މުހައްމަދު ބުޝްރީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާމެދު ހިތްހަމަ ޖެހޭ މީހުން ތިބި ފަދައިން ހިތްހަމަ ނުޖެހޭ މީހުންވެސް ތިބޭނެއެވެ. ނޫމަޑި އާއި ދީބާޖާ ފަދަ އަމިއްލަ ކުންފުނި ތަކަށް މިލިއަނުން ބަދަލު ދިނުމާއި، އެމް.ޑީ.އެން އަދިވެސް އުވައި ނުލެވިގެން އުޅުން ފަދަ ކަނަތައްތަކާ ބައެއް މީހުން ހިތްހަމަ ނުޖެހި ފާޑު ކިޔައެވެ. ނަމަވެސް މިޤައުމަށް އޮތް ހައްލަކީ ކާށިދޫ ދާއިރާގެ މަޖުލިސް މެމްބަރު އަބްދުﷲ ޖާބިރު ބުނާހެން މިސަރުކާރު ވައްޓާލާފައިއެހެން ވެރިކަމެއް ގެނައުން ބާވައެވެ؟ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް މަނީ ލައުންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމުން ކުއްލިއަކަށް ފެނުނީ ޖާބިރު އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފަދަ ބައެއް ފަރާތްތަކުން ރައީސް ޔާމީނަށް ތާއީދުކުރައްވައި ވާހަކަ ދައްކަވަން ފެއްޓެވިތަނެވެ. ޔާމީނަކީ މިޤައުމަށް އޮތް ކުރިމަގުގެ ހައްލެއް ބާވައެވެ؟
ޔާމީނު ސަރުކާރުގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ މައްޗަށް ހުއްދަ ނެތި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުކޮށް ޖަލަށް ލެވުނީ އިންސާފުވެރި ޝަރީއަތަކުން ބާވައެވެ؟ ފިނިފެންމާ ލޯންޗް ގޮއްވުމުގައި ބައިވެރިވި ކަމަށް ބުނެ ޔާމީނުގެ ނައިބު އަހްމަދު އަދީބު ޖަލަށް ލެވުނީ ރަނގަޅަށް ބާވައެވެ؟ ޔާމީނުގެ ފުރަތަމަ ނައިބު ރައީސް މުހައްމަދު ޖަމީލް މަޤާމުން ވަކިކުރެވުނީ ރަނގަޅަށް ބާވައެވެ؟ ޔާމީނާ ދެކޮޅުވުމުން މައުމޫން އަބްދުލް ޤައްޔޫމް އާއި ޤާސިމް އިބްރާހިމް ފަދަ ސިޔާސީ އެތައް ފަރާތްތަކެއް ޖަލަށް ލެވުނީ ސިޔާސީގޮތުން ޒާތީ ދައުވާތަކެއް ކޮށްގެން ނޫން ބާވައެވެ؟ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ސިފައިން ސުޕްރީމް ކޯޓަށް ވައްދައި އުއްތަމަ ފަނޑިޔާރު ބިންމަތީ ދަމާ ކޫއްތާފައި ގެންގޮސް ޖަލަށް ލުން އެއީ ޝަރުއީދާއިރާ އިސްލާހު ކުރުން ބާވައެވެ؟ އެމް.އެމް.ޕީ.އާރް.ސީ ގެ ތިން ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތް ރައީސް ޔާމީނުގެ ވެރިކަމުގައި ހިނގައިދިޔައީ ރައީސް ޔާމީނާއި އެ ސަރުކާރުގެ ބޮޑުންނަށް އެއްވެސް ވަރަކަށް ބައިނޭޅި ބާވައެވެ؟ އިދިކޮޅު މީހުންގެ މުޒާހަރާތައް އެއްވެސް ހަމައެއް ލަމައެއްނެތި އަނިޔާވެރިކޮށް ރޫޅާލައި އެތައް ބަޔަކު ހައްޔަރުކޮށް، ބައެއް މީހުން ޖަލުގައި މަރުވެ ދިޔައީ ހަމަ އިންސާފުން ބާވައެވެ؟ ޔާމީނު ފުލް ޕަވަރުގައި ހުންނެވިއިރު ހިނގައިދިޔަ މިފަދަ އެތައް ކަމެއް ސިޔާސީ ގޮތުން އޯކޭ ވެފައި، މިއަދު ޔާމީނު ޖަލަށް ލެވުމުން އެމަނިކުފާނު ހުދުކާފޫރުކޮޅަކަށް ވީތޯއެވެ؟
