ކޮލަމް

ސިނާންގެ ކޮލަމް: މަސްވެރީންގެ ޝަކުވާ، އޮޑިވެރީން ބަނގުރޫޓުވަނީ، މަހުގެ ހަމައަގު ހައްތަހާ ދަށަށް!

މަސްވެރީންގެ ދުވަހެއް އައުމުން އެންމެ އުފާވާ މީހުންގެ ތެރޭގައި އަހަރެން ވެސް ހިމެނެ އެވެ. އެކަމަކު އަހަރެން މަހަށް ދަނީ ހޮބީ އަކަށެވެ. އެހެންކަމުން މަހުން ލިބޭ އާމްދަނީއަކީ މަގޭ އަމިއްލަ ޒާތަށް ބަލާ އިރު މައްސަލައަކަށް ނުވެ އެވެ. މާސް ބޭވުނީމަ ފުދެ އެވެ. ތާޒާކަންމަތީ އެކައްކައިގެން ކެވުނީމަ ހިތްހަމަ ޖެހެ އެވެ. ކަނޑުމައްޗަށް އެރުނީމަ ފުދެ އެވެ.

އެކަމަކު މަސްވެރީންގެ ދުވަސް ފާހަގަކުރާ އިރު، އޮތް އެންމެ ބޮޑު ސުވާލަކީ އާމްދަނީ ހޯދުމުގެ ބޭނުމުގައި، އެ ބުރަ މަސައްކަތް ކުރާ މަސްވެރީން ތިބީ އުފަލުގައިތޯ އެވެ؟ ރެޔާއި ދުވާލު ދޭހާ އަތްވެއްގައި، ވެހޭހާ ވާރެއެއްގައި، ލޯބޯ ފިއްސައިގެން، އަނބިދަރީންގެ ހަރަދުތައް ފޫބެއްދުމަށް ކަނޑުމަތީގައި މުޅި އުމުރު ހޭދަ ކުރާ މަސްވެރީންގެ މޫނުމަތީން ހިނިތުންވުމެއް ފެނޭތޯ އެވެ؟ ބުރިބުރިޔަށް ނަގާފައި ހުންނަ ގެޔެކޭ އެއްވަރު އަގު ކަމަށްވާ، ދިހަ ބާރަ މިލިއަން ރުފިޔާ ހޭދަކޮށްގެން، ސަތޭކަ ފޫޓުގެ ބޮޑެތި ބިޔަ ފައިބަރު ދޯނި މަސްކަނޑަށް ނެރެގެން، އޭގައި ތިރީހަކަށް ފަޅުވެރީންގެ ގެންގުޅޭ އޮޑިވެރިމީހާ އިނީ އުފަލުން ހެއްޔެވެ؟ ގަދަ ކަނޑުގައި، ގަދަ ވިއްސާރައިގައި، ބައްޕަގެ ހަބަރެއް ނުވެ، ބައްޕަ ލޮލަށް ނުފެނި އެތައް ދުވަހެއް ވެގެން ދާއިރު، ބައްޕަ ދެކެ އިންތިހާއަށް ލޯބިވާ ދަރިފުޅު އެ އިނީ ބައްޕަ އެވާ ގުރުބާނީއާ އޭގެން ލިބޭ ބަދަލާ މެދު ހިތްހަމަޖެހިގެން ހެއްޔެވެ؟ އެބައްޕަ، ނުވަތަ ފިރިމީހާ ކަނޑުމަތީގައި، ކުރާ ބުރަ މަސައްކަތާ އެއްވަރުގެ ހިމާޔަތަކާއި ރައްކާތެރިކަމެއް އެމީހުންނަށް އެބަ އޮތް ހެއްޔެވެ؟ ނުވަތަ އެކަމާ އަޅާލާ ބަޔަކު އެބަ ތިބި ހެއްޔެވެ؟

މީ ހައްތާވެސް ސުވާލެވެ. މިއިން އެއްވެސް ސުވާލެއްގެ ޖަވާބު އުފާވެރިއެއް ނޫނެވެ. ވަކިވަކިން ކިޔަމާ ހިނގާށެވެ.

