ރައްޔިތުންގެ މަޖިލިސް

ބަރުލަމާނީ ގުުޅުން ބަދަހި ކުރުމަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހާއެކު ސޮއިކުރަން މަޖިލީޙުން ރުހުން ދީފި

އިބްރާހިމް ޒަކީ

ބަރުލަމާނީ ގުޅުން ބަދަހި ކުރުމާބެހޭ އެއްބަސްވުމެއްގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް "ލޯކްސަބާ" އާއެކު ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުން ސޮއިކުރަން މަޖިލީހުން ރުހުން ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ، ބަރުލަމާނީ ގުޅުން ބަދަހި ކުރުމާބެހޭ އެއްބަސްވުމެއްގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް "ލޯކްސަބާ" އާއެކު ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުން ސޮއިކުރަން ހަމަޖެހިފައިވަނީ މަޖިލިސް މެންބަރުން ހިމެނޭ ވަފްދަކުން މިމަހު އިންޑިއާ އަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރެއްގެ ތެރެއިން ކަމަށެވެ.

މިމަހު ނުވަވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ކުރާ މިދަތުރުގައި "އެގްރީމެންޓް ފޯ ކޯޕަރޭޝަން ބިޓްވީން ލޮކްސަބާ އޮފްދަ ރިޕަބްލިކް އޮފް އިންޑިއާ އެންޑް ދަ ޕީޕަލްސް މަޖިލިސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" ގައި ދެ ފަރާތުން ސޮއި ކުރުމަށް ހަމަޖައްސާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މި އެއްބަސްވުމުގެ ދަށުން ދެފަރާތުގެ ދެމެދުގައި ބަރުލަމާނީ ގުޅުން ބަދަހި ކުރުމުގެ އިތުރުން ދެ ގައުމުގެ ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ކުރިއަރުވައި، ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ އިދާރާގެ ހިންގުން ތަރައްގީ ކުރުމާއި ފަންނީ ފުރުސަތުތަކަށް މަގުފަހި ކުރުމަށް ރަސްމީ އޮނިގަނޑެއް އެކުލަވައިލާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ދެފަރާތުން ގަވާއިދުގެ ތެރެއިން މައުލޫމާތު ބަދަލު ކުރުމާއި ބައިނަލް އަގުވާމީ ބައްދަލުވުން ތަކުގައި ބަރުލަމާނީ އެއްބާރުލުން ކުރިއަރުވަން މަގުފަހިވެންދާނެ އެވެ.

މަޖިިލިސް ރައީސް އިތުރަށް ވިދާޅުވީ މަޖިލީހުގެ މެންބަރުން އިންޑިއާއަށް ކުރައްވާ މި ދަތުރުގައި، މަޖިލީހުގައި ހިމެނި ވަޑައިގަންނަވާ ހުރިހާ ސިޔާސީ ޕާޓީތަކުން މެންބަރުން ހިމެނޭގޮތަށް 15 މެންބަރުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

މީގެ އިތުރުން މަޖިލީހުގެ އަމީން އާއްމުއާއި ކައުންސެލް ޖެނެރަލްވެސް މި ދަތުރުގައި ބައިވެރިވެ ވަޑައިގަންވާނެއެވެ.