ޝަހީދާ އަބްދުﷲ ސައީދު
މާލޭ އުތުރުފަރާތުގައި ހަދާފައިވާ ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިތައް ރޭ މެންދަމު ބަޔަކަށް ދޫކުރި މައްސަލަ ބަލާނެ ކަމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
''ވަންއޮންލައިން''އަށް މައުލޫމާތު ދެއްވަމުން ޝިފާ ވިދާޅުވީ ރޭ މެންދަމުގެ ވަގުތެއްގައި މާރުކޭޓުގެ ބައެއް ގޮޅިތައް ދެ އަހަރަށް ކުއްޔަށް ދިންކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.
ޝިފާ ވިދާޅުވީ މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވެގެން ކަމަށްބުނެ، ގޮޅިތައް ވަކި ބަޔަކަށް ދިނުމުގައި އިސްކޮށް އުޅުނީ ޕީޕީއެމްއަަށް ނިސްބަތްވާ މީހެއް ކަމަށް މައުލޫމާތު ލިބުނު ކަމަށެވެ. ދެ އަހަރަށް ކުއްޔަށް ދީފައިވަނީ އިއުލާން ކުރުމެއް ނެތި ގާނޫނާ ޚިލާފަށް ކަމަށް ވާތީ، އެކަން ބަލާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.
އެކަމާ ބެހޭގޮތުން މައުލޫމާތު ސާފުކުރުމަށް ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިސަރަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާތީ، މައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ.
މާރުކޭޓުގެ ބައެއް ގޮޅިތައް އިތުރު ދެ އަހަރަށް ކުއްޔަށް ދިން ކަމަށް ބުނާ އިރު، ބައެއް ގޮޅިތައް މިހާރު ދޫކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނެއެވެ.