ، ދިވެހި މުޖުތަމައުއަކީ އިންސާނީ ހައްގުތައް ކަށަވަރުކުރެވިފައިވާ ވެއްޓެއްގެ ގޮތުގައި ގާއިމު ކުރުމަކީ އެޗްއާރުސީއެމްގެ އަމާޒު ކަމަށް އެ ކޮމިޝަނުން ބުނެއެވެ. މި މަސައްކަތް ކުރުމަށް އެ ކޮމިޝަނަށް އެކި ގޮންޖެހުންތަކާއި ދަތިތަކާ ކޮންމެ ދުވަހަކު ކުރިމަތިލާން ޖެހޭ ކަމަށް އެކޮމިޝަނުން ބުނެއެވެ. އަދި ރާއްޖޭގައި އިންސާނީ ހައްގުތައް މިހާރަށްވުރެ ބޮޑަށް ހިމާޔަތްކޮށް ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި ދެމިހުރުމަކީ އެޗްއާރުސީއެމްގެ އަޒުމެއް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހަކީ 1948 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޑިސެމްބަރު 10 އެއްގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މި ދުވަހަކީ އދ ގެ ޖެނެރަލް އެސެމްބްލީން އިންސާނީ ހައްގުތަކާއި ގުޅޭ ބައިނަލްއަގުވާމީ މުއާހަދާ ފާސްކުރުމާ ގުޅިގެން ފާހަގަކުރަން ފެށި ދުވަހެކެވެ. މިއަހަރުގެ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ ޝިއާރަކީ "ޔޫތު ސްޓޭންޑިންގް އަޕް ފޯ ހިއުމަން ރައިޓްސް" އެވެ.