އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 14

އަބްދުﷲ ފާރޫގް ހަސަން

2

(02 ޑިސެމްބަރުގެ އަދަދާ ގުޅޭ)

حسّان ކުޑައިރުކޮޅަކު ހިމޭނުން އިންނަވައިފައި ވިދާޅުވިއެވެ. "سُهيل އެވެ! ތޫރަޖުގެ ނުވަތަ ހުރުމުޒުގެ މީހުން ކޮންމެފަދަ ވަގުތެއްގައިވެސް މިއަވަށް ވަށައިލައިފާނެއެވެ. އެފަދަގޮތެއް ދިމާވެ ބޭބެއަށް ކުއްލިޔަކަށް ކޮއްކޮއާ ވަކިވާންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އެކަހަލަގޮތެއް ދިމާވިޔަސް ހިތްވަރު ދެރަނުކުރައްޗެވެ. ބޭބެއަށް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ قبــاد ކޮއްކޮ ބަޙްރައިނަށް ފޮނުއްވައިދެއްވާނެއެވެ."

އިރުކޮޅެއްވަންދެން سُهيل ހަމަހިމޭނުން އޮންނެވިއެވެ. ކުއްލިއަކަށް سُهيل ގިސްލަވާހެން حسّان އަށް ހީފުޅުވެއްޖެއެވެ. حسّان ތެދުވެވަޑައިގެން އިށީނދެވަޑައިގަންނަވަމުން ވިދާޅުވިއެވެ. "سُهيل އެވެ! ކީއްވީހެއްޔެވެ؟ ކޮއްކޮ ރޮނީހެއްޔެވެ؟"

سُهيل ޖަވާބު ދެއްވިއެވެ. "ލޯބިވާ ބޭބޭއެވެ! ބޭބެގެ ޙާލުކޮޅު އަޅުގަނޑަށް ވިސްނެއެވެ. މިހާރު ހުރުމުޒުގެ މުޅި ލަޝްކަރުގެ މަސައްކަތަކަށްވާނީ ބޭބެ ހޯދުމެވެ. ބޭބެ ފެނިއްޖެނަމަ އެބައިމީހުން ބޭބެ ދުނިޔޭގައި ހުންނެވިޔަކަ ނުދޭނެއެވެ. ބޭބެ މިތާ މަޑުކުރެއްވީ އަޅުގަނޑު ޒަޚަމްވެފައިވާތީއެވެ. ނަމަވެސް އަޅުގަނޑު އެދެނީ ބޭބެ އަވަހަށް މިތަނުން ވަޑައިގަތުމެވެ. އެބައިމީހުން މިގެއަށް ޙަމަލަދީފިނަމަ ބޭބެއަކަށް އަޅުގަނޑަށް އެއްވެސް އެހީފުޅެއް ނުދެއްވޭނެއެވެ. ބޭބެ ވަޑައިގެންނެތީސް އަޅުގަނޑު ހައްޔަރުކުރިޔަސް އެންމެ ބޮޑުކަމަކަށް ކުރާނެކަމަކީ އަޅުގަނޑު އަޅުވެތިކުރުމެވެ."