މަސްވެރީން ތިބީ އުފަލުގައި ނޫންކަން އެއީ ސުވާލެއް އޮތް ކަމެއް ނޫނެވެ. ސަރުކާރުން އެމީހުންނާ އެކު ކުރީންނާއި ފަހުން ބޭއްވި ބައްދަލުވުންތަކުން އެކަން ސާފުވެ އެވެ. ކުރީ ސަރުކާރުން ވީ ބެޔަސް ނުބެޔަސް 10،000 ރުފިޔާ ދޭނެ ކަމުގެ ވައުދަށް އިތުބާރުކޮށް، މަސްވެރީންގެ ގިނަ ބަޔަކު ރައީސް ޔާމީނަށް ވޯޓު ދިނެވެ. އެ ވައުދު ނުފުއްދި ރައީސް ޔާމީނުގެ ފަސް އަހަރު ނިމިގެން ދިޔައީ އެވެ. ދެވަނަ ދައުރަކަށް ކުރިމަތިލެއްވި އިރު، އެންމެ ބޮޑު ފެއިލިއާ އަކަށްވި، އަދި ޖަވާބު ދެވޭނެ އެއްވެސް ގޮތެން ނެތް ބޮޑު އެއް ސުވާލުގެ ގޮތުގައި ކުރިމަތިވީ ބެޔަސް ނުބެޔަސް ދޭން ބުނި 10،000 ރުފިޔާގެ މައްސަލަ އެވެ. އޭގެން ގެއްލުނީ އެތައް ހާސް ރައްޔިތުންނެއްގެ ވޯޓެވެ. މަސްވެރީން ތިބީ މާޔޫސްވެ ކަރު އެލިފަ އެވެ.

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، (އިބޫ) ގެ ކެމްޕޭނުގައި އެންމެ ބޮޑަށް އަތޮޅުތަކުގައި އަނެއްކާވެސް ވިކުނީ މަސްވެރީންނަށް ވީ ވައުދެވެ. މަހަށް "ހަމަ އަގު" ހޯދައިދިނުމުގެ ވައުދެވެ. މި ވައުދާ އެކި މަސްވެރީންނަށް އާ އުއްމީދުތަކެއް ލިބުނެވެ. އޮޑިވެރީންނާއި ކެޔޮޅުން ނުކުމެ، އެމްޑީޕީގެ ދިދަފަތިތައް އެވެރީންގެ އޮޑިދޯނިފަހަރުގައި ދަމާލި އެވެ. ކަނޑުރޯއްޖަށް ކަނޑަށް ނުނިކުމެ އެތައް ދުވަހެއް ވާންދެން ބައެއް އޮޑިވެރީން ކުރީ ކެމްޕޭނު ދަތުރުތަކެވެ. ފަހަށް އޮތް އުއްމީދު ބޮޑުވީމަ އެވެ. މަހުގެ ހަމަ އަގު ލިބެން އޮތީ ވެރިކަން ބަދަލުކޮށްގެން ކަމަށްވާތީ އެވެ. ވެރިކަން ބަދަލުވެއްޖެ އެވެ. ވެރިކަމަށް އެއް އަހަރު ވެސް ފާއިތުވެއްޖެ އެވެ. މަސްވެރީން ތިބީ މާޔޫސްކަންމަތީގަ އެވެ.

އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަށް ބަލާ އިރު އެންމެ ބުރަކޮށް މަސައްކަތް ކުރާ ބަޔަކީ މަސްވެރީންނެވެ. ގަދަ އަވީގައި، ގަދަ ކަނޑުތަކުގައި، މަސްވެރީން ހޭދަކުރާ ވަގުތުތަކުގެ ތަކުލީފާއި ވޭން އެނގޭނީ އެކަން ތަޖުރިބާ ކުރާ މީހުންނަށް އެކަންޏެވެ. އަނބިދަރީންނާއި އާއިލާ ދޫކޮށް، އެތައް މޭލެއް ބޭރުގައި އުޅޭ އިރު ކަނޑުތައް ގަދަވެ، ފުރާނަ ސަލާމަތްވާނެ ކަމުގެ ޔަގީންކަމެއް ނެތް ކިތަންމެ ހާލަތެއް ރާއްޖޭގެ ކޮންމެ މަސްވެރިޔަކަށް ވެސް ކުރިމަތިވެފައި ވާނެ އެވެ. މޫސުން ގޯސްވެއްޖެ ނަމަ ރަށުގައި އެމީހުންގެ އަނބިދަރީން ތިބެނީ ތިމާގެ ފިރިމީހާ، ބައްޕަ ނުވަތަ ބޭބެ ހެޔޮ ހާލުގައި ލެއްވުން އެދި ދުއާކޮށްލަކޮށްލަ އެވެ. އެންމެ ދަތުރެއްގައި ވެސް އެންވެރިކަށް ދަށްވެ ކަނޑަށް ނުނިކުމެވި ގިނަ ދުވަސްވެއްޖެ ނަމަ އޮޑިވެރިޔާ އިންނަނީ ހާސްވެފަ އެވެ. ދަތުރެއްގައި މަސް ނުބޭވި ގިނަ ދުވަސްވެ ނުވަތަ ކިރޭ އަގު ދަށް ވެއްޖެ ނަމަ އޮޑިވެރިޔާ އިންނަން ޖެހެނީ ފިކުރު ބޮޑުވެފަ އެވެ. ވާނީ އެހެންނެވެ. ދޯނި ބަންނަން ރަހުނު ކުރި މުޅި އާއިލާގެ ގެތަކުގެ ރަޖިސްޓްރީ އޮތީ ބޭންކުގަ އެވެ. އިންޖީނު އަޅަން ނެގި ލޯނުގެ ސަބަބުން ދޯނީގެ ރަޖިސްޓްރީ ވެސް އޮތީ ބޭންކުގަ އެވެ. އެއްވެސް ކަމަކުން ލުޔެއް ނެތެވެ. ލޯނު ދުވަހަށް ނުދެއްކި ފާއިތުވާ ކޮންމެ ދުވަހަކަށް އެތައް ހާހެއްގެ ޖޫރިމަނާއެއް އަރަ އެވެ. މިރާއްޖޭގައި ދޫކުރާ ލޯނަކީ މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑު އިންޓްރެސްޓުގައި ލިބޭ ލޯނޭ މީހުން ބުނެ އެވެ. އޮޑިވެރި މީހާ އާއި އޭނާގެ އާއިލާގެ ދިރިއުޅުމުގެ ދުވަސްތައް ދަނީ މިހާސްގަނޑުގެ ތެރޭގަ އެވެ. އެއީ ވަރުގަދަ ނަފުސާނީ ބައްޔަކަށް އޮންނަނީ ވެފަ އެވެ. އޭގެ ސައިޑް އިފެކްޓުތައް އެމީހުންގެ ސިއްހަތަށް ނުރައްކާ ކުރުވަ އެވެ. އުމުރު ކުރު ކުރުވަ އެވެ. މީ ފޮރުވިފައި އޮތް، ވާހަކަ ނުދައްކާ ހަގީގަތެވެ.

އެހެން ހުރިހާ ޕްރޮފެޝަނަކަށް އެކި ނަންނަމުގައި ސިއްހީ އަދި ފަސޭހަ ދިރިއުޅުމުގެ ސްކީމު ތަކާއި ކަންކަން ތައާރަފުވާ އިރު، އާބާދީގެ އެންމެ ގިނަ ބަޔަކަށް އެބަޔަކު ކުރާ މަސައްކަތުގެ ސީދާ އަސަރު ކުރާ ބަޔަކީ މަސްވެރީންނެވެ. މަހާ ނުލައި ދިވެހީންނަކަށް ނޫޅެވެ އެވެ. ކޮންމެ އިރެއްގެ ކެއުމަށް ވެސް މަސް ބޭނުންވެ އެވެ. މަހާ ނުލައި ފަތުރުވެރިކަމެއް ވެސް ނުހިނގަ އެވެ. އެކަމަކު މަސްވެރީންނަށް މޮޅެތި ސްކީމުތަކެއް ނެތެވެ. އެމީހުންގެ މަސައްކަތުގެ މާހައުލާ މެދު ވިސްނާ ބަޔަކު ނެތެވެ. ހިމާޔަތެއް ރައްކާތެރިކަމެއް ނެތް ތާނގައި، އެމީހުންގެ ކުރިއެރުމަށް، ތަރައްގީއަށް ކޮށްދޭ ކަމެއް ވެސް ނެތެވެ.

