ރައްޔިތުންގެ މަޖިލިސް

މަވޯޓާ ޝަރީފު: ހޭދަކުރެވުނު ވަގުތަށް ބަލާ އިރު ނަތީޖާ ރަނގަޅެއް ނޫން، މަސައްކަތަށް ދޭނީ "ސީ" ރިޕޯޓެއް

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު ނިމި ދެމަސް ދުވަހުގެ ޗުއްޓީއަކަށް ގޮސްފައިވާ އިރު، އެ މަޖިލީހުގެ މި ތިން ދައުރުގެ މަސައްކަތަށް ދެއްވާނީ ސީ ރިޕޯޓެއް ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ ޝަރީފު) ވިދާޅުވެއްޖެ އެވެ.

ޝަރީފު މިހެން ވިދާޅުވީ އޮންލައިން ނޫސް، ސީ އެންއެމް އިން ރޭ ގެނެސްދިން "އިތުރުކާފު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ޝަރީފު ވިދާޅުވީ މަޖިލިސް މަސައްކަތަށް ސީ ރިޕޯޓެއް ދެއްވި ނަމަވެސް، ނިމިދިޔަ ރައްޔިތުންގެ މަޖިލީހަކީ ނިސްބަތުން ބަލާ އިރު ވަރަށް ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރި މަޖިލީހެއް ކަމަށެވެ.

"ބައެއް ދުވަސްދުވަހު ހެނދުނު އަށެއް ޖަހާ އިރު ދާ ގޮތަށް ގޮސް ރޭގަނޑު ދިހައެއް އެގާރަ ޖަހާ ބޮޑުވަންދެން ވެސް އަޅުގަނޑުމެން މި އުޅެނީ މަޖިލީހުގެ މަސައްކަތުގައި. އެކަމަކު ޕްރޮޑަކްޓިވިޓީ އެހާ ރަނގަޅެކޭ ނުބުނެވޭނެ. ނަތީޖާއަށް ބަލާ އިރު އެންމެ ރަނގަޅެކޭ ނުބުނެވޭނެ. ކުރާން ހުރި ކަންކަން ވަރަށް ގިނަ." ޝަރީފު ވިދާޅުވި އެވެ.

މިހާރު އަމަލުން ކުރަމުން އަންނަ ނޫ ގާނޫނު އަސާސީ، އެކުލަވައިލުމުގެ މަސައްކަތް ކުރި ހާއްސަ މަޖިލީހުގައި ވެސް ހިމެނިވަޑައިގެންނެވި ޝަރީފު ވިދާޅުވީ މިހާރު މި އޮތް ރައްޔިތުންގެ މަޖިލިސް ވަރަށް ޒުވާން ކަމަށާއި ނަތީޖާއެއްގެ ގޮތުން ބައެއް ކަންކަމުގައި އެންމެ އެދެވޭ ވިސްނުން ނުނެރެވޭ ކަމަށެވެ. ގާނޫނެއް ހެދިޔަސް އަދި ގާނޫނު އަސާސީއެއް ލިޔުނަސް، އެ ތަންފީޒު ކުރާ މީހުންނާއި އެމައްޗަށް އަމަލުކުރާން ތިބި މީހުންނަށް އޭގައި ލިޔެފައި އޮންނަ އެއްޗަކާއި އޭގެ މައިގަނޑު އަސާސްތަކަކީ ބަލައިގަނެވޭ، ގަބޫލު ކުރެވޭ، އެމައްޗަށް އަމަލުކުރާން އެނގޭ ކަންތައްތަކަކަށް ވާން ޖެހޭނެ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

"ރާއްޖޭގެ މިހާރު މިި އޮތް ރައްޔިތުންގެ މަޖިލީހަކީ ތަޖުރިބާ ހުރި މީހުން ކޮންމެވެސް ވަރަކަށް ތިއްބަސް، ޖުމުލަކޮށް ވަރަށް ޒުވާން މަޖިލީހެއް. އެހެންވީމަ އިނގޭސި ބަހުން މި ކިޔާ އިންސްޓިޓިޔުޝަނަލް މެމޯރީއެއް ނުހުރޭ. ގައުމެއް އެއް ހަރުފަތުން އަނެއް ހަރުފަތަށް ގިރާކުރަމުން ދާއިރު ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކުރާން ކުރަން ޖެހޭ ކަންތައްތަކުގެ ތަޖުރިބާއާއި ވިސްނުން އެހާބޮޑަަކަށް ނުހުރޭ. އެހެންކަމުން ރާއްޖެއަށް ގާނޫނު އަސާސީއެއް ކިތަންމެ ފުރިހަމަޔަށް ލިޔުނަސް އެންމެ އެދެވޭ ގޮތުގައި އޭގެ ފޮނިމީރުކަން ލިބުމުގެ ފުރުސަތު އޮންނަނީ ވަރަށް ދުރުގައި." ޝަރީފު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރު ނިމި، މެންބަރުން ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގެންނެވި އިރު، މަޖިލިސް ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މެންބަރުންގެ މަސައްކަތަށް ބީ ރިޕޯޓެއް ދެއްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ މެންބަރުންގެ ޖުމުލަ ހާޒިރީގެ އިންސައްތަ ހިފެހެއްޓިފައި ހުރީ 92ގައި ކަމަށެވެ.