އިބްރާހިމް ޒަކީ
މުވައްޒިފަކު އޭނާގެ މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި އިހުމާލުވެގެން ދައުލަތަށް ގެއްލުމެއް ލިބިއްޖެނަމަ އެ ގެއްލުމަކަށް އެ މުވައްޒިފަކު ފަރުދީގޮތުން ޒިންމާ ވާނަޖްހޭނެ ކަމަށް ހިމަނައި މާލިއްޔަތުގެ ގާނޫނު އިސްލާހު ކުރަން އެޓާނީ ޖނެރަލް (އޭޖީ) އަަށް ދަންނަވަން ރައްޔތިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުން އެގޮތަށް ފާސްކުރީ، ދައުލަތުން އެކިފަރާތްތަކާއެކު ވާ އެއްބަސްވުންތަކުގެ ދަށުން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތަކާމެދު ގެންގުޅޭ އުސޫލުތައް މުރާޖައާކޮށް، ދައުލަތުން ބުރަ ނުވާނޭ އުސޫލެއް ގާއިމުކުރުމަށް ގޮވާލައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ގަރާރުގައި ހިމެނޭ ކަންތައްތަކަށް ރިއާޔަތްކޮށް މާލިއްޔަތު ކޮމެޓީން އެކުލަވައިލި ރިޕޯޓްގައި ހިމަނައިގެންނެވެ.
މި ރިޕޯޓްގައި އެކަންތައްތައް ހަމަޖެއްސުމަަށް މަދަނީ އިޖުރާއަތުގެ ގާނޫނު ވީ އެންމެ އަވަހަކަށް އޭޖީގެ އޮފިހުން އެކުލަވާލައި މަޖިލީހަށް ފޮނުވަން ދެންނެވުމަށްވެސް ވަނީ ހިމަނައިފައެވެ.
އަދި ކޮންޓްރެކްޓާބެހޭ ގާނޫނުގެ 23 މާއްދާގެ (ހ) ގައި ކޮންޓްރެކްޓެއްގެ ބައިވެރިއަކު އެ ކޮންޓްރެކްޓަކާ ހިލާފު އަމަލެއް ކޮށްފިނަމަ އެ އަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް، އެ އަމަލު ކުރިމީހަކު ބަދަލުދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ވީނަމަސް ބަދަލުދޭން ޖެހޭނެ ގޮތުގެ އުސޫލެއް ބަޔާން ކޮށްފައި ނުވާތީ، ކޮންޓްރެކްޓްގެ ގާނޫނުގައި ބަދަލުގެ ގޮތުގައި ނެގޭނެ އުސޫލާއި ޖޫރިމަނާގެ ގޮތުގައި ފައިސާ ނަގައި ދެވޭނެ ކަމަށް ކަނޑައަޅާނަމަ އެ އުސޫލެއް އެ ގާނޫނުގައި ހިމެނުމުގެ މަސައްކަތް ކުރުމަށް އޭޖީ އަށް ދެންނެވުމަަށްވެސް ވަނީ ހިމަނައިފައެވެ
މީގެ އިތުރުން ސަރުކާރުން ސޮއިކުރާ އެއްބަސްވުންތަކުގައި ބަދަލުގެ ގޮތުގައި ދެވޭނެ އެންމެ މަތީ މިންވަރެއް ކަނޑައަޅަން ޖެހޭނެ ކަމަށް ސަރުކާރުގެ ހުރިހާ ވުޒާރާތަކަށް ލާޒިމްކޮށް ދައުލަތުގެ މާލިއްޔަތު ގަވާއިދު އިސްލާހު ކުރުމަށް ފިނޭންސް މިނިސްޓަރަށް ދެންނެވުމަށްވެސް ހިމަނާފައިވެއެވެ.