މާލޭ ސަރަހައްދުގައި ހުރި އެންމެ ބޮޑު މަސް ކާރުހާނާ، އެންސިސް އިން ކަޅުބިލަމަސް ކިލޯއެއް މިހާރު ގަންނަނީ 14 ރުފިޔާއަށެވެ. ކަންނެލި ކިލޯއެއްގެ އަގު 35 ރުފިޔާއިން ދަށް ނަމަ 45 ރުފިޔާ 35 ކިލޯއިން މަތި ނަމަ 60 ރުފިޔާ އެވެ. ކެޔޮޅަކު އަޅުގަނޑު ކައިރީ ބުނި ގޮތުގައި، އެންސިސް އިން ގަބޫލުކުރާ ގޮތުގައި 14 ރުފިޔާ ކަޅުބިލަމަސް ކިލޯ އަކީ ވިޔަފާރީގެ އުސޫލުން ބަލާނަމަ އެކަން މިއަދުގެ ބާޒާރުގައި ކުރެވޭނެ އަގެވެ. މަސްވެރީން އަތުން ގަންނަ މަހަށް އެންސިސް އިން ވަގުތުން ފައިސާ ދެއެވެ.

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ކަނޑުމަސް ކިލޯއެއް ގަންނަނީ 20 ރުފިޔާއަށެވެ. އެކުންފުނީން ތަކުރާރުކޮށް ބުނަމުން އަންނަނީ އެއަގުގައި އެކަން ނުކުރެވޭނެ ކަމަށާއި މަސްވެރީން އަތުން މަސް ގަންނަމުން އަންނަނީ ކުންފުންޏަށް ބޮޑު ގެއްލުންވާ ގޮތަށް، ބާޒާރުގައި ވިއްކޭ އަގަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް ކަމަށެވެ. މި ގޮތަށް މަސް ގަނެގެން އެ ވިޔަފާރީން ދުވަހަކު ވެސް ފައިދާ ނުވާނެ ކަމަށާއި ކުންފުނީގެ ހާލަތު ދުވަހެއް ދުވަހަކަށް ދާނީ ދަށަށް ކަމަށް އެ ކުންފުނީން ކުރީއްސުރެ އަންނަނީ ބުނަމުންނެވެ.

ކަން މިހެން އޮތް އިރު، މަހުގެ ހަމަ އަގަކީ ކޮބައިކަން އެނގޭނެ ގޮތެއް ނެތެވެ. މިފްކޯއިން އެބުނާ ގޮތުން ނަމަ، އަދިވެސް ޖެހޭނީ އަގު ތިރިކުރާށެވެ. އެކުންފުނީން މިހާރުވެސް މަސް އެގަންނަނީ ސަރުކާރުން ސަބްސިޑީ ދީގެންނެވެ. އެވަރުން ވެސް މަސްވެރީންނަށް ވަގުތުން ފައިސާކޮޅު ނުދެވެ އެވެ.

މަސްވެރީންނަށްވުރެ ބުރަކޮށް، މަސްވެރީންނަށްވުރެ މުޅި ގައުމަށް އޭގެ ފައިދާ ކުރާ މަސައްކަތެއް ކުރާ ދެވަނަ ބަޔަކު ނެތަކަން އެންމެނަށް އެނގޭ އިރު، އަދި ދުނިޔޭގެ އެހެން ހުރިހާ މާކެޓަކުން ރާއްޖޭގެ މަހުން ބޮޑު ފައިދާ ނަގަމުންދާ އިރު، ރާއްޖޭގެ މަސްވެރިކަމުގެ އިންޑަސްޓްރީ ވަޅުޖައްސާފައި ބޭއްވުމަކީ ކުޑަ އިހުމާލެއް ނޫނެވެ. އެކަމުގެ ޒިންމާ ވެސް ބަޔަކު ނަގަން ޖެހޭނެ އެވެ.

