ޑރ. މުހައްމަދު ޖަމީލް އަހްމަދު

ޑިމޮކްރަސީގައި ޖޭއެސްސީ ފަދަ ތަންތަން ސިޔާސީ ފަރާތްތަކުގެ މުށުތެރެއަކު ނޯންނާނެ: ޑރ.ޖަމީލު

މަރިޔަމް ޝަހުދާ

ޑިމޮކްރަސީގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ފަދަ ތަންތަން ސިޔާސީ ފަރާތްތަކުގެ މުށުތެރެއަކު ނޯންނާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކަ އަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ މިހާރު ޖޭއެސްއީގައި ހުންނެވި މަގާމުން ދުރަށް ޖެހިވަޑައިގެންނެވުމަކީ މިވަގުތު ރާއްޖެއަށް ލިބޭނޭ އެންމެ ބޮޑު ބޮނޑި ކަމަށް ވިދާޅުވެފައެވެ. އަދި އެ މަގާމުގައި އެމަނިކުފާނު އިންނަވައިފި ނަމަ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

މިކަމަށް ރައްދު ދެއްވަމުން ޑރ. ޖަމީލު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޑިމޮކްރަސީއެއްގައި ސިޔާސީ ވެރިން ޝަރުއީ ދާއިރާ ކޮންޓްރޯލު ނުކުރާނެ ކަމަށެވެ. އަދި ސިޔާސީ ވާދަވެރިންނަށް ހުކުމް ޖެހުމަކީ ގައުމީ ހިދުމަތެއް ނޫން ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ. ހަމަ އެހެންމެ އިސްލާހަކީ ވަކި މީހަކަށް ކިޔާ ނަމެއް ނޫން ކަމަށާއި، އެއީ އަމަލުން ސާބިތު ކުރެވޭ ކަމެއް ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.

ރައީސް ނަޝީދު މި މޭރުމުން މަޖިލީހުގައި ވާހަކަފުޅު ދައްކަވާފައިވަނީ މިއަދުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހުސްނުއްސުއޫދު އައްޔަން ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ހުށަހައިގެން ކުރިއަށް ގެންދިޔަ ބަހުސްގައި އިދިކޮޅު ޕީއެންސީގެ މެންބަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް، ރައީސް ނަޝީދަށް ނިސްބަތް ކުރައްވައި ދެއްކެވި ވާހަކަ އަށް ރައްދު ދެއްވަމުންނެވެ.