حسّان سُهيل ގެ ހިތްޕުޅު ހަމަޖައްސަވައިދެއްވަމުން ވިދާޅުވިއެވެ. "سُهيل އެވެ! އަހަރެމެންނަކީ އަނިޔާ ލިބިފައިވާ ނިކަމެތި ބައެކެވެ. އަހަރެމެންގެ އަތުގައި އެކައްޗެއްވެސް ނެތެވެ. އަހަރެމެންނަށްވަނީ އަނިޔާވެރިކަމުގެ ހިސާބެއް ނެތްފަދަ ގަދަފަދަ ބާރުތަކުގެ ކުރިމަތީގައި އައްޑަނައެއް ކަމުގައި މޭދިއްކޮށްލަން ޖެހިފައެވެ. އަހަރެމެންނަށްވަނީ އަހަރެމެންގެ ޒަޚަމްވެފައިވާ އަތްތަކުން ޢަދްލުއިންސާފުގެ ދިދަ އުފުލާން ޖެހިފައެވެ. މި އިމްތިޙާނުގައި އަހަރެމެންނަށް ލިބޭންއޮތް އެންމެ ބޮޑު އެހީއަކީ ކެތްތެރިކަމާއެކު ނުގުޑާފަދަ ގޮތެއްގައި ސާބިތުވެ ތިބުމެވެ. ލޯބިވާ ކޮއްކޯއެވެ! ހިތްވަރުގަދަކުރާށެވެ. މިބިމަށް ބޭނުންވަނީ އަހަރެމެންގެ ކަރުނައެއް ނޫނެވެ. އަހަރެމެންގެ ލެއެވެ. ކުރިޔަށްއޮތްތާނގައި އަހަރެމެންނާ ހައްތާވެސް ކުރިމަތިވާނީ ތޫރަޖުކަހަލަ މީހުންނާއެވެ. އަހަރެމެންގެ ހިތްވަރު އެލިއްޖެނަމަ ހޫނު މޫސުމުގައި ގަސްތަކުން ވެރިފައި ހުންނަ ފަތްތަކެކޭ އެއްގޮތަށް އަހަރެމެން ފުނޑުފުނޑުކޮށްލެވިދާނެއެވެ."

سُهيل ހިސާބަކަށް ހަމަޖެހިވަޑައިގަތުމާއެކު ޖަވާބުދެއްވިއެވެ. "ބޭބޭއެވެ! އަޅުގަނޑު ތޫރަޖުގެ ނުވަތަ ހުރުމުޒުގެ މީހުންދެކެ ބިރެއްނުގަނެއެވެ. އަޅުގަނޑު ބިރުގަންނަނީ ބޭބެ އަޅުގަނޑު ދޫކޮށްލައްވައިފައި ބޭބެގެ ފުރާނަފުޅު ސަލާމަތްކުރައްވަން ނުއުޅުއްވާނެތީއެވެ. އަޅުގަނޑު މާދަމާއަށް މުޅީން ރަނގަޅުވެދާނަމެވެ. ބޭބެއާއެކު ދަތުރުކުރެވޭވަރުވާނަމެވެ. ދަތުރުމަތީގައި ހުމާހުރެ ނުވަތަ ޒަޚަމުގެ އުނދަގުލަކާހުރެ ބޭބެއާ ޝަކުވާއެއް ނުކުރާނަމެވެ."

+ + + + +

حسّان އަވަހާރަފުޅުން ހޭފުޅުލެއްވުނުއިރު އޭނާގެ ހަށިކޮޅު ހީވަނީ ކުދިކުދި ވެދާނެހެންނެވެ. އޭނާގެ ފައިންޕުޅުގައިހުރި ޒަޚަމަށްވެސް ތަދުފުޅުވެއެވެ. ކޮޓަރީގެ އެއްކަނެއްގައިހުރި ފެންހަދަކުން އޭނާ ކަރުފުޅުހިއްކެވުން ފިލުއްވޭތޯ ބެއްލެވިއެވެ. އިރުކޮޅެއް ވަންދެން ހިއްސެއް ހަރަކާތެއްނެތި އަދަރާދަގޮނޑިކޮޅެއްގައި އިންނެވިއެވެ. އޭނާއަށް ބިންގަރާސް ކޮޓަރީން ނޭވާފުޅު ހާސްވާހެން ހީފުޅުވާން ފަށައިފިއެވެ. އޭނާ ވާފަށަށް ދަންމަވައި ސިއްރު ދޮރު ހުޅުއްވައިލެއްވުމަށްފަހު ބިންގަރާހުން ބޭރަށް ނުކުމެވަޑައިގެންފިއެވެ.

