މިއަހަރު އެންމެ އިންތިޒާރު ކުރަމުން ދިޔަ ފިލްމު ކަމަށްވާ ދީޕިކާ ޕަޑުކޯން ގެ ޗަޕާކްގެ ޓްރެއިލާ ރިލީސްކޮށްފިއެވެ.
ފިލްމުގެ ފުރަތަމަ ލުކްއާއި ޓީޒާ ފެނިފައިވެސް ގިނަ ބައެއްގެ ތައުރީފު ވަނީ ފިލްމަށް ލިބިގެން ގޮސްފައެވެ. ދެ މިނެޓާ 19 ސިކުންތުގެ މި ޓްރެއިލާއިން އެސިޑް އެޓޭކް ވިކްޓިމްއެއްގެ ދިރިއުޅުން ފެނިގެން ދެއެވެ. އާދައިގެ އަންހެން ކުއްޖެއްގެ ދިރިއުޅެއް އުޅެމުން ދިޔަ ކުއްޖެއްގެ ދިރިއުޅުން އެންމެ ހަމަލާއަކުން ބަދަލުވާގޮތް ފެނިގެންދެއެވެ.
މެގްނާ ގުލްޒާރު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ "އެކްސްޓްރާ އޯޑިނަރީ" ފިލްމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ހަމަގައިމުވެސް އެސިޑް އެޓޭކްގެ ޝިކާރަކަށް ވެފައިވާ މީހުނާ އެ ހާދިސާތައް ތަހައްމަލު ކުރަމުންދާ ކުދިންނާ ދޭތެރޭ އާންމުންގެ ވިސްނުމަށް މި ފިލްމުގެ ސަބަބުން ބޮޑެތި ބަދަލުތަކެއް އަންނާނެކަމާމެދު ޝައްކެއް ނެތްކަމަށް ގިނަ ބަޔަކު ބުނެއެވެ.
ދީޕިކާގެ މޮޅު އެކްޓިންގެ އިތުރުން އޭނާ އެ ރޯލަށް ތައްޔާރު ކުރުމުގައި އެންމެ ބޮޑު ބައެއް އަދާކުރި ފަރާތް ކަމުގައިވާ މޭކަޕް އާޓިސްޓުންގެ ތަޖުރިބާއާއި ކޮށްފައިވާ މަސައްކަތް ފިލްމުން ފެނިގެން ދެއެވެ.
ދީޕިކާ ބުނި ގޮތުގައި މި ފިލްމުގައި އޭނާ ކުޅުނު ރޯލު ވެގެންދާނީ މިހާތަނަށް އޭނާ ކުޅެފައިވާ އެންމެ ތަފާތު އަދި އެންމެ ހަނދާނުން ފުހެލުން އުނދޫ ރޯލަށެވެ.
މި ފިލްމަކީ އިންޑިއާގެ އެސިޑް އެޓޭކްގެ ޝިކާރައަކަށްވި ލަކްސްމީ އަގަރްވާލުގެ ދިރިއުޅުމުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.