ޔާމީނުގެ ވެރިކަމުގައި އެތައް ބިލިއަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތު ކުރެވިފައިވެއެވެ. ދަރުމަވަނަތަ ހޮސްޕިޓަލާއި ސިނަމާލެ ބްރިޖް ފަދަ ބޮޑެތި މަޝްރޫއުތައް އަސްލު މާކެޓް އަގުގެ އެތައް ގުނައެއް ބޮޑުކޮށް ހިންގައި ބޮޑެތި އަދަދުން ރިޝްވަތު ނެގިކަމަށް ޝައްކު ކުރެވިފައިވެއެވެ. ކޮންމެ ސަރުކާރެއްގައި ވެސް ކޮރަޕްޝަނާއި ބޭއިންސާފު އޮވެދާނެއެވެ. ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގައި ހިނގައިގޮސްފައިވާ މިފަދަ އެތައްކަމެއް ނުވާކަމަށް ހަދައިގެން އެމަނިކުފާނުގެ ފަޅީގެ މީހުން ވާހަކަ ދެއްކުމަކީ ޤައުމަށް ވެވޭ ބޭއިންސާފެކެވެ. ޔާމީނު ކުރެއްވިއަސް މައުމޫނު ކުރެއްވިއަސް ނަޝީދު ކުރެއްވިއަސް އަދި އިބޫ ކުރެއްވިއަސް ގޯސް ކަމެއް ވާނީ ގޯސް ކަމަކަށެވެ. ރައީސް ޔާމީނަކީ ޕީޕީއެމް އާއި ކޮންގްރެސް ޕާޓީގެ ސަޕޯޓަރުން އެބުނާ ވަރުގެ "ހުދު ކާފޫރު ކޮޅެއް" ނޫނެވެ.
މައްސަލައެއް ނެތެވެ! އެބުނާ "ކޮންކްރީޓް" ތަރައްޤީ އަކީ ވެސް ހަމަ މުހިއްމު ތަރައްޤީ އެކެވެ. ދަރުމަވަންތަ ހޮސްޕިޓަލާއި ސިނަމާލެ ބްރިޖާއި ހުޅުމާލޭ ދަވަނަ ފިޔަފަހި ފަދަ ބިޔަ ކޮންކްރީޓް ތަރައްޤީގެ މަޝްރޫއުތައް ޔާމީނުގެ ވެރިކަމުގައި ހިންގެވިއެވެ. އެއީވެސް ހަމަ ތަރައްޤީ އެވެ. ނަމަވެސް ހިންގެވި ތަރައްޤީއާ އެއްވަރަށް ކޮރަޕްޝަނާއި ފަސާދައާއި އަނިޔާވެރިކަން އޮތަކަމަށް ތުހުމަތު ކުރެވޭނަމަ އެފަދަ މައްސަލަަތައް ބެލެން ޖެހޭނެއެވެ. ޖަލަށް ލާން ޖެހޭނަމަ ޖަލަށް ވެސް ލެވެން ޖެހޭނެއެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭ ހިިންގާފައިވާ ކަންތައްތަކަށް ބަލާއިރު ރައީސް ޔާމީނަކީ އިތުރު ފަސް އަހަރުގެ ދައުރަކަށް ރައިސްކަން ހައްޤު ބޭފުޅެއް ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ. ޔާމީނަކީވެސް ވަރަށް ގިނަބައެއްގެ ތާއީދު އޮތް، ސިޔާސީ ވަރަށް މުހިއްމު ލީޑަރެކެވެ. ރައީސް ޔާމީނުގެ ތާއީދަކީ 2023 ގެ ރިއާސީ އިންތިހާބުގައި ކޮންމެ ކެންޑިޑޭޓަކުވެސް ބޭނުންވާނެ ތާއީދެކެވެ. ނަމަވެސް ދިވެހި ރައްޔިތުންގެ ޕޮޕިއުލަރ ވޯޓަކުން ރައީސް ޔާމީނަށް ދެން ރައީސްކަން ލިބުމަކީ، ފެންނަ މަންޒަރަށް ބަލާއިރު، ވަރަށް ނާދިރު ކަމެކެވެ.
ރައީސް ޔާމީނަކީ މިޤައުމުގެ ކުރިމަގުގެ ހައްލެއް ކަމަކަށް ނުފެނެއެވެ. ޔާމީނުގެ ރަނގަޅު ބައެއް ސިފަތައްވެސް އެބަހުއްޓެވެ. ވަތަނީ ވުމާއި، އިންޑިއާ ފަދަ ބޭރުގެ ފަރާތަތަކުގެ ދަށު ނުވުމާއި، އަވަސް ކޮށް މުހިއްމު ނިންމުންތައް ނިންމެވުން ފަދަ ބައެއް ސިފަތަކެވެ. ނަމަވެސް ކޯފާ އިސް ކުރެއްވުމާއި، ކިބުރުވެރި ކަމުގެ ސިފައަށް އިނގިލިދިއްކޮށް ބައެއް ފަރާތްތަކުން ރައީސް ޔާމީނަށް ފާޑު ކިޔައެވެ. ތައުލީމީ ގޮތުން ފެންވަރު ދަށް ފަރާތްތައް މަޤާމްތަކަށް ލެއްވުމާއި، ކޮރަޕްޝަނުގެ ތުހުމަތު ތަކުރާރުކޮށް ކުރެވެއެވެ.