ވީރާނާވެފައިހުރި ގެއާ ސަތޭކަވަރަކަށް ފިޔަވަޅު ދުރުން ބޯގަސްތަކުގެ ތެރެއިން އޭނާއަށް ފިޔަފާޅިގަނޑެއް ފެނިވަޑައިގެންނެވިވެ. އެތާނގެ ތެރޭގައި އަހެއް ބަނދެފައި އޮތެވެ. قبــاد ގެ ނޯކަރެއް އަހަށް ވިނަކާންދެން ހުއްޓެވެ. حسّان އަހުގެ ކައިރިއަށް ވަޑައިގަތުމުން ނޯކަރު ކުރިޔަށްޖެހި ސަލާމްކޮށްލައިފައި ދެންނެވިއެވެ. "ސާހިބާ ތަނަކަށް ވަޑައިގަންނަވާނަމަ އަޅުގަނޑު ލަސްތަކެއްނުވެ އަސްތައްޔާރުކޮށްލަފާނަމެވެ. އަޅުގަނޑުމެންގެ އަވަށުގެ މީހުން މިޖަންގަލީގައި ފޯރިމަރަމުން އެބަގެންދެއެވެ. އަހަށް އަރާމު ހޯދައިދޭން އެބައިމީހުންގެ ބަހަށް އަޅުގަނޑު އަހުގެ ލަގަން ނެގީމެވެ."

"މިވަގުތު އަހުގެ ލަގަން އަޅާކަށް ބޭނުމެއްނޫނެވެ. އަހަރެން ބޭރަށްނުކުތީ ކުޑައިކޮށް ހިނގައިލަންވެގެންނެވެ." حسّان މިހެންވިދާޅުވެފައި ކުރިޔަށް ވަޑައިގެންފިއެވެ.

ޖަންގަލީގެ ތާޒާވައިގެ ތެރޭގައި ނޭވާފުޅު ލެއްވުމުން އޭނާއަށް ހިސާބެއްގެ އުފާވެރިކަމެއް ލިބިވަޑައިގެންނެވިއެވެ. ނަމަވެސް އިރުކޮޅެއްގެ ތެރޭގައި އުޑުމަތީގައި އިރުގެ ދޯދިތައް ފެތުރެން ފެށުމާއެކު އަނެއްކާވެސް އޭނާގެ ހިތްޕުޅަށް ދަތިކަން ލިބިވަޑައިގަންނަވަން ފަށައިފިއެވެ. އެނބުރި ވަޑައިގެންނެވިއިރު އޭނާއަށް ހުންފުޅުގެ އިޙްސާސް ކުރެއްވުނެވެ. ވީރާނާވެފައިވާ ގެއާ ހަމައަށް ވަޑައިގެންނެވުމުން ކުރިފުޅުމަތީގައިހުރި ބާލުޚާނާއާ ދިމާއަށް އޭނާގެ ނަޒަރު ހުއްޓިއްޖެއެވެ. ماه بانو އެތާނގައި ހުންނެވިއެވެ. އޭނާގެ ރަންކުލައިގެ އިސްތަށިފުޅުވަނީ ކަނދުރާފުޅު މައްޗަށް ވިހުރުވައިލެވިފައެވެ. ބާލުޚާނާގެ ފުރާޅުމަތީން ހުދުކުލައިގެ ކޮތަރުޖޯޑެއް ފެނިއްޖެއެވެ. އެސޮރުމެން ފިޔަ މޯޅިކޮށްލައިފައި ކުޑަދޮރާ ދިމާޔަށް ތިރިވެއްޖެއެވެ. ماه بانو ކުޑަދޮރުން ބޭރަށް އަތްޕުޅު ދިއްކޮށްލެއްވުމުން ދެކޮތަރު އައިސް އޭނާގެ އަތްދަނޑިފުޅަށް ތިރިކޮށްލިއެވެ. ماه بانو ކޮތަރު ހިއްޕަވައިފައި ވައިގެ ތެރެއަށް އެއްލަވައިލެއްވިއެވެ. ކޮތަރުތައް އިރުކޮޅަކު އުދުހިފައި އަނެއްކާވެސް އައިސް ކުޑަދޮރުގައި އިށީނދެއްޖެއެވެ. އެއާއެކު ފުރާޅުމަތިން އިތުރު ކޮތަރުތަކެއް ފެނިއްޖެއެވެ. ماه بانو ހިނިމޫނުފުޅުގެ މުތީތަކެއް ވިހުރުއްވަމުން އެތަނުން ގެއްލިއްޖެއެވެ. ދެން އޭނާ ފެނުނީ ގޭގެ ފުރާޅުމަތީންނެވެ. އޭނާގެ އަރިހުގައި ޚާދިމާއެއް ޓުކުރިއެއް ހިފައިގެން ހުއްޓެވެ. ماه بانو އެޓުކުރިއަށް އަތްޕުޅު ބާނުއްވައިފިއެވެ. އޭނާ ގޮވާންމުށްވަރުތަކެއް ނަންގަވައިފައި ފުރާޅުމައްޗަށް ވިހުރުއްވައިލައްވައިފިއެވެ. ކުއްލިޔަކަށް حسّان އަށް އިޙްސާސްވެވަޑައިގަތީ ماه بانو ޖަންގައްޔާ ދިމާޔަށް ބައްލަވަމުން ގެންދަވާކަމެވެ. އޭނާ ވީރާނާވެފައިހުރި ގެއާ ދިމާޔަށް ޖެހިވަޑައިގެންފިއެވެ. އިރުކޮޅެއްވަންދެން ފާރުކައިރީގައި ހުންނެވިއެވެ. ދެން އޭނާ ބައްލަވައިލެއްވިއިރަކު ماه بانو ފުރާޅުމައްޗަކު ނެތެވެ. حسّان އިރުކޮޅެއް ކޮށްލައްވައިފައި ބިންގަރާސްމަގުން އޭނާގެ ކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ. سُهيل އޭރުވެސް އޮންނެވީ އަވަހާރަފުޅަށެވެ. حسّان ބިންގަރާހުގެ ދޮރު ބަންދުކޮށްލެއްވުމަށްފަހު އޭނާގެ އެނދުގައި އޮށޯވެވަޑައިގެންފިއެވެ.

