ހައުސިން މިނިސްޓްރީ

ހައުސިން މިނިސްޓްރީ ތެރޭގައި ހަމަނުޖެހުން ބޮޑުވެ ފުލުހުން ޕެޕަސްޕްރޭ ޖަހައިފި

ޝަހީދާ އަބްދުﷲ ސައީދު

ފުލެޓް ލިބޭނެކަން އަންގައި ހައުސިން މިނިސްޓްރީން ދޫކުރަމުންދާ ލިޔުމާ ހަވާލުވުމަށް ގޮސް ތިބި އެތައް ހާސް ބަޔަކަށް ލިޔުން ހަވާލު ކުރުން ލަސްވެގެން ދިއުމާއެކު ހަމަނުޖެހުން ހިންގަން ފެށުމުން، ފުލުހުން ޕެޕަސްޕްރޭ ޖަހައި މީހުން ދުރުކޮށްފިއެވެ.

ލިޔުން ދޫކުރުމަށް ހަދާފައިވާ ކިޔޫގައި ޖެހިގެން ހުރި މީހަކު ''ވަން އޮންލައިން"އަށް މައުލޫމާތު ދެމުން ބުނީ އެއްބަޔަކު އިއްޔެއިން ފެށިގެން އަދިވެސް ކިޔޫގައި އެބަތިބި ކަމަށެވެ. އަދި މިއަދު މެންދުރު މިނިސްޓްރީގެ ދޮރު ކައިރީ ތިބި މީހުން ހިތްހަމަނުޖެހުން ފާޅުކޮށް އަޑުގަދަކުރަން ފެށުމުން ފުލުހުން އައިސް ޕެޕަސްޕްރޭ ޖަހާ މީހުން ދުރުކުރި ކަމަށާއި، ގިނަ މީހުން ގޯތިތެރެއިން ނެރުނު ކަމަށް ވެސް އެނާ ބުންޏެވެ. އަދި ލިޔުމާ ހަވާލުވާން ދާ މީހުން މީގެކުރިން މައުލޫމާތު ސާފުކުރަަމުން ދިޔައީ އެތަނުގައި ތިބި ފުލުހުން ގާތު އަހައިގެން ކަމަށާއި، ނަމަވެސް ޕެޕަސްޕްރޭ ޖެހިފަހުން ފުލުހުންވެސް ކުރިން ދެމުން ދިޔަ މައުލޫމާތު ފޯރުކޮށްދެމުން ނުދާކަމަށް އޭނާ ބުނެފައި ވެއެވެ.

އޭނާ ކިޔޫއަށް އެރީ އިއްޔެ ކަމަށާއި، އަދިވެސް ހުރީ ކިޔޫގައި ކަމަށް ވަން އަށް މައުލޫމާތު ދިން މީހާ ބުންޏެވެ. އަދި ކިޔޫގައި ޖެހިގެން ލިޔުން ދޫކުރަމުން ދަނިކޮށް، ދިމާވި މައްސަލައަކާއި ގުޅިގެން ރޭގެ ވަގުތެއްގައި ލިޔުން ހަވާލުކުރުން މެދުކަނޑާލި ކަމަށާއި، އޭގެ ފަހުން ދަންވަރު 1:30 ގައި މިނިސްޓްރީގެ ދޮރުގައި އިއުލާނެއް ހަރުކުރި ކަމަށެވެ.

އެއިއުލާންގައިވާ ގޮތުން ލިޔުން ހަވާލުކުރުމުގެ މަސައްކަތް ދެން ކުރިއަށްގެންދާނީ މިއަދު 6:00 އިން ފެށިގެން ކަމަށް ބުނެފައިވީ ނަމަވެސް މިއަދު 9:00 ޖެހިއިރުވެސް ޕްރިންޓަރު މައްސަލަ ޖެހިގެން ކަމަށްބުނެ ލިޔުން ހަވާލުކުރުން މަޑުޖައްސާލި ކަމަށް އޭނާ ބުންޏެވެ.

އަދި މިއަދު 12 ޖެހިފަހުން މިނިސްޓްރީ ތެރެއަށް މީހުން ވެއްދުން ހުއްޓާލިއިރު، ފުލެޓް ލިބޭ ފަރާތްތަކަށް ގުޅުން ވެސް ހުއްޓާލިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓްތައް ލިބޭ ފަރާތްތަކަށް ލިޔުން ހަވާކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީގައި ކުރަމުންދާއިރު، ހަމަނުޖެހުން ހިންގައި، ރޭގެ ވަގުތެއްގައި ވަނީ މިނިސްޓްރީގެ ދޮރެއްގެ ބިއްލޫރިގަނޑު ވެސް ތަޅާލާފައެވެ.