މިވަގުތު ދިވެހި ޤައުމަށް އެންމެ މުހިއްމީ ހުރިހާ ރައްޔިތުން އެއްބައިވަންތަ ކުރެއްވޭނެ ލީޑަރެކެވެ. އިބޫ ސޯލިހުގެ ކިބައިގައި އެފަދަ ބައެއް ސިފަތައް އެބަހުއްޓެވެ. ނަމަވެސް މަޖުލިސް ރައީސް މުހައްމަދު ނަޝީދުގެ ހިޔަނިން ނެއްޓެވިގެންނެވެ. ރައީސް ނަޝީދަކީ ރަނގަޅު ބައެއް ހިޔާލުތައް ހުއްޓަސް ޤައުމު އެއްބައިވަނަތަ ކުރެއްވުމަށް ވުރެ ބޮޑަށް ބައިބައިވާ ކަހަލަ ހިޔާލުގެ ވެރިއެކެވެ.
އިބޫ ސޯލިހުގެ ވެރިކަމަށް އެއް އަހަރު ފުރި، ކުރިއަށް އޮތް އިންތިހާބަށް ހަތަރު އަހަރަށް ވެފައިވާ އިރު، ރައީސް ސޯލިހާއި ރައީސް ނަޝީދުގެ އިތުރުން ރައީސް މައުމޫނާއި، ޤާސިމް އިބްރާހީމް ފަދަ ސިޔާސީ ބޭފުޅުންވެސް މިވަގުތު ގެންދަވަނީ 2023 ގެ ރިއާސީ އިންތިހާބަށް ރައްޔިތުންގެ ހިއްތައް ފަތަހަ ކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް ރައީސް ޔާމީނާއި ރައީސް ނަޝީދަކީ ވަރަށް ޕޯލަރައިޒިންގެ ނުވަތަ ޤައުމު އެއްބައިވަންތަ ކުރެއްވުމަށް ވުރެ ބޮޑަށް ބައިބައި ކުރައްވާ ދެބޭފުޅުންނެވެ. މިއޮތް ހާލަތުން ޤައުމު އެއްބައިވަންތަ ކަމާއިއެކު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނެ ކަމަށް ފެންނަނީ ރައީސް ސޯލިހާއި ރައީސް މައުމޫނާއި ޝެއިހް އިމްރާނާއި ޤާސިމް އިބްރާހިމް ގުޅިގެން އުފައްދަވާ ކޯލިޝަނަކުން ކަމަށް ފެނެއެވެ.
ޔާމީނު ޖަލުން ދޫކޮށްލުމަށް ގޮވާލައިގެން ޖާބިރާއި އުމަރު ނަސީރު އެކުރައްވާ މަސައްކަތަކީ ވެސް، އަދި ޔާމީނުގެ ދިފާއުގައި ޖަމީލު އެކުރައްވާ މަސައްކަތަކީ ވެސް 2023 އަށް ޕީ.ޕީ.އެމް ގެ ކޮންޓްރޯލް ނެގުމަށް ކުރެވޭ މަސައްކަތެވެ. ޔާމީނަށް 2023 ގެ ރިއާސީ ޓިކެޓް ދިނުމަށް އިދިކޮޅު ޕާޓީތަކުން ނިންމިއަސް ރައީސް ޔާމީނަކީ 2023 ގެ ސީރިއަސް ކެންޑިޑޭޓެއް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ނަމަވެސް އެމަނިކުފާނުގެ ތާއީދު އޮތް ކެންޑިޑޭޓަކަށް ކާމިޔާބު ހޯދަން ފަސޭހަ ވެދާނެއެވެ. 2023 އަންނައިރު ރައީސް ޔާމީނުގެ ތާއީދު އޮންނާނެ ކަމަށް ލަފާ ކުރެވެނީ އުމަރު ނަސީރަށެވެ. ރައީސް ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތި ނުލައްވަން ނިންމަވައިފިނަމަ ވާދަވެރި އިންތިހާބަކަށް ދާނެ ކަމަށް ފެންނަނީ އުމަރު ނަސީރު، ޤާސިމް އިބްރާހިމް އަދި މުހައްމަދު ނަޝީދެވެ. އުމަރުގެ ފަހަތުގައި ޔާމީނު؛ ޤާސިމްގެ ފަހަތުގައި މައުމޫނާއި ޝެއިހް އިމްރާން އަދި ނަޝީދުގެ ފަހަތުގައި ޑީ.އާރް.ޕީ ގެ ޖާބިރެވެ. ސިޔާސީ މައިދާނުން މިވަގުތު މިމަންޒަރު މުޅީން ނުފެނުނަސް މިމަންޒަރުގައި މަޑުމަޑުން ކުލަޖެހެމުންދާތަން އެބަ ފެނެއެވެ.