ކުއްލިޔަކަށް حسّان އަށް ކޮންމެވެސް މީހެއްގެ ފިޔަވަޅުގެ އަޑު އިވިވަޑައިގެންފިއެވެ. އޭނާ ތެދުވެވަޑައިގެން އިށީނދެވަޑައިގެންފިއެވެ. އެވަޑައިގެންނެވީ ماه بانو ބާއެވެ. އޭނާ އެކޮޓަރިޔަށް ވެދެވަޑައިގެން އަދަރާދަގޮނޑިޔެއްގައި އިށީނދެވަޑައިގެން ވިދާޅުވިއެވެ. "އަޅުގަނޑު ކަލާ ދުށީމެވެ. އަޅުގަނޑު ކޮތަރަށް ކާންދޭން އުޅުނުއިރުއެވެ. އެކޮތަރުތަކަކީ ބޭބޭފުޅުގެ ހަނދާނެކެވެ. ބޭބޭފުޅު ހަނގުރާމަޔަށް ވަޑައިގަތީ އެތަކެތި ބެލެހެއްޓުން އަޅުގަނޑާ ޙަވާލުކުރައްވައިފައެވެ. ކަލާގެ ކޮއްކޯފުޅުގެ ޙާލުކޮޅު ކިހިނަކުންތޯއެވެ؟"

"އެކަހަލަ ގޮތެކެވެ." حسّان ވިދާޅުވިއެވެ.

ماه بانو ވިދާޅުވިއެވެ. "ކަލާ ކަންބޮޑުވެވަޑައިނުގަންނަވާށެވެ. އަޅުގަނޑަށް ޔަޤީނެވެ. سُهيل އަށް ވަރަށް އަވަހަށް ފަސޭހަފުޅުވެދާނެއެވެ."

