އިބްރާހިމް ޒަކީ
އިސްލާމީ ދައުލަތްތަކުގައި ރައްޔިތުން އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލިސްތައް ވަރަށް މަދު ކަމަށް ވިދާޅުވެ އެފަދަ ދައުލަތްތަކުގައި ރައްޔިތުން އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލިސްތައް އެކުލަވާލުމާ ބެހޭގޮތުން އެ ފަރަތްތަކާ ވާހަކަ ދައްކައި މަޝްވަރާކޮށް އެމަގަށް ބާރު އެޅުމަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ އިސްލާމީ ގައުމުތަކުގައި ހިމެނޭ ހުރިހާ ގާނޫނު ހަދާ މަޖިލީސްތައް ބައިވެރިވާ ގޮތަށް ބާއްވާ ކޮންފަރެންސެއް އަންނަ ޖެނުއަރީ މަހު ބުރުކީނަފާސޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ކޮންފަރެންސަށް ދައުވަތު ލިބިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، އިސްލާމީ ދައުލަތްތަކުގެ ތެރޭގައި އިންތިހާބުވެގެން ހިމެނިފައިވާ ރައްޔިތުންގެ މަޖިލިސްތައް އޮތީ ރާއްޖެ އާއި މެލޭޝިޔާ އާއި ޕާކިސްތާނު ފަދަ ދެތިން ހަތަރު ގައުމެއްގައި ކަމަށެވެ. އަދި އިސްލާމީ ދައުލަތްތަކުގައި ވަރަށް ބޮޑެތި މައްސަލަތައް އުފެދިފައިވާ ކަމަށާއި، އެ މައްސަލަތަކަކީ ރައްޔިތުންގެ ބޭނުންތަކާއި ވިންދާއި އެއްގޮތަށް ކަންތައްތައް ނުދިއުމުން ދިމާވެފައިވަ މައްސަލަތަކެއް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.