އަންނަ އަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮންގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބަންގުލަދޭޝް ލީގު ޗެމްޕިއަން ބަޝުންދަރާ ކިންގްސް އެއް ގްރޫޕެއްގައި ލައްވާލައިފިއެވެ.
ރާއްޖޭގެ ޓީމުތައް އަންނަ އަހަރުގެ އޭއެފްސީ ކަޕުގައި މި ވާދަކުރަނީ އެއް އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. މިއަހަރުގެ އޭއެފްސީ ކަޕުގައި ރާއްޖޭގެ ޓީމުތަކަށް ވާދަކުރެވިފައި ނުވަނީ ކްލަބު ލައިސަންސް ހަމަނުޖެހުމާ ގުޅިގެންނެވެ.
ޓީސީން ވާދަކުރަން ޖެހޭ ގްރޫޕުގައި ހިމެނޭ ބަޝުންދަރާގެ ކޯޗު އޮސްކާއަކީ ރާއްޖޭގައި ނިއުއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެކެވެ. އޭނާ ވަނީ 2017ގައި ނިއުއަށް ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގެ އިތުރުން މިދިޔަ އަހަރުގެ މާލޭ ލީގު ކާމިޔާބުކޮށްދީފައެވެ.
އޭއެފްސީ ކަޕްގެ ގްރޫޕު ސްޓޭޖުން ލީގު ރަނަރަޕް މާޒިޔާ ސްޕޯޓްސް ކްލަބަށް ފުރުސަތު ލިބޭނީ ޕްރިލިމިނަރީ ބުރާއި ޕްލޭ އޯފް ބުރު ކާމިޔާބުކޮށްގެންނެވެ. އެ ދެ ބުރު ކާމިޔާބުކޮށްފި ނަމަ، މާޒިޔާ ވާދަކުރަން ޖެހޭނީ ޓީސީ އާއި ބަޝުންދަރާ ކިންގްސް ހިމެނޭ ސައުތު ޒޯން، "ގްރޫޕު އީ" ގައެވެ. ދެން އެ ގްރޫޕުގައި ވާދަކުރާނީ އިންޑިއާގެ ޗެންނާއީ ސިޓީ ނުވަތަ އެފްސީ ގޯއާއެވެ.
ސައުތު ޒޯންގެ ޕްރިލިމިނަރީ ބުރުގައި މާޒިޔާ އިން ނުކުންނަން ޖެހޭނީ ބަންގުލަދޭޝްގެ ދާކާ އަބަހާނީއާ ދެކޮޅަށެވެ. ރަށުން ބޭރުގައި އަންނަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު ކުޅޭ ފުރަތަމަ ލެގު މެޗަށްފަހު، ރާއްޖޭގައި ކުޅޭ ދެވަނަ ލެގު މެޗަށް މާޒިޔާ ނުކުންނަން ޖެހޭނީ އަންނަ އަހަރުގެ ފެބްރުއަރީ 12 ގައެވެ.
ޕްރިލިމިނަރީ ބުރުން މޮޅުވެއްޖެ ނަމަ، މާޒިޔާއަށް ޕްލޭ އޯފް ބުރުން ޖާގަ ލިބޭނެއެވެ. އެ ބުރުގައި މާޒިޔާއަށް އިންޑިއާގެ ބެންގަލޫރު އެފްސީއާ ވާދަކުރަން ޖެހުމުގެ ފުރުސަތު ބޮޑެވެ. ޕްރިލިމިނަރީ ބުރުގައި ބެންގަލޫރު އެފްސީން ވާދަކުރަން ޖެހޭނީ ސްރީލަންކާގެ ޑިފެންޑާސް ނުވަތަ ބޫޓާންގެ ޕަރޯ ޔުނައިޓެޑާ ދެކޮޅަށެވެ.