حسّان އިރުކޮޅަކު މަޑުކޮށްލައްވައިފައި ވިދާޅުވިއެވެ. "މިހުރިހައިކަމެއް އަޅުގަނޑަށް ހީވަނީ ހުވަފެނެއްހެންނެވެ. ކުރިޔަށްވުރެވެސް ނިކަމެތި އާރެއް ބާރެއް ނެތް މީހެއްގެ ގޮތުގައި އަޅުގަނޑަށް އެނބުރި މިގެއަށް އަންނަން ޖެހިދާނެކަމަށް މީގެ ތިންދުވަސްކުރިން ހީކުރާނީވެސް ކާކުތޯއެވެ؟ އާއްމުގޮތެއްގައި އަޅުގަނޑުމެންފަދަ ބަޔަކާމެދު ސަމާލުކަން ދެއްވައިގެންވެސް ނުވާނެ ބޭފުޅެއްކަމުގައިވާ ކަލާ އަޅުގަނޑުގެ ކޮއްކޮއަށް ހޭހަންކުރައްވާނެކަމުގައި ބުނާނީވެސް ކާކުތޯއެވެ. މިއަދު އަޅުގަނޑުގެ ފޯރުންތެރިކަމެއް ހުރިވަރުން އަޅުގަނޑުގެ ޝުކުރުވެރިކަމުގެ ޖަޒުބާތު ފާޅުކުރާނެ ލަފުޒުތަކެއްވެސް އަޅުގަނޑަކަށް ލިބޭކަށެއް ނެތެވެ."

ماه بانو ޖަވާބުދެއްވިއެވެ. ކަލާ ޝުކުރުވެރިވެވަޑައިގަތުމުގެ ގޮތުން އެއްޗެކޭ ވިދާޅުވާނެކަމެއް ނެތެވެ. މުސީބާތުގެ ޠޫފާނީ ވައިރޯޅިތައް އަޅުގަނޑުމެން އެކިދިމަދިމާއިން ގެނެސްވަނީ އެއްތަންކޮށްފައެވެ. އަޅުގަނޑުމެންގެ ޙިމާޔަތުގެ މަރުކަޒަކީ މިގެއެވެ. މިޠޫފާނީ ވައި މަޑުނުވާހައި ހިނދަކު އަޅުގަނޑުމެން އެކަކު އަނެކަކަށް ބޭނުމެވެ. އަޅުގަނޑުމެންވަނީ އަނިޔާވެރިކަމުގެ ނަގޫރޯޅީގެ ކުރިމަތީގައި އެކަކު އަނެކެއްގެ އަތުގައި ހިފަހައްޓައިފައެވެ. އަޅުގަނޑުމެންގެ ތަޤްދީރުގެ އެނބުރޭ ރާޅުބާނިތަކުގެ ތެރެއިން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެންވަނީ އެއްއޮޑިޔަކަށް އަރައިފައެވެ. މި ޠޫފާނުގެ ތެރެއިން ނިކުމެވުމާއެކު އަޅުގަނޑުމެންގެ ޙަޔާތުގެ މަގު އެކަކު އަނެކަކާ ވަކިވިކަމުގައިވިޔަސް އަޅުގަނޑުމެންގެ ހިތްވަރު އެލުނުވަގުތު އަޅުގަނޑުމެންނަށް ހިތްވަރުދެއްވީ ކަލާކަން އަޅުގަނޑު އަބަދުވެސް ހަނދާން ހުންނާނެއެވެ. މިއަދު ކަލާ ތިޔަ ހާލުކޮޅުގައި ހުންނަވަނިކޮށް ފެނުމުން އަޅުގަނޑަށް އިޙްސާސްވަނީ އަޅުގަނޑުމެން މިތިބީ އެކަންޏެއް ނޫންކަމެވެ."

حسّان ވިދާޅުވިއެވެ. "ކަލާ ހާދަ ހެޔޮފުޅެވެ. އަޅުގަނޑަށް ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި މައްސަލަތައް އިތުރުކުރެވެނީކީ ނޫންކަން އަޅުގަނޑުގެ ހިތަށް ޔަޤީންކޮށްދެވޭނެ ނަމައެވެ."

