ޖުމްހޫރީ ޕާޓީގެ ''ރަތްފިޔަ'' އިފްތިތާހުކޮށްފި އެވެ.
ރޭ މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާޓީގެ "ރަތްފިޔަ" އިފްތިތާހުކޮށްދެއްވާފައިވަނީ ޕާޓީގެ ރައީސް ގާސިމް އިބްރާހީމް އަދި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާއެވެ.
"ރަތްފިޔަ"ގެ ނަމުގައި މިއަދު ޖޭޕީން އިފްތިތާހުކޮށްފައިވަނީ އެ ޕާޓީގެ އަންހެނުންގެ ގޮތްޕެވެ. އެގޮތުން "ރަތްފިޔަ"އިން އަބަދުވެސް އަންހެނުންނާއި ގުޅުން ހުރި ކަންކަމުގައި މަސައްކަތް ކުރާނެ ކަމަށް ރަތްފިޔައިގެ ޕްރެސިޑެންޓް ފަޒީނާ ރަޝީދު ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރަތްފިޔައިގެ ލޯގޯ އިފްތިތާހު ކުރުމުގެ އިތުރުން ރަތްފިޔައިގެ އެކްސްކޯ މެންބަރުން ތައާރަފުކޮށްފައިވެއެވެ. ރަތްފިޔައިގެ އެކްސްކޯ މެމްބަރުން ތައާރަފްކޮށްފައިވަނީ އެކަމަށް ހާއްސަކޮށްގެން ގެނެސްދިން ވީޑިއޯ ކޮޅެއްގެ އެހީގައެވެ. އެގޮތުން ރަފްފިޔައިގެ އެކްސްކޯގައި ހިމެނޭ 29 މެންބަރުންގެ ތައާރަފެއް މި ވީޑިއޯގައި ދީފައިވެއެވެ. އެއާއެކު ރަތްފިޔައިގެ ހަރަކާތްތަކުގައި ބޭނުންކުރާ ހަތަރު ޑިޒައިނެއްގެ ޓީޝާޓް މި ޖަލްސާގައި ދައްކާލާފައިވެއެވެ.
މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއެވެ. މިނިސްޓަރުގެ ވާހަކައިގަވެސް އަންހެނުން ބާރުވެރި ކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައިވެއެވެ.