އިބްރާހިމް ޒަކީ
އަމާޒަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަކީ، މީހުންނަށް އިތުބާރު ހިފޭ ފަދަ އިންސާފުވެރި ތަނަކަށް ހެދުން ކަމަށް، ޕްރޮސިކިއުޓާ ޖެނެރަލް ކަމުގެ މަގާމަށް އިއްޔެ އައްޔަން ކުރެއްވި ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.
ޕީޖީކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ކުރެއްވި ޓްވީޓެއްގައި އާ ޕީޖީ ވިދާޅުވީ، ޕީޖީގެ މަގާއަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ 74 މެންބަރުން ދެއްވި ވޯޓަކީ ސީރިއަސް ނަންބަރެއް ކަމަށެވެ. އެހެންކަމުން ވީ އެންމެ ރަނގަޅަށް ޕީޖީކަމުގެ މަގާމުގެ މަސްއުލިއްޔަތު އަދާ ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް ޝަމީމު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާ ގުޅީގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް، ހުސައިން ޝަމީމު އައްޔަން ކުރީ އިއްޔެ އެވެ.
މީގެ ކުރިން ޑެޕިއުޓީ ޕީޖީގެ މަގާމު އަދާ ކުރެއްވި، އަލްއުސްތާޒު ހުސައިން ޝަމީމު ވަނީ އިނގިރޭސި ވިލާތުގެ ސަސެކްސް ޔުނިވަރސިޓީން، ކްރިމިނަލް ލޯ އެންޑް ކްރިމިނަލް ޖަސްޓިސްގެ ދާއިރާއިން މާސްޓާރސް ޑިގްރީ ޙާސިލުކުރައްވާފައެވެ. އަދި ޝަމީމު ވަނީ މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީން ޝަރީޢާ އެންޑް ލޯގެ ދާއިރާއިން ބެޗްލަރ ޑިގްރީ ހާސިލުކުރައްވާފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕީޖީ ކަމުގެ މަގާމަށް ޝަމީމު އައްޔަންކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި 77 މެންބަރުންގެ ތެރެއިން 74 މެންބަރުން ވޯޓު ދެއްވައިގެންނެވެ.