ماه بانو ވިދާޅުވިއެވެ. "ކަލާ ކަލާގެ ހިތްޕުޅަށް ޔަޤީންކޮށްދެއްވާށެވެ. އަޅުގަނޑުމެންގެ އެންމެ ބޮޑު ދުޝްމިނުގެ ކިބައިން އަޅުގަނޑުމެން ސަލާމަތްކޮށްދެއްވީ ކަލާއެވެ!"

"އެކަމަކު އަޅުގަނޑު ބިރުގަންނަނީ އަޅުގަނޑު މިނިކާވަގެއް މަރައިލައިގެން އެއަށްވުރެ ނުރައްކާތެރި މިނިކާ ޖަނަވާރުތަކަކަށް ކަލާގެ ގަނޑުވަރުގެ މަގުދެއްކުނީ ކަމުގައި ވެދާނެތީއެވެ."

ماه بانو ޖަވާބުދެއްވިއެވެ. "ކަލާ އަޅުގަނޑުމެންނާމެދު ފިކުރުބޮޑުނުކުރައްވާށެވެ. ކަލާގެ މުސްތަޤްބަލާމެދު އަޅުގަނޑުމެންނަށް ޔަޤީންކަން ލިބުމުން އަޅުގަނޑުމެން މިތާކު ނުތިބޭނޫއެވެ. ބައްޕާފުޅު އިންތިޒާރު ކުރައްވަނީ ޒަރުބަޚުތުގެ ޚަބަރަކަށެވެ. މަދާއިނުން އަޅުގަނޑުމެންނަށް ބޯހިޔާކޮށްލާނެ ތަންކޮޅެއް އޭނާއަށް ހޯއްދަވައިދެއްވިއްޖެނަމަ އަޅުގަނޑުމެން ދާނީ މަދާއިނަށެވެ. ماه بانو ވާހަކަފުޅު ކުރުކޮށްލައްވަމުން ވިދާޅުވިއެވެ. "އަޅުގަނޑު ކަލާއަށް ފަރީއްކޮޅު ފޮނުވާނަމެވެ."

حسّان ވިދާޅުވިއެވެ. "ނޫނެކެވެ. އަޅުގަނޑު މިއަދަކު ބަނޑުހައެއް ނުވެއެވެ."

"ކުޑައެތިކޮޅެއް ނަމަވެސް ވާނީ ފަރީއްކުޅުއްވާށެވެ." ماه بانو މިހެން ވިދާޅުވެފައި ދޮރާ ދިމާޔަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ. حسّان އަށް ހީފުޅުވީ ކުއްލިޔަކަށް އެކޮޓަރި މާބޮޑަށް ފަޅުވެއްޖެހެންނެވެ. "މަޑުކުރައްވާށެވެ." އޭނާ ވިދާޅުވިއެވެ. "އަޅުގަނޑު ކަލާގެ އަރިހުގައި ވާހަކައެއް ދަންނަވައިލަން ބޭނުމެވެ."

ماه بانو ހުއްޓިވަޑައިގެން حسّان އާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "އެއީ ކޮން ވާހަކަފުޅެއްތޯއެވެ؟"

حسّان ހިސާބަކަށް ފަސްޖެހިވަޑައިގަތުމަށްފަހު ވިދާޅުވިއެވެ. "އަޅުގަނޑު ކަލާއަށް ދަންނަވަން ބޭނުންވަނީ .... އަޅުގަނޑު ކަލާއަށް ޝުކުރުވެރިވާ ވާހަކައެވެ."

