ޕޮލިސް

ރޭގެ މުޒާހަރާއިން ހައްޔަރު ކުރި ދެ މީހަކަށް ފަސްދުވަހުގެ މުއްދަތެއް ޖަހައިފި

މަރިޔަމް ޝަހުދާ

"އަނިޔާވެރި ހުކުމާ ދެކޮޅަށް" ނަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭގެ ކުރިއަށްގެންދިޔަ ޖަލްސާއަށްފަހު ބޭއްވި މުޒާހަރާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ދެ މީހަކަށް ފަސްދުވަހުގެ މުއްދަތެއް ޖަހައިފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ރޭގެ މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ޖުމުލަ ހަތް މީހެކެވެ. އެމީހުންގެ ތެރެއިން ދެމީހަކަށް ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ޖަހާފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.

ރޭ ހައްޔަރު ކުރި އަނެއް ފަސް މީހުން ވަނީ ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރިއަށްގެންދާ ސިލްސިލާ އެއްވުންތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދޫކޮށްލުމަށް ގޮވާލައި ބާއްވާ މުޒާހަރާ ތަކެކެވެ. ރައީސް ޔާމީނަށް ކުރި މަނީ ލޯންޑަރިންގެ މައްސަލައިގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ވަނީ ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށް ލާފައެވެ.