މި ގައުމުން ކޮރަޕްޝަންގެ ނެތިކޮށްލުމަށްޓަކައި ފަރުދީ ގޮތުންނާއި ދައުލަތުގެ ފެންވަރުގައި ގައުމުގެ އެންމެހައި ފަރުދުން އެއްބައިވެ އެއް އަމާޒަކަށް ވާސިލުވުމަށްޓަކައި މަސައްކަތް ކުރަން ޖެހޭކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ވިދާޅުވެއްޖެއެވެ.
ބައިނަލް އަގުވާމީ އެންޓި- ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އެކަމަނާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށާއި ކޮރަޕްޝަނާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކުރެވޭ ކަމަށާއި ކޮރަޕްޝަން ހުއްޓުވުމަށް އަމަލީ ގޮތުން މަސައްކަތްކުރާ އެންމެހައި ފަރާތްތައް ހިމެނޭ ގޮތަށް އެ އެންމެހައި ފަރާތްތަކަށް ހިތްވަރުދެއްވާ ކަމަށެވެ.
"އަދުގެ ބަވަނަވަމުންދާ ދުނިޔޭގައި، އިންސާނީ ވަސީލަތްތައް ފުރިހަމަވެ ފަސޭހަވަމުންދާ ވަރަކަށް، ކޮރަޕްޝަންގެ ނުބައި ވަބާއާ ކުރިމަތިލާން ޖެހިފައިވުމަކީ ބައިނަލް އަގުވާމީ މުޖުތަމައުތަކާ ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމާމެދު ޝައްކެއްނެތް." އަޒްމިރާލްދާގެ ބަަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.
އެކަމަނާގެ ބަޔާނުގައި ވިދާޅުވެފައިވަނީ ބައިނަލް އަގްވާމީ ފެންވަރުގައި އެންޓިކޮރަޕްޝަން ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމަކީ، ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރަޕްޝަނުގެ މި ނުބައި ވަބާއިން ގައުމުތައް ރައްކާތެރިކޮށް، ކޮރަޕްޝަން ހުއްޓުވުމަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.
ޑރ. އަޒްމިރާލްދާ ވިދާޅުވީ، ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް - ދަ ގްލޯބަލް ކޯލިޝަން އެގެއިންސްޓް ކޮރަޕްޝަން އިން، މިދިޔަ އަހަރު 180 ގައުމެއް ބައިވެރިކޮށްގެން އެކުލަވާލި ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ތިންބައިކުޅަ ދެބައި ގައުމުތަކުގެ ސްކޯ ހުރީ 50 އިން ދަށުގައި ކަމަށެވެ. އެސާވޭ އިން ދައްކާގޮތުގައި، 2016 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމަޔަށް ރާއްޖޭގައި ކޮރަޕްޝަން ހުރި މިންވަރު އަހަރުން އަހަރަށް މަތިވަމުންދާކަން ފާހަގަވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ކޮރަޕްޝަންގެ ސަބަބުން އަދުލު އިންސާފުގެ ހަމަތައް ގެއްލި، ގާނޫނުގެ ވެރިކަން ނެތިގެންދާކަމަށާއި ޖުމުހޫރިއްޔަތު ބަލިކަށިވެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށް އެކަމަނާގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ބަޔާން ނިންމަވާލައްވަމުން ޑރ. އަޒްމިރަލްދާ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުގައި ފަރުދުންނާއި ޖަމާއަތްތަކުގެ ދައުރު ފުޅާކުރަން ޖެހޭކަމަށާއި ދައުލަތުގެ މުއައްސަސާތަކުގެ ގާބިލުކަން އިތުރުކޮށް ބާރުވެރި ކޮށް، ކޮރަޕްޝަނަށް ފާރަވެރިވާ ނިޒާމް ހަރުދަނާކުރަން ޖެހޭ ކަމަށާއި ގާނޫނީ އޮނިގަނޑަށް ހަމައެކަނި ބަރޯސާވުމުގެ އިތުރުން ޓެކްނިކަލް ވަސީލަތްތަކުގެ ބޭނުން ހިފުމުގެ މުހިއްމުކަން ވެސް ބޮޑުކަމަށެވެ.