މަސްވެރީންގެ ދުވަހުގެ މުނާސަބާގައި ރައީސް ސޯލިހު ރޭ އެ ވިދާޅުވީ މި ކަމުގެ އަސްލު އޮތް ގޮތުގެ ވާހަކަ އެވެ. އެވާހަކަ މިހާތަނަށް އެއްވެސް ބަޔަކު ނުދައްކަ އެވެ. ސަރުކާރުތަކުން ކުރި ކަމަކީ މަސްވެރިކަން ތަޅުލީ އެވެ. މަސް ނުގަންނަ ކުންފުނިތަކަކަށް އެކްސްކްލޫސިވްކޮށް ޒޯންތަކެއް ދީގެން ތިބީ އެވެ. އެ ވިޔަފާރި ބަންދުކުރީ އެވެ. ކުރި މަރައިލީ އެވެ. ގަތަސް ނުގަތަސް ހެޔޮކޮށްލައިގެން ތިބީ އެވެ. އެޅި އެއްވެސް ފިޔަވަޅެއް ނެތެވެ. ހަގީގަތަކީ މިއީ އެވެ. އެހެން އެކަން ކުރި ސަބަބު އެނގޭނީ އެކަން ކުރި ބަޔަކަށެވެ. އަޅުގަނޑު އެވާހަކަ ދައްކާކަށް ނެތީމެވެ.

ފަތުރުވެރިކަން ހުޅުވާލައި، ފަތުރުވެރިކަމަށް ހުރިހާ ސަރުކާރެއްގެ ވިސްނުން ހުސްކޮށް، ދައުލަތުގެ ބަޖެޓުގައި މިލިއަނުން ޖަހައިގެން، އެ އިންޑަސްޓްރީ އިޝްތިހާރުކޮށްދީ، އިންވެސްޓަރުން ހޯދައިދީ، ގައުމު ރަހުނު ކޮށް ސޮވަރިން ގެރެންޓީ ދިނުން ފަދަ ހުރިހާ ކަމެއް ނިމި ދިޔަ ހުރިހާ ސަރުކާރަކުން ވެސް ކުރީ އަޅުގަނޑުމެންގެ އެންމެންގެ ފައިސާއިންނެވެ. މަސްވެރީންގެ ވެސް ފައިސާއިންނެވެ. ފަތުރުވެރިކަމުގެ އިންޑަސްޓްރީ ކޮޅަށް ނަގަން އެ އިންޑަސްޓްރީގެ ވެރީން ނިސްބަތުން ކުރި މަސައްކަތަށްވުރެ މަސްވެރީން އެމީހުންގެ އިންޑަސްޓްރީ ދަމަހައްޓަން ވަމުން އަންނަ ގުރުބާނީ އެތައް ތަނަކުން ބޮޑު ކަމަށް ހަމަގައިމުވެސް އަޅުގަނޑު ހެކި ވަމެވެ.

މަހުގެ ހަމަ އަގު ދިވެހީންނަށް ނުލިބުމުގެ ހަގީގީ ސަބަބަކީ މަސްވެރިކަން ކަސްތޮޅު އަޅުވާފައި ބޭއްވުމެވެ. މަސްވެރިކަން މިނިވަން ވުމަށް ކުރީގެ ސަރުކާރުތަކުން ހުރަސްއަޅާފައި އޮތުމެވެ. ކުރިޔަށް ދާނެ، ތަރައްގީ ކުރާނެ ފުރުސަތެއް ނުދިނުމެވެ. އެ ކަން ކުރާނެ ވިސްނުން ސަރުކާރު ތެރެއިން ނެރެފައި ނެތުމެވެ. ކުރުކޮށް ބުނާނަމަ މަސްވެރިކަމުގެ ކުރިމަގުގައި "އޮބި" އަޅާފައި އޮތުމެވެ.

ފަތުރުވެރިކަމާ އެއްވަރަށް މަސްވެރިކަމުގެ އިންޑަސްޓްރީ ވެސް ތަރައްގީ ކުރަން ސަރުކާރުން މަސައްކަތް ކުރި ނަމަ، މިއަދު ދުނިޔޭގެ މަހުގެ މައި މާކެޓަކަށް ވާނީ ދިވެހި ރާއްޖެ އެވެ. މަހުގެ ހަމަ އަގު ނިންމާނީ ދިވެހި މަސްވެރީންނެވެ. ދުނިޔޭގެ މަހުގެ އެންމެ ބޮޑު ބާޒާރެއްގެ ގޮތުގައި އޮންނާނީ ދިވެހި ރާއްޖެ އެވެ. މަސް ގަންނަ ދުނިޔޭގެ އެންމެ ބޮޑެތި ކާރުހާނާ ތަކާއި ސުޕަމާކެޓުތައް ހުންނާނީ މިރާއްޖޭގެ ރަށްރަށުގައްޔާއި ކަނޑުމަތީގަ އެވެ. މަސް ގަންނަން ދުނިޔޭގެ އެހެން ގައުމުތަކުން އަންނާނީ މިރާއްޖޭގެ އެކި ސަރަހައްދުތަކަށެވެ. އެއްވެސް ހާލެއްގައި، ބާނާ މަސްކޮޅު ނުކިރިގެން، ދުނިޔޭގެ ސުޕަމާކެޓު ތަކުގައި ހަމަ އަގު ނާރައިގެން ދިވެހި މަސްވެރީން ކަރު އެލުވާލައިގެން ތިބޭކަށް ނުޖެހޭނެ އެވެ.

ރައީސް ސޯލިހު ހަގީގަތް ހާމަކުރައްވައިފި އެވެ. އަޅުގަނޑުގެ އެދުމަކީ މި ހަގީގަތް މަތީގައި ތިބެގެން ދިވެހި މަސްވެރިކަން ތަރައްގީ ކުރުމެވެ. ހަމަ އަގަކީ އެހެން ބަޔަކަށް ވިއްކައިގެން، އެހެން ބައެއްގެ ކޮންޓްރޯލުގައި ދިވެހި މަސްވެރިކަން ބާއްވައިގެން ލިބޭނެ އެއްޗެއް ނޫނެވެ. އެގޮތަށް ހަމަ އަގު ހޯދަން އުޅެފި ނަމަ، އެ ހަމައަގު މަސްވެރީޔާގެ ޖީބަށް ލައިދޭން ޖެހޭނީ އޭނާގެ އަނެއް ޖީބުން ނަގައިފަ އެވެ. ކުރާންވީ ކަމަކީ ދިވެހި މަސްވެރިކަން އާ އުސްމިނަކަށް ގެންދިޔުމެވެ. މަސް ގަންނަ ބޮޑެތި ކުންފުނިތައް ރާއްޖޭގައި ގާއިމުވާންވީ އެވެ. އިންވެސްޓަރުންނަށް ފުރުސަތު ހުޅުވައިލާންވީ އެވެ. އިންޓަނޭޝަނަލް ބިޑަށް ވެސް ހުޅުވައިލާންވީ އެވެ. ޖޮއިންޓް ވެންޗާ ތަކަށް ވެސް ފުރުސަތު ދޭންވީ އެވެ. އިންޑަސްޓްރީ ތަރައްގީކުރަން ސަރުކާރުން ބޮޑެތި ސިޔާސަތުތަކެއް ކަނޑައަޅައި އެ މަގުން ކުރިޔަށް ގޮސްފި ނަމަ ކުރިޔަށް އޮތް ދެތިން އަހަރު ތެރޭގައި ވެސް މި އިންޑަސްޓްރީ މުޅީން ބަދަލުވެގެން ހިނގައިދާނެ އެވެ. އޭރުން ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ނިންމާނީ ދިވެހީންނެވެ. ސިޔާސަތުތައް ކަނޑައެޅުމުގައި ބަސް ބުނާނީ ވެސް ދިވެހީންނެވެ.

ދިވެހި އޮޑިވެރިޔާގެ ހާސްކަން ފިލާނީ އެދުވަހަކުންނެވެ. ދިވެހި މަސްވެރިޔާގެ އެކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރެވޭނީ އެދުވަހަކުންނެވެ. ދިވެހި މަސްވެރި އާއިލާތަކުގެ މޫނުމަތީގެ މާޔޫސްކަން އުފާވެރިކަމަށް ބަދަލުވާނީ އެދުވަހަކުންނެވެ. ދިވެހި މަސްވެރީން ބާނާ މަހަށް ހަމައަގު ލިބޭނީ ވެސް އެދުވަހަކުންނެވެ.