ރައްޔިތުންގެ މަޖިލިސް

ރައީސް ޔާމީން ދޫކޮށްލަން ގޮވާލައި ކުރަންފެށި އިހުތިޖާޖުގެ ތެރެއިން މަޖިލީހުގެ ދައުރު ނިންމާލައި ދެމަހުގެ ޗުއްޓީއަށް

އިބްރާހިމް ޒަކީ

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ދޫކޮށްލަން އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފެށި އިހުތިޖާޖުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ މިއަދު ނިންމަލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ހަ މެންބަރުން އިހުތިޖާޖު ކުރަންފެށީ 1:30 ގައި މިއަދު ވޯޓަށް އަހަން ހުރި ކަންތައްތަކަށް ރިޔާސަތުން ވޯޓަށް އަހަން ފެށުމުންނެވެ.

އެ މެންބަރުންގެ އިހުތިޖާޖުގެ އަޑު ގަދަވަމުން ގޮސް، ވޯޓަށް އަހަން ހަމަޖެހިފައިވާ ހަ މައްސަލައިގެ ތެރެއިން އެންމެ ފަހު މައްސަލައަށް ވޯޓަށް އެހިއިރު، ނަތީޖާ އިއުލާން ކުރަން މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އުނދަގޫ ވާވަރަށް އަޑު ގަދަވިއެވެ.

އެންމެ ފަހު މައްސަލައަށް ވޯޓަށް އައްސަވައި ނަތީޖާ އިއުލާން ކުރެއްވުމަށްފަހު ރިޔާސަތުން ތެދުވެ ވަޑައިގެން މަޖިިލިސް ރައީސް، ރިޔާސަތުގެ ކުރިމަތީގައި ކޮޅަށް އިހުތިޖާޖު ކުރަން ތިއްބެވި އެ މެންބަރުންގެ އަރިހަށް ވަޑައިގެން ސަލާން ކުރައްވައި ވާހަކަތަކެއް ދެއްކެވިތަން ފެނުނެވެ. އެއަށްފަހު އެ މެންބަރުން ގޮޑިކޮޅުތަކަށް ވަޑައިގެންނެވިއެވެ.

އެއަށްފަހު މަޖިލިސް ރައީސް ރިޔާތަށް ވަޑައިގެން މިއަދުގެ ޖަލްސާ ނިންމެވިކަން އިއުލާން ކުރެއްވިއެވެ.

މަޖިލިހުގެ ތިން ވަނަ ދައުރުގައި ބޭއްވި 33 ޖަލްސާ އެވެ.

މި ދައުރުގައި މަޖިލިސް މެންބަރުން ކުރެއްވި ބުރަ މަސައްކަތް ފާހަގަ ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، މެމްބަރުންގެ މުސާރަ "ހަލާލް" ކަމަށް ލަފާކުރެއްވޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ ދެވަނަ ދައުރާ ބަލާއިރު، މި ކުޑަ ދައުރުގައި މެމްބަރުން ކުރެއްވި މަސައްކަތް މާ ގިނަ ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ މިދައުރުގެ 33 ޖަލްސާގައި 128 ގަޑިއިރާއި 37 މިނިޓު މެންބަރުން ހޭދަކޮށްފައިވާ ކަމަށެވެ. އަދި މެމްބަރުން 92 ޕަސަންޓަށް ޖަލްސާތަކަށް ވަޑައިގެންނެވި ކަމަށް ވެސް ވިދާޅުވިއެވެ. އަދި 395 ކޮމިޓީ ބައްދަލުވުމެއް ބޭއްވި އިރު، 441 ގަޑިއިރު ހޭދަކޮށްފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.

މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހުގެ ކުރީ ދައުރުގައި ލިބުނީ 16 ބިލު ކަމަށާއި މި ނިމުނު ދައުރުގައި 23 ބިލެއް މަޖިލިހަށް ހުށަހެޅި ކަމަށް ވިދާޅުވިއެވެ. މަޖިލިހަށް ހުށަހެޅި ބިލްތަކުގެ ތެރެއިން 11 ބިލް ނިމުނު އިރު، ނުނިމި 28 ބިލެއް އޮތް ކަމަށް ވެސް ވިދާޅުވިއެވެ.

ގަރާރުތަކަށް ބަލާއިރު، ކުރީގެ ދައުރުން 12 ގަރާރު ލިބިފައިވާއިރު މަޖިލިހަށް ފަސް ގަރާރެއް ހުށަހެޅި ނުނިމި 15 ގަރާރެެއް އޮތްކަން ފާހަގަ ކުރެވެއެވެ. ސަރުކާރުން ފޮނުވި މައްސަލަތަކުގެ ތެރެއިން ކުރީގެ ދައުރުން ދެ މައްސަލައެއް ލިބުނު އިރު، މި ދައުރުގައި 16 މައްސަލަ ހުށަހަޅާފައިވެއެވެ. ނުނިމި ވަނީ ހަމަ އެންމެ މައްސަލައެކެވެ.

ރިޔާސަތުން ހުށަހެޅި މައްސަލަތަކުގެ ތެރެއިން ކުރީ ދައުރުން ހަ މައްސަލަ އައި އިރު، މި ދައުރުގައި 17 މައްސަލަ ހިމެނެއެވެ. ނުނިމި ހަ މައްސަލައެއް އެބައޮތެވެ.

މިނިސްޓަރުންނާ ސުވާލު ކުރުމުގެ 24 މައްސަލައެއް ކުރިއަށް ގެންދިޔަ އިރު، ނުނިމި 12 މައްސަލަ އެބައޮތެވެ.