ماه بانو ހިނިފުޅުވަޑުވައިލެއްވިއެވެ. އޭނާ އެއްވެސް އެއްޗެކޭ ވިދާޅުނުވެ އެކޮޓަރީން ބޭރަށް ނުކުމެވަޑައިގެންފިއެވެ. އިރުކޮޅެއްވަންދެން حسّان އޭނާގެ ހުންފުޅުގެ މައްޗަކުންވެސް އަދި އޭނާގެ ޒަޚަމަށްވާ ތަދުފުޅުގެ މައްޗަކުންވެސް ހަނދުމަފުޅެއްނެތެވެ. އޭނާގެ މޫނުފުޅުމަތީގައި ނަށަމުންދިޔައީ ގުނައި ޢަދަދު ނުކުރެވޭހައި ގިނަ ހިނިތުންވުމެވެ. އޭނާގެ ހިތްޕުޅުން ތަކުރާރުކުރައްވައި ވިދާޅުވެވެނީ، "ماه بانو އެވެ! ماه بانو އެވެ! އަޅުގަނޑަކީ ޢަރަތްބަކީމެވެ. އަޅުގަނޑުގެ ގެވަނީ ލޫޓުވައިލެވިފައެވެ. އަޅުގަނޑު ބޯހިޔާކޮށްލާނެ ތަންކޮޅެއްވެސް ނެތެވެ. ހާސްކަމާއި ފިކުރުބޮޑުވުން ފިޔަވައި ކަލާއަށް އެރުވޭނެ އެހެން އެކައްޗެއްވެސް ނެތެވެ. އެހެންކަމާއެކުވެސް ޙަޔާތުގެ ކޮންމެވެސް ދުވަހަކުން އަޅުގަނޑުމެން އެކަކު އަނެކަކާ ވަކިވާކަށް އަޅުގަނޑު ނޭދެމެވެ." ދެން އޭނާ އެނދުގައި އޮށޯވެވަޑައިގެން އަމިއްލަފުޅު ނަފްސަށް މަލާމަތްކުރައްވަން ފައްޓަވައިފިއެވެ. "މޮޔަނުވާށެވެ! ތިޔަބައިމީހުން އެއްއޮޑިޔަކަށް އެރުވީ އިއްތިފާޤުން ދިމާވި ޙާދިޘާއެވެ. ނަމަވެސް ޒަމާނުގެ އެއްވެސް ސައިލަކަށް ތިޔަ ދެމީހުންގެ ދެމެދުގައިވާ ދުރުހިލޭކަމުގެ ފާރު ވައްޓައެއް ނުލެވޭނެއެވެ."

حسّان ދިހަދުވަސް ވަންދެން ގަދަ ހުންފުޅުގެ ސަބަބުން ތެދުވެވަޑައިނުގެންނެވި އޮންނެވިއެވެ. قبــاد އަށް ހީފުޅުވީ އޭނާގެ ހުންފުޅުގެ ސަބަބަކީ ޒަޚަމް ނުބައިވުން ކަމުގައެވެ. އެހެންކަމުން އޭނާ ވަރަށް ފަރުވާތެރިކަމާއެކު ޤަވާޢިދުން ބޭސްބަދަލުކުރައްވަމުން ގެންދެވިއެވެ. އެގާރަ ދުވަސްފަހުން އޭނާގެ ހުންފުޅު ވިހެލައިފިއެވެ. ކާއެއްޗެހި ފެނިވަޑައިގަތުމުން ފަރިއްކުޅުވާހިތްޕުޅުވާން ފަށައިފިއެވެ.

سُهيل ގެ ހާލުކޮޅުވެސް މަޑުމަޑުން އަންނަނީ ރަނގަޅުވަމުންނެވެ. ނަމަވެސް އޭނާ ހިންގަވާއިރު ވަރުފުޅުދެރަކަމުން ފައިންޕުޅު ތުރުތުރު އަޅައެވެ. حسّان އާލާސްކަންފުޅާ އުޅުއްވިއިރު قبــاد އާއި އޭނާގެ ދަރިކަނބަލުން حسّان އަށް އެންމެ ހިނދުކޮޅަކަށްވެސް ދުރުހިލޭ ބައެއްކަން އިޙްސާސް ކުރެއްވުނަކަ ނުދެއްވައެވެ. އެބޭފުޅުން ދުވާލަކު ތިން ހަތަރުފަހަރު حسّان ގެ ޙާލުކޮޅު ބައްލަވަން ވަޑައިގެން އުޅުއްވައެވެ. حسّان އާއި އޭނާގެ ކޮއްކޯފުޅުގެ ޙާލުކޮޅުބަލަން އެތާނގައި އަބަދު ނޯކަރަކު ހުރެއެވެ. ހުންފުޅުގެ ދިލަކަމާއި ޒަޚަމުގެ ރިހުމުގެ ތެރޭގައިވެސް حسّان ماه بانو އާ ދިމާއަށް ބައްލަވައިލައްވާ ކޮންމެފަހަރަކު އޭނާގެ އިޙްސާސްތަކާއި ޝުޢޫރުތަކުގެ ދުނިޔެ އެކަށް ފުރިގެންދަނީ އުފާވެރިކަމުގެ ހިނިތުންވުމުންނެވެ.

ماه بانو ގެ ހަމަހިމޭން ބެއްލެވުން ކުރީކޮޅުގައި حسّان އަށް ނޭނގޭ، ނުފެންނަ އުފާވެރި މެސެޖުތަކެއް ގެނެސްދިނެވެ. ނަމަވެސް މިހާރު އޭނާއަށް ބައެއްފަހަރު އިޙްސާސްކުރެއްވެނީ ޔަޤީންކަމެއްނެތް މުސްތަޤްބަލެއްގެ ބިރުވެރިކަމެވެ. އެމުސްތަޤްބަލުގެ ހުރިހައި މަގުތަކެއްގޮސް ނިމެނީ ނާމާން އަނދިރިކަމެއްގެ ތެރެއަށެވެ. އެކަނި އޮންނަވަން ޖެހިވަޑައިގަންނަވާ ކޮންމެ ފަހަރަކު އޭނާގެ ޚިޔާލުފުޅު ގޮސްހުއްޓެނީ ماه بانو ގެ މައްޗަށެވެ. އޭނާގެ ކަންފަތްޕުޅުގައި ގުގުމަނީ ماه بانو ގެ ހިތްގައިމު އަޑުފުޅެވެ. ރޭގަނޑު އެތައްދަމެއްވަންދެން ފުރޮޅިވަޑައިގަތުމަށްފަހު އޭނާގެ ސިކުނޑިފުޅުގެ އަރައިރުންތައް ހުވަފެނުގެ ދުނިޔޭގެ ޙިމާޔަތް ހޯދާއިރަށް ماه بانو އެތާނގައިވެސް އޭނާގެ ދަތުރުފުޅުގެ ބައިވެރިޔަކަށް ވެވަޑައިގަންނަވައެވެ. ނަމަވެސް އެރީތި ޚިޔާލުފުޅުތަކާއި އެހިތްގައިމު ހުވަފެންފުޅުތަކުގެ ފުންކަމުގެ ތެރެއިން އުފެދޭ މުޤައްދަސް އިޙްސާސެއްގެ ސަބަބުން އޭނާ ދެކެވަޑައިގަންނަވާ ހިތްޕުޅުވުމާއި، އޭނާ ދެކެ ލޯބިފުޅުވުމަށް ހިތްޕުޅު އެދޭ އެދުމާއި އޭނާ ހާސިލުކުރެއްވުމުގެ އުއްމީދުތަކަކީވެސް މާނައެއް ނެތްކަމަކަށް ވެގެންހިނގައިދެއެވެ. އޭނާގެ ސިކުނޑިފުޅުގެ އަރައިރުންތައް ނިހާޔަތަށް ދިއުމުން އޭނާގެ އެންމެފަހުގެ ނިޔާ އަބަދުވެސް އޮންނަނީ އޭނާގެ ހިތްޕުޅު އެދޭގޮތާ ޚިލާފަށެވެ. އެއީ ކޮންމެ ސިކުންތަކު އޭނާގެ ހިތްޕުޅުގައި ماه بانو ގެ ލޯބިފުޅުގެ ކުރެހުންތައް ފުންކުރަމުންގެންދާ އެދުންތަކެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