ރާއްޖޭގެ ސިޔާސީ މައިދާނަށް ބަލާއިރު، ބައެއް ފަރާތްތަކުން ޤަބޫލު ކުރަން ބޭނުން ނުވިއަސް، މިވަގުތު ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުންނެވި އެންމެ ބާރުގަދަ ފަރާތަކީ މަޖުލިސް ރައީސް މުހައްމަދު ނަޝީދެވެ. ޤާނޫނުތައް ބައްޓަންވެ، ސިޔާސަތުތައް ކަނޑައެޅިގެން ދާތަން ފެންނަނީ ރައީސް ނަޝީދު އެދިވަޑައިގަންނަވާ ގޮތަށެވެ. އެހެންކަމުން 2023 އަންނަންވާއިރު މިޤައުމުގެ ވެރިކަމުގެ ނިޒާމް، ނަޝީދު އެދިވަޑައިގަންނަވާ ގޮތަށް، ބަރުލަމާނީ ނިޒާމަކަށް ބަދަލުވުމަކީވެސް ހަމަ އެކަށީގެންވާ ކަމެކެވެ. އިދިކޮޅުފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ރައީސް ނަޝީދަކީ ހުރިހާ ދީނަކަށް ދިވެހީންގެ މެދުގައި މިނިވަންކަން އޮންނަ ގޮތަށް ސެކިއުލަރ ނިޒާމެއް ރާއްޖޭގައި ޤާއިމްކުރެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ހަމައެކަނި ޖާބިރާއި ޑީ.އާރް.ޕީ ގެ ތާއީދާއެކު ނިކުމެވަޑައިގެން ނަޝީދަށް ރިއާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެކަމަކަށް ނުބެލެވެއެވެ. ރާއްޖޭގެެ ވެރިކަން ރައީސް ނަޝީދަށް ލިބުމުގެ ފުރުސަތު އެންމެ ބޮޑީ ބަރުލަމާނީ ނިޒާމަކުން ކަމަށްވާތީ ނަޝީދާއި ނަޝީދަށް ތާއީދު ކުރާ މަޖުލިސް މެންބަރުންގެ މިސްރާބު ހުރީ އެފަދަ ދިމާލަކަށް ކަމުގައި ވިޔަސް އެހެން ސިޔާސީ ލީޑަރުން މިކަމަށް ތާއީދު ކުރުން ދުރެވެ. ރައީސް ސޯލިހުވެސް އެފަދަ ނިޒާމީ ބަދަލަކަށް ތާއިދުކުރައްވާ ކަމުގެ ހެއްކެއް ފެންނާކަށް ނެތެވެ.
މިހުރިހާ ކަމަކަށް ބަލާއިރު 2023 ވެގެން ދާނީ ދިވެހި ރާއްޖޭގެ ކުރިމަގުގެ މިސްރާބު ކަނޑައަޅާ އަހަރަކަށެވެ. ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުވާނެތޯއެވެ؟ ރައީސް ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތި ލައްވާނެތޯއެވެ؟ ނުލައްވާނަމަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ތާއީދު ކުރައްވާނީ ނަޝީދަށްތޯއެވެ؟ ނޫންނަމަ ޤާސިމަށްތޯއެވެ؟ މައުމޫނާއި ޝެއިހް އިމްރާން ނަންގަވާނީ ކޮންކޮޅެއްތޯއެވެ؟ އުމަރު ނަސީރާއި ޖާބިރު އަރުއްވާނީ ކޮންކޮޅަކަށް ތޯއެވެ؟ ޔަޤީނުންވެސް އެނގޭ ކަމަކީ 2023 ގައި ވެރިކަމުގެ ރޭހުގައި ބަސް ބުނާނެ ލީޑަރުންގެ ތެރޭގައި ރައީސް ސޯލިހު، ރައީސް ނަޝީދު، ރައީސް މައުމޫން، ރައީސް ޔާމިން، ޤާސިމް އިބްރާހިމް، ޝެއިހް އިމްރާން، އުމަރު ނަސީރު ފަދަ ބޭފުޅުން ހިމެނޭނެ ކަމެވެ. އާހިރުގައި ޤައުމުގެ ލަގަން ލިބޭނީ މީގެތެރެއިން ކޮންބޭފުޅަކަށްކަން ދަންނަވަން އަދި ތަންކޮޅެއް އަވަހެވެ.