ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

އާނިފާ ހުސެއިން ސިރާޖް

މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަން ކުރުމަށް، މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލާފައި ވަނީ، މިއަދުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ 2:00ގެ ނިޔަލަށެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމު އެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ބްރޯޑްކާސްޓިންގް ކޮމިޝަންގެ ރައީސްގެ މަގާމަށް މަޝްހޫރު ޓީވީ ޕްރެޒެންޓަރު މަރިޔަމް ވަހީދާ އަދި ނައިބު ރައީސަކަށް އަހްމަދު ގައިސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިންތިހާބު ކޮށްފައެވެ.

އޭގެ އިތުރުން އަލީ ޔޫސުފް ބްރޮޑްކޮމްގެ މެންބަރުކަމަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.