އެންސިސް ފިޝަރީޒް އިން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ދަޅުގައި މަސް ބަންދުކުރާ ކާރުހާނާ ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
ހުޅުމާލޭގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ކާރުހާނާ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ޖުމްލަ 25 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން ގާއިމުކުރި މި ކާރުހާނާއަކީ މާލެ ސަރަހައްދުގައި ގާއިމުކުރި އެފަދަ ފުރަތަމަ ކާރުހާނާއެވެ.
ހުޅުމާލޭގެ 50،000 އަކަފޫޓުގެ ބިމެއްގައި އެންސިސް އިން ގާއިމުކުރި އެ ކާރުހާނާ އިން ދުވާލަކު 25 ޓަނުގެ މަސް ބަންދުކުރެވޭއިރު، އެއްފަހަރާ 1،200 ޓަނުގެ ފިނިކުރި މަސް ރައްކާކުރެވޭ ވަރުގެ ކޯލްޑު ސްޓޯރޭޖެއް ހިމެނެއެވެ. އަދި މަހުން އުކާލެވޭ ބައިތައް ބޭނުންކޮށްގެން ފިޝްމީލް އުފެއްދުމަށް ހާއްސަ މެޝިނަރީ ވެސް ކާރުހާނާގައި ވަނީ ގާއިމުކޮށްފައެވެ.
މަސް ބަންދުކުރާ ކާރުހާނާގެ އިތުރުން އެންސިސް އިން ވަނީ ދުވާލަކު 100 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލު އައިސް ޕްލާންޓެއް ވެސް ކާރުހާނާއާއެކު ގާއިމުކޮށްފައެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންސިސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް ވިދާޅުވީ އެކުންފުނިން މިއަދު ރަސްމީކޮށް ހުޅުވި ދަޅުގައި މަސް ބަންދުކުރާ ކާރުހާނާގެ ސަބަބުން ކުންފުނީގެ ހިދުމަތް އިތުރަށް ފުރިހަމަވެ، މަސްވެރިން ބާނައިގެން ގެންނަ މަސްކޮޅަށް ވަގުތުން ފައިސާ އާއި އައިސް ދިނުމަށްފަހު މަޑުނުކޮށް މަހަށް ފުރޭނެ ކަމަށެވެ.
އޭގެ އިތުރުން ކާރުހާނާ އާއި އެހެން ވަސީލަތްތަކާއެކު ދިވެހިންނަށް ހާއްސަ 400 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށާއި އޭގެ ތެރެއިން 175 ވަޒީފާއަކީ ހަމައެކަނި އަންހެނުންނަށް ހާއްސަ ވަޒީފާތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ވަސީމު ވިދާޅުވީ، މިއަދުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަތުމަކީ ރާއްޖޭގެ އަމިއްލަ ކުންފުނިތަކުން ގައުމުގެ އިގްތިސާދީ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކަށް އެމަނިކުފާނު ދެއްވާ އަހަމިއްޔަތު ކަމާއި ދެއްވާ ހިއްވަރު ކަމަށެވެ.