ހިއުމަން ރައިޓްސް ކޮމިޝަނުގެ ބޭއިންސާފު ނިންމުންތައް ބަލައި ފިޔަވަޅު އަޅަން މޯލްޑިވްސް ރިފޯމް މޫވްމެންޓް، (އެމްއާރުއެމް) އިން ގޮވާލައިފި އެވެ.
ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން އެމްއާރުއެމް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި އެޕާޓީން ވަނީ ރާއްޖެއިން އިންސާނީ ހައްގުތަކާއި ގުޅޭ ބައިނަލްއަގުވާމީ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމެއްކަން ފާހަގަ ކޮށްފައެވެ. އެގޮތުން ކުރީގެ ރައީސް އަދި އެމްއާރުއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޒައާމަތުގައި މިފަދަ ބައިނަލްއަގްވާމީ ނުވަ މުއާހަދާއެއްގެ ތެރެއިން ހަތް މުއާހަދާއެއްގައި ރާއްޖެއިން ސޮއިކޮށްފައިވާކަމަށް އެމްއާރުއެމް އިން ބުނެއެވެ.
ރާއްޖެއިން ސޮއިކުރި އިންސާނީ ހައްގުތަކާ ގުޅޭ ހަތް މުއާހަދާގެ ތެރެއިން އެމްއާރުއެމް އިން ވަނީ ހަތަރު މުއާހަދާއެއް ފާހަގަ ކޮށްފައެވެ. އެއީ ކުޑަކުދިންގެ ހައްގުތަކުގެ މުއާހަދާ، އަންހެނުންނާއި ދެކޮޅަށް ކުރެވޭ ހުރިހާ ބާވަތެއްގެ ތަފާތު ކުރުންތައް ނައްތާލުމުގެ މުއާހަދާ، މަދަނީ އަދި ސިޔާސީ ހައްގުތަކުގެ މުއާހަދާ އަދި ލާއިންސާނީ އަދަބު ދިނުމާއި އަނިޔާ ކުރުން މަނާ ކުރުމުގެ މުއާހަދާ އެވެ.
މި ހުރިހާ މުއާހަދާއެއް އެންމެ ފުރިހަމައަށް ތަންފީޒު ކުރުމުގެ މަގުސަދުގައި ރާއްޖެއިން އެ މުއާހަދާތަކުގައި ބައިވެރިވި ނަމަވެސް ކުރީގެ ސަރުކާރުގައި އިންސާނީ ހައްގުތަކަށް އިހުތިރާމު ކުރުމާއި އެ ހައްގުތައް ކުރިއެރުވުމުގެ މަސައްކަތް ވަޅުޖެހިފައިވާ ކަމަށް އެމްއާރުއެމް އިން ބުންޏެވެ. އަދި ކުރީ ސަރުކާރުގެ އަމަލުތައް ހުރީ އިންސާނީ ހައްގުތަކަށް އަރައިގަތުމަކީ ވަރިހަމަކޮށްލެވޭ އާދައިގެ ކަމަކަށް ވާހާ ކަންބޮޑުވާ ދަރަޖައަކަށް ކަމަށް އެމްއާރުއެމް އިން ބުނެއެވެ.
އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ ޒިންމާ އެޅިފައިވާ ކޮމިޝަންތަކުންވެސް ކުރީ ސަރުކާރުގައި އެ ކޮމިޝަންގެ މަސައްކަތްތައް ކުރުމަށް ނުކުޅެދިފައިވާ ކަމަށް އެމްއާރުއެމް އިން ފާހަގަކޮށްފައިވެއެވެ. އަދި ކޮމިޝަންތަކުން މަސައްކަތް ކުރީ ވަކި ބައެއްގެ ސިޔާސީ މަސްލަހަތު ނެގެހެއްޓުމަށް ކަމަށާއި، އިންސާނީ ހައްގުތަކުގެ ބަދަލުގައި އޭރު ކޮމިޝަންތަކުން ސިޔާސީ މަސްލަހަތު އިސްކުރުން، ވެގެން ދާނީ ރާއްޖޭގެ ތާރީހުން ދުވަހަކުވެސް ފޮހެވިގެން ނުދާނެ ''އަނދިރި ބާބެއް''ގެ ގޮތުގައި އެމްއާރުއެމް އިން ބުނެ އެވެ.
ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން، ކުރީ ސަރުކާރުގައި މަސައްކަތް ކުރިގޮތް އެމްއާރުއެމް އިން ވަކިން ފާހަގަކޮށްފައިވެއެވެ. އެގޮތުން އެކޮމިޝަނަށް މިދިޔަ ސަރުކާރުގައި ހުށަހެޅި އެތައް މައްސަލަތަކެއް ނިމިގެން ދިޔައީ އިންސާނުންގެ އަސާސީ ހައްގުތައް ނިގުޅައިގަތުމުގެ އަމަލު ހިންގި މީހުންގެ މަސްލަހަތުގައި ކަމަށް އެމްއާރުއެމް އިން ބުނެއެވެ. އަދި އެޕާޓީގެ ލީޑަރުންނާއި ގިނަ އަދަދެއްގެ ސިޔާސީ ފަރާތްތަކަށް ޖަލުގައި ދެމުން ދިޔަ ލާއިންސާނީ އަނިޔާތަކަށާއި، ބޭއިންސާފު ޝަރީއަތްތަކާމެދު އުފުލި ޝަކުވާތަކަށް އެކޮމިޝަނުން ދިނީ ބީރުކަންފަތެއް ކަމަށާއި، ކޮމިޝަނުން އިސްކުރީ ސިޔާސީ މަސްލަހަތު ކަމަށް ވެސް އެމްއާރުއެމް އިން ބުނެއެވެ.
ކުރީ ސަރުކާރުގައި ހިއުމަން ރައިޓްސް ކޮމިޝަނުން އިންސާފުން ބޭރުން ނިންމާފައިވާ ނިންމުންތަކާއި، އިހުމާލުގެ މައްސަލަތައް ބެލުމުގެ އިތުރުން ހައްގު ގެއްލުނު ފަރާތްތަކަށް އިންސާފު ހޯދަދިނުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށް އެމްއާރުއެމް އިން ބުންޏެވެ. އަދި އިންސާނީ ހައްގުތަކަށް އަރަިގަތުން ފަދަ ކަންކަމީ އާދައިގެ ކަމެއްގެ ގޮތުގައި ދެކެމުން އައި އައުމަށް ބަދަލު ގެނެސް، އިންސާނީ ހައްގުތައް ރައްކާތެރި ކުރާނޭކަން ކަށަވަރުކޮށް، ގެއްލުނު އިތުބާރު ގާއިމު ކުރުމަށް މަސައްކަތްކޮށް ގެއްލުން ލިބުނު ފަރާތްތަކަށް އިންސާފު ހޯދައި ދިނުމަށް އެމްއާރުއެމް ގެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.